އާއުސޫލަށް ނުފެތޭތީ ފީޖީން ފޮނުވި ގިނަ މައްސަލަތަށް ކޯޓުން ބަލައެއްނުގަތް

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާކުރުމަށް ކުރިމިނަލް ކޯޓަށް ފޮނުވާފައިވާ މައްސަލަތަށް އަނބުރާ ފޮނުވާލައިފިއެވެ.
ކްރިމިނަލް ކޯޓުގެ މީޑިޔާ އޮފިޝަލް މުހައްމަދު މަނިކު މިއަދު ރާއްޖޭގެ ބައެއް މިޑިޔާތަކަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ވޭތިވެދިޔަ ތިން ދުވަހުގެ ތެރޭގައި ޕީޖީ އޮފީހުން ހުށަހަޅާފައިވާ މައްސަލަތައް ބަލައި ޗެކް ކުރުމަށް ފަހު، 60 މައްސަލައެއް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.
މައްސަލައެއް އަނބުރާ ފޮނުވާލީ ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަވެފައި ނުވާތީ ކަމަށާއި އަނބުރާ ފޮނުވާލި މައްސަލަތަކުގެ ތެރޭގައި އަލަށް އެކޯޓުން އަމަލުކުރަންފެށި އޮނިގަނޑަށް ނުފެތޭގޮތަށް ފޮނުވާފައިވާ ބައެއް މައްސަލަތަކާއި، ކުރިންވެސް ބަލަމުން އަންނަ އުސޫލުން މައުލޫމާތު ފުރިހަމަ ނުވާ ބައެއް މައްސަލަތައް އަނބުރާ ފޮނުވާލާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ޕީޖީގެ އޮފީހުން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.
މީގެ ކުރިން ކުރިމިނަލް ކޯޓަށް ހުށަހަޅާ މައްސަލަތައް އެކޯޓަށް ބަލައި ނުގަނެ އަނބުރާ ފޮނުވާލާފައިވާނީ ޕީޖީއަކު ނެތްކަމަށް ބުނެފައެވެ. ނަމަވެސް އެމައްސަލާގައި ސްޕްރީމް ކޯޓުން ދެ ފަހަރެއްގެ މަތިން އަމުރު ނެރުމާއި ގުޅިގެން، ޕީޖީ އޮފީހުން ހުށަހަޅާ މައްސަލަތައް ކުރިއެކޭވެސް އެއްގޮތަށް ބަލައިގަތުމަށް ކުރިމިނަލް ކޯޓުންވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ