ސިޓީގެ މައްޗަށް ކުރި ހޯދާ ލިވަޕޫލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

2-3 ގެ ނަތީޖާއަކުން މެންޗެސްޓަރ ސިޓީގެ މައްޗަށް ކުރި ހޯދާ ލިވަޕޫލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.
ލިވަޕޫލް ލީގުގެ އެއްވަނައިގައި އޮތީ 77 ޕޮއިންޓާއެކީގައެވެ. ދެވަނައިގައި ލިވަޕޫލްއަށް ވުރެ އެއް މެޗު މަދުން ކުޅެގެން 72 ޕޮއިންޓާއެކީ އޮތީ ޗެލްސީއެވެ. މި މެޗުން ބަލިވި ސިޓީ އޮތީ އެއްވަނައިގައި އޮތް ލިވަޕޫލްއަށް ވުރެ ދެ މެޗު މަދުންކުޅެގެން 70 ޕޮއިންޓާއެކީ ލީގުގެ 3 ވަނައިގައެވެ.
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑްނެގީ ވެސް ލިވަޕޫލްއިންނެވެ. މި ގޯލް މެޗުގެ 6 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންގްއެވެ.
އަދި މެޗުގެ 26 ވަނަ މިނެޓްގައި ލިވަޕޫލް އިންވަނީ އެޓީމުގެ ދެވަނަ ގޯލް ޖަހާ އެޓީމުގެ ލީޑް ފުޅާކޮށްފައެވެ.ޖެރާޑް ޕެނަލްޓީއޭރިއާގެ ތެރެއަށް ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރ މާޓީން ސްކާޓެލްއެވެ. މި ގޯލަށްފަހު ވެސް ލިވަޕޫލްއަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
ފުރަތަމަ ހާފްގައި ދަށްކުޅުމެއް ސިޓީގެ ފަރާތުން ފެނިގެންދިޔަ ނަމަވެސް ދެވަނަ ހާފްގައި ސިޓީން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ނަތީޖާއެއްގެ ގޮތުން މިލްނާ ދިން ޕާހަކުން ސިޓީގެ މިޑްފިލްޑަރ ޑޭވިޑް ސިލްވާ ވަނީ މެޗުގެ 57 ވަނަ މިނެޓްގައި އެ ޓީމުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދީފައެވެ. މި ގޯލަށްފަހު ސިޓީން ލިވަޕޫލްގެ ގޯލަށް ދިޔައީ ފުލުފުލުގަ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލުމުންނެވެ.
ސިޓީ އިން މި މެޗުގައި ޖެހި ދެވަނަ ގޯލަކީ މެޗުގެ 62 ވަނަ މިނެޓްގައި އެ ޓީމުގެ ފުލްބެކް ގްލެން ޖޯންސަންގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މި ގޯލަަށްފަހު ސިޓީއަށް ވަނީ މި މެޗުގައި ލީޑްނަގަން ހުސް 2 ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ޒެކޯ ކުރިއަށް ފޮނުވާލި ލިވަޕޫލްގެ ކީޕަރު ދިފާއުކުރިއިރު ސިލްވާ ކުރިއަށް ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަނޑިކައިރިން ބޭރަށެވެ.
ލަނޑުޖަހަން ސިޓީއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 78 ވަނަ މިނެޓްގައި ލިވަޕޫލްއިން އެޓީމުގެ ތިންވަނަ ގޯލް ކާމިޔާބުކުރުމެވެ. މި ގޯލް ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން މިޑްފިލްޑަރ ފިލިޕޭ ކޫޓީނިއޯއެވެ.
މެޗުގެ އެންމެ ފަހު މިނެޓްގައި ލިވަޕޫލްގެ ޒުވާން މިޑްފިލްޑަރ ހެންޑަސަން ސިޓީގެ ނަސްރީއަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ ސީދާ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ