އުމަރު ޒާހިރުގެ ހަޔާތްޕުޅުގެ މައްޗަށް ފޮތެއް ނެރެފި

ނިޝާން އިއްޒުންދީން އިއްޒަތުގެ ވެރިޔާގެ ލަގަބު ލިބިވަޑައިގެންފައިވާ އުމަރު ޒާހިރުގެ ހަޔާތްޕުޅުގެ މައްޗަށް ފޮތެއް ނެރުއްވައިފިއެވެ. އުމަރު ޒާހިރުގެ ހެޑް މާސްޓަރުކަމުގައި މަޖިދިއްޔާ ސްކޫލުގައި ތައުލީމް ހާސިލްކުރެއްވި މަޝްހޫރު ލިޔުންތެރިޔާ ކަށިމާ އަހްމަދު ޝާކިރު ލިޔުއްވި "އުމަރު ޒާހިރުގެ ޚިދުމަތުގެ ހަދާންތައް" އެފޮތް މިރޭ ނެރެދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއެވެ. އެފޮތް ނެރެދެއްވުމަށްފަހު ރައީސް މައުމޫން ވިދާޅުވީ މީހަކާ ގުޅޭގޮތުން ފޮތެއް ލިޔާނަމަ ދެ ކަމެއް ހާސިލުކުރަންޖެހޭ ކަމަށާއި އެއީ އެމީހެއްގެ ކާމިޔާބީތަކުގެ ވާހަކައާއި މައުލޫމާތުގެ މުއްސަދިކަމާއި މީހުން ކިޔާހިތްވާގޮތަށް އެފޮތެއް އޮތުން ކަމަށެވެ. އުމަރު ޒާހިރުގެ ހަޔާތްޕުޅުގެ މައްޗަށް ކަށިމާ ޝާކިރު ލިޔުއްވާފައިވާ އެ ފޮތަކީ އެފަދަ ފުރިހަމަ ފޮތެއް ކަމަށް މައުމޫން ވިދާޅުވިއެވެ. އުމަރު ޒާހިރާ ގުޅޭގޮތުން ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނަކީ އާދަޔާ ޚިލާފު ޚިދުމަތްތެރިއެއް ކަމަށެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ގިނަ މަޝްރޫތަކެއް އުމަރު ޒާހިރުއާއި ހަވާލުކުރެއްވިއިރު ވަރަށް ފުރިހަމަކޮށް އެމަސައްކަތެއް ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. "ހަވާލު ކުރެވުނު ކޮންމެ ކަމެއް އެހާމެ ރަނގަޅަށް ކުރައްވާނެ. ހަމަ 24 ގަޑިއިރު އެކަމެއްގައި އުޅުއްވާ ދުވާލަކަށް ރޭގަނޑަކަށް ނުބައްލަވާ ވިއްސާރަވިޔަސް، އަތްވާވާރޭގައިވެސް ކޮންމެ ފަދަ ހާލަތެއްގައިވެސް،" ރައީސް މައުމޫން ވިދާޅުވިއެވެ. އުމަރު ޒާހިރަކީ ސަރުކާރަށް ވަަރަށް ވަފާތެރި ބޭފުޅެއް ކަމަށާއި ކޮންމެ މަގާމަކަށް ބަދަލުކުރެއްވިޔަސް ހިތްބުރަކަމެއް ނުގެންގުޅުއްވާ ބޭފުޅެއް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އެފޮތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެފޮތް ލިޔުއްވި ކަށިމާ ޝާކިރު ވިދާޅުވީ އެފޮތުގައި އުމަރު ޒާހިރުގެ ސްކޫލު ދައުރުން ފެށިގެން ދައުލަތައް ކުރެއްވި ޚިދުމަތްތަކާއި އަމިއްލަ ދިރިއުޅުންތަކުގެ ތަފްސީލީ މައުލޫމާތު ހިމެނޭނެ ކަމަށެވެ. އޭގެ ތެރޭގައި އެމަނިކުފާނުގެ ޚިދުމަތުގެ ދުވަސްވަރު ދިމާވި ކަންކަމުގެ ތަފްސީލް ހިމެނޭނެ ކަމަށްވެސް ޝާކިރު ވިދާޅުވިއެވެ. ޝާކިރު ވިދާޅުވީ އެފޮތް ލިޔުމަށް އުމަރު ޒާހިރުގެ ބަސްތީގަތުމަކަށް އެދުމުން އެމަނިކުފާނު ދެއްވީ 48 ފޮތް ކަމަށާއި އެފޮތްތަކުގައި ސްކޫލު ދައުރުން ފެށިގެން ފަހުގެ ތާރީޚާ ހަމައަށް އުމަރު ޒާހިރުގެ ދިރިއުޅުމުގެ ވާހަކަތައް "ޑައިރީ" އެއްގެ ގޮތުގައި ލިޔުއްވާފައިވާ ކަމަށް ވިދާޅުވިއެވެ. އުމަރު ޒާހިރަކީ ގިނަ ދުވަސްތަކެއް ވަދެން ގައުމަށް ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. ޚާއްސަކޮށް ގައުމީ ތަރައްގީގެ މަސައްކަތްތައް ކުރެއްވުމުގައި އިސްކޮސް އުޅުއްވިއެވެ. އޭގެ ތެރޭގައި ހުޅުމާލެ ހިއްކުމާއި ތިލަފަޅު ހިއްކުން ފަދަ މަޝްރޫތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ