ގާޒީ ހައިލަމަށް އަލްހާން ދެލައްކަ ރުފިޔާ ދިން މައްސަލައެއް ބަލަނީ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ދެ ލައްކަ ރުފިޔާ ދިން މައްސަލައެއް ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ބަލަން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ވިދާޅުވީ، އިސް ގާޒީ ހައިލަމްއާއެކު ކުރީގެމެންބަރު އަލްހާން ފަހުމީގެ ފަރާތުން މި އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު ދެ ލައްކަ ރުފިޔާގެ ޓްރާންސެކްޝަނެއް ހިންގާފައިވާކަން ފާހަގަކުރެވިފައިވާކަމަށް ހާމަކޮށް، އެ ކޮމިޝަނަށް އިއްޔެގެ ވަގުތެއްގައި ފުލުހުން ސިޓީއަކުން އަންގާފައިވާ ކަމަށެވެ.
"އެ ސިޓީގައި ފާހަގަކޮށްފައިވާ ކަމަކީ. ފަނޑިޔާރަކާއި ގުޅިގެން ފާހަގަކޮށްފައިވާ ސީރިއަސް މައްސަލައެއްކަމަށްވާތީ، އެ މައްސަލަ ތަހުގީގު ކުރުމަށް ކޮމިޝަނުން މިއަދު ނިންމިއެވެ".ޖޭއެސްސީން ވިދާޅުވިއެވެ.
ޖޭއެސްސީން ވިދާޅުވީ، އެމްއެމްއޭ އިން އެ މައްސަލަ މިދިޔަ ޖުލައި މަސް ތެރޭގައި ފުލުހުންގެ ސަމާލުކަމަށް ގެނައި ނަމަވެސް، މި މައްސަލައާ ގުޅިގެން ފުލުހުން މިއަދާއިހަމައަށް އެކަށީގެންވާ ފިޔަވަޅު އަޅާފައިވާ ކަމަށް ގަބޫލުނުކުރެވޭތީ އެ މައްސަލަ ރައީސުލްޖުމްހޫރިއްޔާއަށާއި، ނެޝެނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހެޅުމަށް އެ ކޮމިޝަނުން ނިންމާފައި ވާ ކަމަށެވެ.
ޖޭއެސްސީން މި މައްސަލަ ބަލާކަން އިއުލާނުކުރެއްވިއިރު، އެ ކޮމިޝަނުން ގާޒީ ހައިލަމް ވަނީ ސަސްޕެންޑްކޮށްފައެވެ.
އެ ކޮމިޝަނުން ގާޒީ ހައިލަމް ސަސްޕެންޑްކޮށްފައި ވަނީ، 60 ދުވަހަށެވެ. ހައިލަމް ސަސްޕެންޑްކޮށްފައި ވަނީ، އެމަނިކުފާނާއި ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމެއް ކްރިމިނަލް ކޯޓު މުވައްޒަފުންގެ ވައިބާ ގްރޫޕެއްގައި ހިއްސާ ކުރެއްވި މައްސަަލައާ ގުޅިގެން އެ ކޮމިޝަނަށް ހާޒިރުވެ، ބަޔާން ދޭން އުޒުރުވެރިވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ