ސުޕްރީމް ކޯޓުގެ ޙުކުމުގެ މައްސަލަ ހޫނު ވެފައި ވަނިކޮށް ކުއްލި ގޮތަކަށް އީޔޫއާއި އިންޑިޔާގެ ސަފީރުން މަޖިލީހުގެ ރައީސް އަރިހަށް

ސުޕްރީމް ކޯޓުގެ ޙުކުމުގެ މައްސަލަ ހޫނު ވެފައި ވަނިކޮށް ކުއްލި ގޮތަކަށް އީޔޫއާއި އިންޑިޔާގެ ސަފީރުން މަޖިލީހުގެ ރައީސާ ބައްދަލު ކޮށްފި އެވެ. މިކަން ހާމަކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ޔޫރަޕިއަން ޔޫނިއަންގެ ވަފުދުގެ އިތުރުން އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައި ވާކަމަށެވެ.މި ބައްދަލުވުން ތަކުގެ ތެރެއިން ޔޫރަޕިއަން ޔޫނިއަންގެ ވަފުދާއި އެކު ބޭއްވި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އިންތިޒާމްތައް އަމާން އޮމާންކޮށް ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި ކަމަށާއި، މި އިންތިޚާބަކީ ދެފުށްފެންނަ، އަދި އިތުބާރުހިފޭ އިންތިޚާބަކަށް ހެދުމަށް ބައިނަލްއަޤްވާމީ އޮބްޒާވަރުންގެ މުހިންމު ދައުރާއި ގުޅޭގޮތުން މަޖިލީހުގެ ރައީސް ވާހަކަ ދެއްކެވި ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.މީގެ އިތުރުން އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ރަޖީވް ޝަހާރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ އަރިހަށް ކުރެއްވި ޒިޔާރަތުގައި މަޝްވަރާ ކުރެވުނީ އިންޑިޔާ އާއި ރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގާތް ރަޙްމަތްތެރި ގުޅޭގޮތުން ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ. އަދި އިންޑިޔާއަކީ، އެކިގޮތްގޮތުން ދިވެހިރާއްޖެއަށް ވަރަށްގިނަ ގޮތްގޮތުން އެހީތެރިކަން ފޯރު ކޮށްދޭ ޤައުމެއް ކަމަށާއި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ