އިޒްރޭލަކީ ޔަހޫދީ ދައުލަތެއް ކަމަށް ކަނޑައަޅައިފި

އިޒްރޭލަކީ ސީދާ ޔަހޫދީ ދައުލަތެއް ކަމަށާއި ގުދުސްއަކީ ވެރިރަށް ކަމަށް ކަނޑައަޅާ ބިލެއް އެ ގައުމުގެ ގާނޫނޫ ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.
އެ ބިލުގައިވާ ގޮތުން، އަރަބި ބަހަކީ ރަސްމީ ބަސް ނޫން ކަމަށް ކަނޑައަޅާ، ޔަހޫދީން ގައުމަށް ވަޒަންވެރި ވަމުން ދިއުމަކީ ގައުމީ މަސައްކަތްތަކެއް ކަމެއް ކަމަށެވެ. އަދި ގުދުސް އަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ވެސް ވަނީ ރަސްމީކޮށް ކަނޑައަޅާފަ އެވެ.
އިޒްރޭލުގެ އަރިބި މަޖިލިސް މެމްބަރުން އެ ގާނޫނަށް ދެކޮޅު ހެދި ނަމަވެސް، ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެ ގާނޫނަކީ ލިބުނު "ބޮޑު ކުރިއެރުމެއް" ގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
އަށް ގަޑިއިރަށް ދިގު ދެމިގެންދިޔަ މަޖިލީހުގެ ޖަލްސާގައި، އެ ބިލު ފާސްވީ 62 ވޯޓުންނެވެ. އެ ބިލާއި ދެކޮޅަށް 55 މެމްބަރުންނެވެ.
އިޒްރޭލުގައި އާބާދީގެ 20 ޕަސަންޓަކީ އަރަބިންނެވެ. އަދި މި ފަދަ ގާނޫނެއްގެ ސަބަބުން، އަރަބިންގެ ހައްގުތަކަށް އިތުރު ހީނަރު ކަމެއް އަންނާނެ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިނގިރޭސިން ފަލަސްތީނު ހިފައި، އެބިމުގައި ޔަހޫދީން އާބާދުކޮށް އެއަށް ފަހު އެމީހުންނަށް އެތަނުގައި ދައުލަތެއް ގާއިމު ކޮށްދިނީ މީގެ 70 އަހަރު ކުރިންނެވެ. ފަލަސްތީނުގެ އަސްލު ވަޒަންވެރިން އެމީހުންގެ ގެދޮރުން ނެރެލައި އިޒްރޭލުގެ ދައުލަތް ގާއިމްކުރުމަަށް ފަހު އެކަން ރަސްމީކޮށް އިއުލާނު ކުރީ 1948 ވަަނަ އަހަރުގެ މޭމަހުގެ 14 ވަނަ ދުވަހު އެވެ.
އިޒްރޭލުން އަދިވެސް ދަނީ ފަލަސްތީނު މީހުންނާއި ދެކޮޅަށް އިންސާނިއްޔަތާ ހިލާފު އެތައް ޖަރީމާތަކެއް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ