"ދިވެހިން ބޭނުންވާ ވެރިކަމެއް ގެނެވެންޖެހޭނެ, ސާފު ނުސާފު ނިންމާނީ ރައްޔިތުން"

ދިވެހިން ބޭނުންވާ މީހާ ދިވެހިންގެ ވެރިކަމަށް ދިވެހިންނަށް ގެނެވެންޖެހޭނެކަމަށާއި ސާފު ނުސާފު ނިންމާނީ ރައްޔިތުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ އާންމު މެމްބަރުންގެ އަޤުލަބިއްޔަތުން އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓްގެ ގޮތުގައި ރައީސް މުހައްމަދު ނަޝީދު ވަނީ އިންތިހާބުކޮށްފައެވެ. އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެމަނިކުފާނުގެ ކެނޑިޑަސީ ބަލައިނުގަތުމަށް ނިންމުމާގުޅިގެން އިދިކޮޅު ފަރާތްތަކުގެ މެދުގައި ސާފު ކެނޑިޑޭޓެއްގެ ބަހުސްވެސް ވަނީ ގަދަވެގެން ގޮސްފައެވެ.
ސާފް ކެންޑިޑޭޓެއްގެ ބަހުސް ގަދަވެފައިވަނިކޮށް ރައީސް ނަޝީދު ކުރެއްވި މިޓުވީޓެއްގައި އިލެކްޝަންސް ކޮމިޝަނަށް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ސާފު ކެނޑިޑޭޓެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ދައްކަވާ ތިނޯހެއްގެ ފަގައިގެ މިންވަރަކީ ދިވެހިންނަށް ހައްޤު މިންވަރު ނޫންކަމަށެވެ.
އޭގެއިތުރުން އެމަނިކުފާނު ވިދާޅުވީ ދިވެހިން ބޭނުންވާ މީހާ ދިވެހިންގެ ވެރިކަމަށް ދިވެހިންނަށް ގެނެވެންޖެހޭނެކަމަށާއި، ސަފު ނުސާފު ނިންމާނީ ރައްޔިތުން ކަމަށެވެ.
ސާފު ނުސާފު ކެނޑިޑޭޓެއްގެ ބަހުސް ގަދަވެފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް، ގުޅިފައިވާ ޕާޓީތަކުން ނެރެންޖެހޭނީ ސާފު ކެނޑިޑޭޓެއް ކަމަށް ވިދާޅުވެ ބަޔާނެއް ނެރުއްވުމާއި ގުޅިގެންނެވެ. އޭގެއިތުރުން ޤާސިމް އިބްރާހިމް ވަނީ ރައީސް ނަޝީދުގެ ކެނޑިޑަސީ ސައްހަ ނުވާނެކަމަށް ނިންމަވައި، އެމަނިކުފާނުގެ ނަންފުޅައް ވެސް ތާއީދުނުކުރައްވާކަން ހާމަކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ