ޕީޖީއިން ދެކޮޅު ހަދަނިކޮށް އަލީ ހުސެއިނަށް އިތުރު މުއްދަތު ގާޒީ ދެއްވައިފި

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިންނަށް ވަކީލެއް އައްޔަންކުރުމަށް އެތައް ދުވަހުގެ މުއްދަތެއް ދެވިފައިވީ ނަމަވެސް އަދި ވަކީލެއް ހަމަޖެހިފައިނުވާތީ އިތުރު މުއްދަތު ނުދޭން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ޝަރީއަތުގައި އެދިއްޖެ އެވެ. މިގޮތަށް އެދުނީ އިތުރު 11 މެންބަރުންނާއެކު އަލީ ހުސެއިންގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒުކުރަން ހުރި މުވައްޒަފަކަށް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާގެ އަޑުއެހުމުގަ އެވެ.
މީގެކުރިން މި މައްސަލާގައި ބޭއްވި އަޑުއެހުމުގައި ވެސް އަލީ ހުސެއިން ވިދާޅުވެފައިވަނީ އޭނާގެ ވަކީލް ސަސްޕެންޝަންގައި ހުރި ކަމަށެވެ. އެހެންވެ އޭނާ އިހްތިޔާރު ކުރާ ވަކީލު ހަމަނުޖެއްސިފައިވާ ކަމަށެވެ. އެހެން މެންބަރުން ވަނީ ވަކީލުން ހަމަޖައްސާފަ އެވެ. ނަމަވެސް އެ މެންބަރުން ބޭނުން ވަނީ އަލީ ހުސެއިންނަށް ވަކީލަކު ހަމަޖެހުމުން އެ މައްސަލާގައި އިތުރަށް ކުރިއަށްދާށެވެ.
އެހެންވެ، މިއަދު އަލީ ހުސެއިންނަށް ވަކި އަޑުއެހުމެއް ބޭއްވި އެވެ. މިއަދުގެ އަޑުއެހުމަށް ވެސް އަލީ ހުސެއިން ވަޑައިގަތީ ވަކީލަކާ ނުލަ އެވެ. ވިދާޅުވީ، ވަކީލް ސަސްޕެންޝަންގައި ހުރި ކަމަށެވެ. އޭނާގެ ބޭނުން ވަނީ އެ ވަކީލު އައްޔަންކުރަން ކަމަށެވެ.
މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ސުވާލު ކުރެއްވި އެވެ، "ސަސްޕެންޝަންގައި ހުންނަ ވަކީލަކު އައްޔަން ކުރެވޭނެތޯ،"
ގާޒީ އާރިފްގެ ސުވާލަށް ޖަވާބު ދެއްވަމުން އަލީ ހުސެއިން ވިދާޅުވީ، އެ ވަކީލްގެ ސަސްޕެންޝަނަކީ ގާނޫނާ ހިލާފު ސަސްޕެންޝަނެއް ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. އެކަމުގައި އެއްވެސް ކޯޓެއްގައި ޗެލެންޖްކޮށްފައިވާނެތޯ ގާޒީ އެއްސެވުމުން އަލީ ހުސެއިން ވިދާޅުވީ، އެކަމަކީ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުން ކުރައްވާފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން އެކަމުގައި ދެން ދާނެ ކޯޓެއް ނެތް ކަމަށެވެ. އެކަމުގައި ވަނީ މަރުތަޅު އެޅުވިފަ ކަމަށެވެ.
އަލީ ހުސެއިން ވިދާޅުވީ، އެމީހަކު އިހްތިޔާރު ކުރާ ވަކީލަކު އައްޔަންކުރުމަކީ ކޮންމެ މީހަކަށް ވެސް ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ އަސާސީ ހައްގެއް ކަމަށެވެ. އެއާއެކު ކުރިމިނަލް ކޯޓުގެ އިސް ގާޒީ އާރިފް ވިދާޅުވީ، އެ ބޭފުޅާއަކީ ވެސް ވަކީލުންގެ ލިސްޓްގައި ނަން އޮންނަ ބޭފުޅެއް ކަމަށާއި އެހެންވެ އަލީ ހުސެއިންނަށް ގާޒީ ވެސް ވަކީލެއްގެ ގޮތުގައި އިހްތިޔާރު ކުރެވިދާނެ ކަމަށެވެ. އެކަމަކު، މައްސަލަ ބައްލަވާ ގާޒީއަށް ވާތީ، ވަކީލެއްގެ ގޮތުގައި ގާޒީ ކޯޓަށް ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވި އެވެ.
އެއަށް ޖަވާބުގައި އަލީ ހުސެއިން ވިދާޅުވީ، އޭނާ ހަމަޖައްސާފައިވާ ވަކީލަކީ އޭނާއާއެކު އެއްބަސްވުމަށް ދެވޭނެ ވަކީލެއް ކަމަށެވެ. އޭނާގެ ވަކީލަކަށް ގާޒީއާއެކު އެއްބަސްވުމަކަށް ނުދެވޭނެ ކަމަށެވެ.
ޕީޖީގެ ވަކީލް ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އިބްތިދާއީ އަޑުއެހުންތަކަށް ވަކީލަކު ހޯދަން ދެވޭނެ އެންމެ ދިގު މުއްދަތަކީ 10 ދުވަސް ކަމަށެވެ. ނަމަވެސް އެ މުއްދަތު މާބޮޑަށް ފަހަނަ އަޅައި ގޮސް މިހާރު ވެސް އަލީ ހުސެއިންނަށް ވަކީލަކު ހޯދަން 112 ދުވަސް ލިބިފައިވާ ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 114 ވަނަ މާއްދާގެ (ރ)ގައިވާ ގޮތުން 10 ދުވަސް ތެރޭގައި ވަކީލަކު ނުހޯދައިފިނަމަ އޭނާ ވަކީލަކު ބޭނުންނުވަނީ ކަމަށް ބެލެވޭނެ ކަމަށާއި އެހެންކަމުން ދައުލަތުން ގަބޫލު ކުރާ ގޮތަކީ އަލީ ހުސެއިން ވަކީލަކު ބޭނުން ނުވަނީ ކަމަށެވެ. އަލީ ހުސެއިންނަށް ވަކީލަކު ހޯދަން އިތުރު މުއްދަތެއް ދޭން އިއުތިރާޒު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް މައްސަލަ ބައްލަވާ ގާޒީ ވަނީ އަލީ ހުސެއިންނަށް އިތުރު ފަސް ދުވަސް ވަކީލަކު ހޯދަން ދެއްވާފަ އެވެ. ގާޒީ ވިދާޅުވީ، ވަކީލުންގެ ހައްގަކީ ވަރަށް އަސާސީ ހައްގަކަށްވާއިރު މައްސަލަ ކުރިއަށް ގެންދާނީ އެކަމަށް އެންމެ އެކަށީގެންވާ ފުރުސަތު ދީގެން ކަމަށެވެ. އެކަމަކު އެ ފަސް ދުވަހަކީ އެންމެ ފަހުގެ މުއްދަތު ކަމަށާއި އެ މުއްދަތުގައި ވަކީލަކު ހޯދަން ޖެހޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އެކަމަށް އަލީ ހުސެއިން އެއްބަސް ވެސްވި އެވެ.
މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަނުމަށް މެންބަރުން ކުރި މަސައްކަތާ ގުޅިގެން ގާނޫނު ތަންފީޒުކުރަން ހުރި މުވައްޒަފަކަށް ގަސްދުގައި ހުރަސް އެޅިކަމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް އާއި ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފް އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުގެ މައްޗަށެވެ.
މީގެއިތުރުން މެންބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ މައްޗަށެވެ. ބާރަ ބޭފުޅުންނަށް ވެސް ދައުވާ ކުރަނީ ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލިސް އިދާރާގެ ސަރަހައްދު ބަންދުކޮށްފައި ވަނިކޮށް ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހުގެ ތެރެއަށް އެ މެންބަރުން ވަދެފައިވާ މައްސަލައިގަ އެވެ.
އަމީތާއި ވައްޑެ އަދި ސައުދުގެ މައްޗަށް ހަމަ އެއް ގަޒިއްޔާގެ ދަށުން އިތުރު ދައުވާއެއް ވެސް ކުރެ އެވެ. އެއީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ