ޕީޕީއެމްގެ ސަރުކާރެއްގައި ތުލުސްދޫ ބިން ހިއްކާނަން: މައުމޫން

ޕީޕީއެމްގެ ސަރުކާރެއްގައި ކ. ތުލުސްދޫގެ ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދާނެ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިއަދު ތުލުސްދޫއަށް ކުރެއްވި ކެމްޕޭން ދަތުރުފުޅެއްގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ ދިމާވި ބައެއް ކަންކަމުގެ ސަބަބުން ތުލުސްދޫގައި ބިން ހިއްކިފައި ނުވިނަމަވެސް ޕީޕީއެމްގެ ސަރުކާރުގައި އެކަން ދިރާސާ ކުރެވޭނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި ތުލުސްދޫގެ ބިން ހިއްކުމުގެ މަޝްރޫއު ދިރާސާ ކުރެވޭނީ އެކަމުގެ މާހިރުންނާއި ގުޅިގެން ކަމަށެވެ. އަދި ދިރާސާކޮށް އޭގެ ނަތީޖާ ލިބުންހާ އަވަހަކަށް އެ މަޝްރޫއުގެ މަސައްކަތް އަމަލީ ގޮތުން ފަށާނެ ކަމަށެވެ.
"މިރަށުގެ ބިން ހިއްކާ އަދި ލޭންޑް ޔޫސް ޕްލޭންއެއް ހަދާ އަދި ރާއްޖޭގައި ޕްރޮޖެކްޓްތައް ހިންގުމަށް އޮތީ މަގުފަހިވެފައި. އެހެން ނަމަވެސް ކަންތައްތައް ދިމާވި ގޮތުން މިވަނީ މިކަންކަން ރަނގަޅަށް ނުހިނގާފައި. އެހެންވީމަ އިރާދަކުރެއްވިއްޔާ ޕީޕީއެމްގެ ސަރުކާރެއްގައި އެކަންތައްތައް އަޅުގަނޑުމެން ދިރާސާ ކޮށް ވީއެންމެ އަވަހަކަށް ކުރިއަށް ގެންދެވޭތޯ ބަލާނަން،" މައުމޫން ވިދާޅުވި އެވެ.
މިއަދު ތުލުސްދޫ އަށް ކުރެއްވި ކެމްޕޭން ދަތުރުފުޅުގައި ވާހަކަ ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ވޭތުވެދިޔަތާނުގައި ބަޔަކު އަތޮޅު ކައުންސިލް އިދާރާ ތުލުސްދޫ އިން ބަދަލުކުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ޕީޕީއެމް ސަރުކާރެއްގައި އަތޮޅު ކައުންސިލް އިދާރާ ހުންނާނީ ތުލުސްދޫގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މިރަށުން އެހެން ރަށަކަށް އަތޮޅު ކައުންސިލް ބަދަލު ކުރުމުގެ އެއްވެސް ހިޔާލެއް ޕީޕީއެމް ގެ ސަރުކާރެއްގައި ނުގެންގުޅޭނަން" މައުމޫން ވިދާޅުވި އެވެ.
މިއަދު ބޭއްވި ހަފަލާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ މިހާރު ދިވެހިރާއްޖެ ތަޖުރިބާ ކުރަމުންދަނީ އެއްވެސް އަމާންކަމެއް ނެތް މާހައުލެއް ކަމަށެވެ. މިއީ ކުރިން ރާއްޖެ އޮތް ގޮތެއް ނޫން ކަމަށާއި މިކަން އަނބުރާ ގެނެސް ގައުމުގައި ސުލްހަ މަސަލަސް ކަން ގާއިމް ކުރެވޭނެ ހަމައެކަނި ފަރާތަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ކަމަށެވެ.
އަދި މިފަހަރުގެ ރިޔާސި އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުންހާ ގާބިލިއްޔަތު ހުރި އިލްމާއި ތަޖުރިބާ ހުރި ހަރުދަނާ ވިސްނުންފުޅު ހުރި އެހެން އެއްވެސް ބަޔަކު ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ