ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އާ ބައްދަލުކުރައްވައިފިއެވެ.
ޤާސިމް އިބްރާހީމްއާ ބައްދަލުކުރެއްވުމަށްފަހު މީޑިއާއަށް މައުމޫން ވިދާޅުވީ، މި ބައްދަލުކުރެއްވުމަކީ އިދިކޮޅު ފަރާތްތައް ގުޅިގެން ހޯދި ކާމިޔާބީއަށްފަހު ގުޅިގެން ވެރިކަން ހިންގުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި ވެސް މަޝްވަރާތައް ކުރިއަށްދާނެ، މިއަދުވެސް އަޅުގަނޑު އޮނަރަބަލް ޤާސިމްއާ ވާހަކަދައްކާ ހަދާފަ މިއޮތީ ކުރިއަށް އޮތްތާނގައިވެސް ކަންތައް ކުރިއަށް ގެންދަވާނެ ގޮތާ ދޭތެރޭގައި. އާދެ އަޅުގަނޑު ދެކޭގޮތުގައި މި ކޯލިޝަން ވަރުގަދަކޮށް، ބަދަހިކޮށް ކުރިއަށްދިއުމަކީ ވަރަށް މުހިންމު ކަމެއް." މަޢުމޫން ވިދާޅުވިއެވެ.
މަޢުމޫން ވިދާޅުވީ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ 4 ސިޔާސީ ޕާޓީ ގުޅިގެން އުފައްދާފައިވާ ކޯލިޝަނުން ކަމަށާއި، އެމަނިކުފާނުގެ އިތުރުން އޮނަރަބަލް ޤާސިމް އިބްރާޙީމް އަދި ޤާސިމްގެ ޖުމްހޫރީ ޕާޓީއާއި ސަޕޯޓަރުންވެސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ކުރައްވައި، ކެމްޕޭން ކޮށްދެއްވާފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް މި އިންތިޚާބު ކާމިޔާބު ކުރެވުނީ 4 ޕާޓީގެ ގުޅުމުގެ ވަރުގަދަކަމުން. އެހެންވީމަ އަޅޫގަނޑުމެން މި ކުރި މަސައްކަތް މާތް ﷲ ކާމިޔާބު ކުރައްވައި އަޅުގަނޑުމެންނަށް މިދުވަސް ފެނުނީތީ ޤާސިމް އަށްވެސް އެކަމުގެ ވަރަށް ތަހުނިޔާ ދަންނަވަން." މަޢުމޫން ވިދާޅުވިއެވެ.
އިތުރަށް މަޢުމޫން ވިދާޅުވީ، އަލަށް އުފައްދަނީ ވަކި ޕާޓީއެއްގެ ސަރުކާރެއް ނޫން ކަމަށާއި، އުފަންވެގެން އަންނާނީ ކޯލިޝަން ސަރުކާރެއްކަން އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން މިއުފައްދަނީ ވަކި ޕާޓީއެއްގެ ސަރުކާރެއް ނޫން، މި އުފައްދަނީ ކޯލިޝަންގެ ސަރުކާރެއް، އެގޮތަށް އަޅުގަނޑުމެން އިންތިޚާބުކުރި މުންތަހަބު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ވިދާޅުވަނީ، އެގޮތަށް އެމަނިކުފާނު ވެސް އެ ހުންނެވީ." މަޢުމޫން ވިދާޅުވިއެވެ.
މަޢުމޫން އިތުރަށް ވިދާޅުވީ އުފައްދަނީ ކޯލިޝަންގެ ސަރުކާރަކަށްވާއިރު، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާންގައި ކޯލިޝަން ވަރުގަދަވެ، ހުރިހާ ކަމަކާ ދޭތެރޭގައި ވެސް ކޯލިޝަންގެ ބައިވެރިންގެ މެދުގައި މަޝްވަރާކުރެވި، އެންމެނަށް އެއްބަސްވެވޭ ގޮތެއްގެ މަތިން ވަރަށް އިންސާފާއި ހަމަހަމަކަމާއި، ޢަދުލުވެރިކަމާއެކީގައި ވެރިކަމުގެ ކަންކަން ގެންދަވާނެ ކަމަށެވެ.
ކޯލިޝަންގެ އެއް ބައިވެރިޔާ ކަމަށްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްއާ މަޢުމޫން ބައްދަލުކުރެއްވިއިރު، މައުމޫން ވަނީ މީގެ ކުރިން އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަދި ރަނިންމޭޓް ފައިސަލް ނަސީމްއާ ވެސް ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ.
ދެން ކަންތައް ކުރާނެ ގޮތަކާއި ބެހޭ ގޮތުން މައުމޫނާއި ގާސިމް މަޝްވަރާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ