ރައީސް ޔާމީން އަށް ރައްޔިތުން ދަސްނުވީ ރައްޔިތުންގެ ގާތަށް ވަޑައިގެންނެވި ބޭފުޅަކަށް ނުވުމުން ކަމަށް ގޮޑި ގެއްލުނު މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގައި ވާހަކަދަކަވަމުން އަމީތު ވިދާޅުވީ ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާފައިވާއިރު އެމަނިކުފާނަކީ ރައްޔިތުންގެ ގާތަށް ވަޑައިގެންނެވި ބޭފުޅެއް ނޫންކަމަށެވެ.
" ރަށަކަށް ވަޑައިގެންފިނަމަ ހަމައެކަނި ވަޑައިގަންނަވަނީ ބަނދަރު މައްޗަށް ކަމަށާއި އެމަނިކުފާނަށް ތާއީދު ލިބިވަޑައިނުގެންނެވީ އަދި ރައްޔިތުން ދަސްނުވީ އެސަބަބާއި ހެދި" އަމީތު ވިދާޅުވިއެވެ.
ރައީސް ޔާމީން ގައުމާއި މުޚާތަބުކުރައްވާ ވިދާޅުވެފައިވަނީ އެމަނިކުފާނަށް ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ރައްޔިތުން ދަސްނުވިކަމަށެވެ.
އަމީތު ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި ވެރިކަން ކުރައްވާފައިވާ ބޭފުޅުންގެ ކިބައިން ފެނިގެން ގޮސްފައިވަނީ ރީތި ނަމޫނާ ކަމަށާއި އެހެން ނަމަވެސް ރައީސް ޔާމީންގެ ކިބައިން އެކަން ފެނިވަޑައިނުގަންނަވާކަމަށެވެ.
" ރައްޔިތުންނަށް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާނަމަ ވެރިކަން ނިންމަވާލައްވަމުން ރައީސް ޔާމީން ނަމޫނާ ދައްކަވަން ޖެހޭ, އެހެން ނަމަވެސް އެމަނިކުފާނުގެ ކިބައިން ފެނިގެންދަނީ ބަލި ގަބޫލު ނުކުރައްވާ މަންޒަރު " އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީން އަކީ ރީތި ގޮތުގައި ވެރިކަން ކުރައްވަން އެނގިލައްވާ ބޭފުޅެއް ނޫންކަމަށާއި އިންތިޚާބު ބާތިލުކުރަން ރައީސް ޔާމީން ހުށަހަޅުއްވައި، އަދި ޕީޕީއެމްގެ މެމްބަރުންނަށް އެ ޕާޓީގެ އިސް ބައެއް ލީޑަރުން ހުވަފެން ދެއްކިޔަސް، އަމީތު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން މިހާރުވަނީ ނިމި ގޮސްފައި ކަމަށެވެ.
" ދައުލަތުގެ ބާރު ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން. އަޚުގަނޑު ގަބޫލެއް ނުކުރަން ރައްޔިތުންގެ ނިންމުން ސުޕްރީމްކޯޓަށް ވެސް ބަދަލުކުރެވޭނެކަމަކަށް. އެއީ ދައުލަތުގެ ހުރިހާ ބާރެއް ފެށިގެން އަންނަނީ ކޯޓު ތެރެއިންނެއް ނޫން. އެހެންވީމަ ރައްޔިތުން ނިކުމެ ވެރިކަމުގެ ބާރުތައް ވާންވީގޮތް ބުނީމަ ދެން ބަސްބުނުމުގެ އިޚްތިޔާރު އެއްވެސް މުއައްސަސާއަކަށް ނޯންނާނެ." އަމީތު ވިދާޅުވިއެވެ.
ރައްޔިތުން ދަސްނުވީ ރައްޔިތުންގެ ގާތަށް ވަޑައިގެންނެވި ބޭފުޅަކަށް ނުވުމުން - އަމީތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ