ތައުލީމީ ދާއިރާއަށް މި އަހަރަށްވެސް އިތުރު ފައިސާ ބޭނުންވޭ: ޓްރާންސިޝަން ކޮމެޓީ

ތައުލީމީ ދާއިރާ ހިންގުމަށް މިއަހަރަށް ވެސް ތަޢުލީމާބެހޭ ވުޒާރާއަށް އިތުރު ފައިސާ ބޭނުންވާ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް, އިބޫ އެކުލަވާލެއްވި ޓްރާންސިޝަން ކޮމެޓީބުނެފި އެވެ.
ޓްރާންސިޝަން ކޮމެޓީގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީގެ މައުލޫމާތުތައް ހޯދުމުގައި އިސްކޮން އުޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް އިސްމާއިލް ވިދާޅުވީ މިއަހަރަށްވެސް އެޑިއުކޭޝަން މިނިސްޓްރީއަށް 350 މިލިއަން ރުފިޔާ މަދުވާ ކަމަށް ލަފާކުރެވިފައިވާ ކަމަށެވެ.
އިބްރާހީމް އިސްމާޢީލް ފާހަގަކުރެއްވި ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީ ހިންގުމުގައި އަމަލުކޮށްފައިވަނީ އޮނިގަނޑުގައި ލިޔެފައިވާ އެއްޗަކާ ތަފާތުކޮށެވެ. އެ ގޮތުން އެ މިނިސްޓްރީ ހިންގުމުގައި ސިވިލް ސާވީސް މުވައްޒަފުން ބޭނުން ނުކޮށް ކޮންމެ ސެކްޝަނެއްގައި ވެސް ސިޔާސީ ބޭފުޅުން އިސްކޮން ތިއްބަވައިގެން ހިންގުން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
އިބްރާ ވިދާޅުވީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގައި އެކަށީގެންވާ ވަސީލަތްތަކާއި ފަންނީ މުވައްޒަފުން ނެތުމުގެ ސަބަބުން މަތީ ތައުލީމަށް ހުރަސްތަކެއް އެބަހުރި ކަމަށެވެ. މީގެ އިތުރުން ޓެބްލެޓްތައް ދިނުމާ ގުޅޭ ގޮތުން އިބްރާ ވިދާޅުވީ 71 ހާސް ޓެބްލެޓަށް ފައިސާ ސަރުކާރުން ދިން ނަމަވެސް މިނިސްޓްރީއަށް މިހާތަނަށް ލިބިފައިވަނީ 21 ހާސް ޓެބްލެޓް ކަމަށެވެ.
"ކޮންޓްރެކްޓަރުގެ މުއްދަތު ނިމިއްޖެ އެ ފައިސާ ދީ ހުރީ ނިމިފައި،ޓެބްލެޓްތަކަށްވީ ގޮތެއް ނޭނގެ،" އިބްރާ ވިދާޅުވި އެވެ.
ޓްރާންސިޝަން ކޮމެޓީގައި ހިމެނޭ ކުރީގެ އެޑިކޭޝަން މިނިސްޓަރ ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ ތައުލީމީ ދާއިރާގައި އެކަމުގެ ފަންނުވެރި މުވައްޒަފުން އެކަށީގެންވާ ވަރަށް ނެތް މައްސަލަވެސް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އަންނަ އަހަރު ކީ ސްޓޭޖު4 ތަޢާރަފުކުރަން ހަމަ ޖެހިފައިވާއިރު އެކަމަށް މިނިސްޓްރީން ތައްޔާރުވެފައިނެތްކަން އޭނާ ފާހަގަ ކުރައްވި އެވެ.
މީގެ އިތުރުން ޑރ. މުސްތަފާ ލުތުފީ ވިދާޅުވީ 32 ސްކޫލެއްގައި ޕްރިންސިޕަލުން ނެތްކަން ޓްރާންސިޝަން ކޮމެޓީން ހޯދި މައުލޫމާތުން ފާހަގަ ކުރެއްވުނު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ