ރައީސް ނަޝީދުގެ ތައުރީފް ގާސިމް އަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފު ކުރައްވައިފިއެވެ.
ރައީސް ނަޝީދު މިއަދު ގާސިމް އާއި ބައްދަލުކުރައްވާފައިވާއިރު، މި ބައްދަލުކުރެއްވުން އޮތީ ރައީސް ނަޝީދުގެ ގެކޮޅު ކަމަށްވާ ކެނެރީގޭގައެވެ. ނަމަވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވިފައިވަނީ ކޮން ކަންތައްތަކާ ގުޅޭގޮތުން ކަމެއް އެނގިފައެއް ނުވެއެވެ.
މި ބައްދަލުކުރެއްވުމަށްފަހު ގާސިމް އަށް ތައުރީފު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އިސްލާހީ މަސައްކަތުގައި ގާސިމް ފެށުނީއްސުރެ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ އަގު ނުކުރެވޭނެ ފަދަ ހިދުމަތެއް ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރު ބޮޑު ކަމަށާއި މަޖިލީހުގެ ރައީސް އާއެކު އެ މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ގާސިމްގެ އިތުރުން ރައީސް ނަޝީދު އިއްޔެ ވަނީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ވެސް ބައްދަލުކުރައްވާފައެވެ. އިދިކޮޅު ލީޑަރުންގެ ތެރެެއިން ރައީސް ނަޝީދަށް މިހާރު ބައްދަލު ނުކުރެއްވެނީ ރައީސް މައުމޫންއާއެވެ. ރައީސް މައުމޫން މިވަގުތު ހުންނެވީ މެލޭޝިޔާގައެވެ.
ރައީސް ނަޝީދު ވެރިކަމުގައި ހުންނަވައިގެން އެމަނިކުފާނުގެ އަމުރަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވަގަށް ނަގާ، އޭނާ ރަހީނު ކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ޙުކުމެއް އައި ނަމަވެސް ސުޕްރީމް ކޯޓުން މިހާރު ވަނީ އެޙުކުމް ތަންފީޒު ކުރުން ފަސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ