އޯލެވެލް ގަދަ ދިހައެއްގައި 376 ދަރިވަރުން

މިދިޔަ އަހަރުގެ އޮކްޓޯބަރު އަދި ނޮވެމްބަރުގައި ބޭއްވި ކޭމްބްރިޖް ޖީސީއީ، އައިޖީސީއެސްއީ އަދި އެސްއެސްސީ އޯ ލެވެލް އިމްތިހާނުގެ ގަދަ ދިހައެއްގައ 376 ދަރިވަރަކު ހިމެނިއްޖެ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ އަބްދުﷲ ރަޝީދު ވިދާޅުވީ މިދިޔަ އަހަރު ރާއްޖޭގެ އެކި ސްކޫލްތަކުގެ ގްރޭޑް ދިހައެއްގައި ޖުމްލަ 5433 ކުދިން ކިޔަވާފައިވާ ކަމަށެވެ.
މީގެތެރެއިން އޯލެވެލްގެ ހުރިހާ މާއްދާއެއް ހަދާފައިވަނީ 4571 ދަރިވަރުން ކަމަށްވެސް ވިދާޅުވި އެވެ. ފުލްސްޓްރީމްގައި ބައިވެރި ނުވާ 862 ދަރިވަރުން ތިބިކަން ފާހަގަކުރައްވާ ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ އެދަރިވަރުންނަކީ ދަސްވާރާއި، ބީޓެކް ޕްރޮގްރާމްގައި ބައިވެރިވެގެން ކިޔެވި ދަރިވަރުން ކަމަށެވެ.
ސްޓޭޓް މިނިސްޓަރު ވިދާޅުވީ މަޖުބޫރު މާއްދާތަކުގެ ތެރެއިން ދިވެހި، އިސްލާމް މި ދެ މާއްދާއިން ފާސްވި ނިސްބަތް 2017 ވަނަ އަހަރަށް ވުރެ މިދިޔަ އަހަރު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ދިވެހި އިމްތިހާން ހެދި ދަރިވަރުންގެ ތެރެއިން 86.1 އިންސައްތަ ދަރިވަރުން ފާސްވެފައިވާއިރު އިސްލާމް މާއްދާއިން 82.9 އިންސައްތަ ދަރިވަރުން ފާސްވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އަބްދުﷲ ރަޝީދު ވިދާޅުވީ ހިސާބު މާއްދާއިން ފާސްވި އަދަދު އެވްރެޖް މިންވަރެއްގައި ހުރިއިރު، އިނގިރޭސި މާއްދާ އިން ފާސްވި އަދަދު ދަށް ކަމަށެވެ. އެހެންނަމަވެސް ވަކިވަކި މާއްދާތަކުން 15 އިންސައްތަ ކުދިންނަށް "އޭ" ފާސް ލިބިފައިވާއިރު "ބީ" ލިބުނު ދަރިވަރުންގެ އަދަދު އިތުރުވެފައިވާ ކަންވެސް ސްޓޭޓް މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ. އަދި 2017 ވަނަ އަހަރާ އަޅާބަލާއިރު ޖުމްލަ ގޮތެއްގައި މިދިޔަ އަހަރުގެ އޯލެވެލްގެ ނަތީޖާ ރަނގަޅު ކަމަށާއި، ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.
އަބްދުﷲ ރަޝީދު ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ވަށާޖެހޭ ތައުލީމެއްގެ ތެރެއިން ކުދިންނަށް ރަނގަޅު ނަތީޖާއެއް ހޯދައިދިނުން ކަމަށެވެ.
ނިމިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިކުދިންގެ ތެރެއިން ހާއްސަ އެހީއަށް ބޭނުންވާ ކުދިން ރަނގަޅު ނަތީޖާއެއް ހާސިލްކޮށްފައިވާކަން ސްޓޭޓް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ޖަމާލުއްދީން ސްކޫލްގައި ތައުލީމް ހާސިލްކުރަމުންދާ ކަންފަތައް އަޑުއިވުމާއި ވާހަކަދެއްކުމުގެ ގޮންޖެހުންތަކެއް ހުރި ކުދިން ރަނގަޅު ނަތީޖާއެއް ހާސިލްކޮށްފައިވެއެވެ. އަދި ލޮލަށް ފެނުމަށް މަހުރޫމްވެފައިވާ ތާޖުއްދީން ސުކޫލުގެ ދަރިވަރަކު ވަނީ އޯލެވެލް ޓޮޕް 10ގައި ހިމެނިފައިވާ ކަމަށްވެސް ރަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ