މެމްބަރު ޔާމީން ޕީޕީއެމުން ވަކިވެ، އެމްޓީޑީއަށް ސޮއި ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު ޕީޕީއެމުން ވަކިވެ، އަލަށް އުފައްދާ ޕާޓީއެއް ކަމަށްވާ މޯލްޑިވްސް ތާޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އަށް މިއަދު ސޮއިކޮށްފި އެވެ.
ޔާމީން އެމްޓީޑީއާ މިއަދު ސޮއި ކުރެއްވީ އަންނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަ ކުރުމަށް ޕީޕީއެމުން އޭނާއަށް ޓިކެޓް ދީފައި ވަނިކޮށެވެ. އެކަމަކު އިއްޔެ ޔާމީން ވަނީ އޭނާ ޕީޕީއެމްގެ ޓިކެޓް ދޫކޮށްލެއްވިކަން ހާމަ ކުރައްވައިފަ އެވެ.
އެމްޓީޑީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އޭނާ މަޖިލިސް އިންތިޚާބުގައި ދެން ވާދަ ކުރައްވާނީ އެމްޓީޑީގެ ފަރާތުން ކަމަށެވެ. އެކަމަކު ވާދަ ކުރާނެ ދާއިރާއެއް އަދި ނުނިންމަވާ ކަމަށް ވިދާޅުވި އެވެ.
ޔާމީން 2014 ގައި މަޖިލީހަށް ހޮވި ވަޑައިގަތީ އެމްޑީޕީގެ ޓިކެޓްގަ އެވެ. އޭނާ ޕީޕީއެމްއާ ގުޅިވަޑައިގަތީ 2015 ވަނަ އަހަރު އެވެ.
އެމްޓީޑީ އަށް ޔާމީން ސޮއި ކުރެއްވިއިރު، އެ ޕާޓީ އުފައްދަން ބޭނުންވާ 3،000 ސޮއި މިހާރު ވަނީ ހަމަކޮށްފަ އެވެ. އެކަމަކު އެ ޕާޓީ ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނުން ރަޖިސްޓްރީކޮށެއް ނުދެ އެވެ.
އެމްޓީޑީ އަށް އެންމެ ފުރަތަމަ ސޮއި ކުރެއްވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ