އާބިޓްރޭޝަނާއެކު ކޯޓުން މައްސަލަ ހައްލުކުރުމުގެ ސަގާފަތް ހުއްޓޭނެ: ރިފްއަތު

އާބިޓްރޭޝަން ސެންޓަރުން ހިދުމަތް ފޯރުކޮށްދޭން ފެށުމާއެކު ކޯޓުން މައްސަލަ ހައްލުކުރުމުގެ ސަގާފަތް ހުއްޓޭނެ ކަމަށް ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނައިބު މިހެން ވިދާޅުވީ އާބިޓްރޭޝަން ސެންޓަރުން ހިދުމަތް ފޯރުކޮށްދޭން ފެށުމާއެކު އެކަން ފާހަގަކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.
ރިފްއަތު ވިދާޅުވީ ތަޖުރިބާކާރު އާބިޓްރޭޓަރުން މެދުވެރިކޮށް ވިޔަފާރީގެ މުއާމަލާތްތަކާއި މަދަނީ އިލްތިޒާމްތަކުން އުފެދޭ މައްސަލަތަކަށް އަވަހަށް އަދި ޚަރަދު ކުޑަކޮށް ހައްލު ލިބުމުން، ކޮންމެ މައްސަލައެއްގައި ކޯޓުން ހައްލު ހޯދުމުގެ ސަގާފަތް ހުއްޓޭނެ ކަމަށެވެ.
މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ފަރާތުން އާބިޓްރޭޝަނުގެ ކަންކަމާއި ގުޅުންހުރި ޚިދުމަތްތައް ރަސްމީކޮށް މިހާރު ވަނީ ދޭންފަށާފައެވެ. އެގޮތުން އެ ސެންޓަރުގެ ވެބްސައިޓު މެދުވެރިކޮށް މައްސަލަ ހުށަަހަޅަން ބޭނުންވާ ފަރާތްތަކަށް މިހާރު މައްސަލަ ހުށަހެޅޭނެ ކަމަށާއި ވަރޗުއަލް ޚިދުމަތްތަކާއެކު އާބިޓްރަލް ޕްރޮސީޑިންގ ކުރިއަށް ގެންދިޔުމުގެ އިޚްތިޔާރު މައްސަލާގައި ހިމެނޭ ފަރާތްތަކަށް ލިބޭނެ ކަމަށް އެ ސެންޓަރުން ބުނެއެވެ.
މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ މަސައްކަތް އަމަލީގޮތުން 2019 ވަނަ އަހަރުގެ އޭޕްރީލް މަހު ފެށުމާއެކު ކަމުގެ ތަޖުރިބާކާރު އާބިޓްރޭޓަރުންގެ ދަފްތަރެއް އެކުލަވާލުމާއި ކޭސް މެނޭޖްމަންޓް ޕޯޓަލްއެއް ގާއިމްކުރުމާއި މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ އާބިޓްރޭޝަން ރޫލްސް ޝާޢިއުކުރުން އެ ސެންޓަރުން ވަނީ ފާހަގަކޮށްފައެވެ.
ސެންޓަރުން ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ އިތުބާރު ލިބޭނެ ގޮތަށް ހަރުދަނާ އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ ޔަގީންކަންވެސް އެ ސެންޓަރުން ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ