ފަލަސްތީނު ރެފިއުޖީންނަށް އެހީވާ އދގެ އޭޖެންސީން ފައިސާ ހުސްވެ، އެހީއަށް އެދިއްޖެ

ފަލަސްތީނު ރެފިއުޖީންނަށް އެހީވާ އދގެ އޭޖެންސީން ފައިސާ ހުސްވެއްޖެއެވެ.
މިއީ، ފަލަސްތީނު ރައްޔިތުންގެ ތެރެއިން ރެފިއުޖީންގެ ގޮތުގައި ދިރިއުޅޭ އެތައްމިލިއަން ބަޔަކަށް އެހީވުމަށް އުފައްދާފައިވާ އދގެ ޚާއްސަ އޭޖެންސީ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯރކްސް އޭޖެންސީގެ ތާރީޚްގައިވެސް އެ އިދާރާއިން ފައިސާ ހުސްވި ފުރަތަމަ ފަހަރެވެ.
ޔޫއެންއާރްޑަބްލިޔޫއޭއިން ކުރިން ބުނެފައިވަނީ، މިއަހަރު ނިމެންދެން ބޭނުންކުރާނެ ފައިސާވެސް މިހާރު ނެތްކަމަށެވެ.
ޔޫއެންއާރްޑަބްލިޔޫއޭ ބަރޯސާވެފައި އޮންނަނީ އދގެ މެމްބަރު ގައުމުތަކުން ލިބޭ އެހީއާއި، ޔޫރަޕްގެ އިއްތިހާދުން ލިބޭ އެހީގެ މައްޗަށެވެ.
އެހެން ނަމަވެސް، މިފަހުގެ އަހަރުތަކުގައި އެ އޭޖެންސީއެއް އެކަށީގެންވާ ފަންޑު ނުލިބޭކަމަށް ބުނެފައި ވެއެވެ.
ބުރާސްފަތި ދުވަހު ޣައްޒާގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ޔޫއެންއާރްޑަބްލިޔޫއޭގެ ކޮމިޝަނަރ ޖެނެރަލް ފިލިޕް ލަޒަރީނީ ވިދާޅުވީ، ފަލަސްތީނު ރެފިއުޖީންނަށް އެހީވާ އދގެ އޭޖެންސީ މިހާރު އޮތީ، އުސް ފަރުބަދައެއްގެ މަތީގައި "ކިރިޔާ ވެއްޓި ނުވެއްޓޭ ހާލަތުގައި" ކަމަށެވެ.
ޔޫއެންއާރްޑަބްލިޔޫއޭއިން މިމަހުގެ ކުރީކޮޅު ބުނެފައިވަނީ، މި ނޮވެމްބަރުމަސް ނިމުމުގެކުރިން 70 މިލިއަން ޑޮލަރު އެއްކުރަން ބޭނުންވާ ކަމަށެވެ. އެހެން ނޫންނަމަ، އެ އޭޖެންސީގައި މަސައްކަތްކުރާ އެތައްހާސް މުވައްޒަފުންނަށް އަހަރު ނިމޭ ކޮޅުގައި ފުރިހަމަ މުސާރަދޭނެ ފައިސާވެސް ނުހުންނާނެ ކަމަށް ބުނެފައި ވެއެވެ.
މިކަމާހެދި، ޔޫއެންއާރްޑަބްލިޔޫއޭގައި މަސައްކަތްކުރާ 28،000 މުވައްޒަފުންނަށް މިހާރުވަނީ މުސާރަ ކުޑަކުރަން ޖެހިދާނެކަންވެސް އަންގާފައެވެ.
ޔޫއެންއާރްޑަބްލިޔޫއޭގެ ކޮމިޝަނަރ ޖެނެރަލް ފިލިޕް ލަޒަރީނީ ވިދާޅުވީ، 2012 ގެ ފަހުން، މިހިނގާ 2020 ވަނަ އަހަރަކީ އެ އޭޖެންސީއަށް އެންމެ މަދުން ފައިސާ ލިބުނު އަހަރު ކަމަށެވެ.
މިއަހަރު ލިބުނު އެހީގެ ފައިސާ މަދުވި މި ދަނޑިވަޅަކީ، ކޮވިޑް-19 ބަލިމަޑު ހާލަތާ ގުޅިގެން ރެފިއުޖީން އެންމެބޮޑަށް އެހީތެރިކަން ބޭނުންވެފައިވާ ދަނޑިވަޅުކަންވެސް ލަޒަރީނީ ފާހަގަ ކުރެއްވިއެވެ.
ޔޫއެންއާރްޑަބްލިޔޫއޭގައި މަސައްކަތްކުރާ މީހުންގެ ތެރޭގައި ގިނައީވެސް ފަލަސްތީނުގެ ރެފިއުޖީންނެވެ.
ފަލަސްތީނުގެ ރަށްތަކުގައި ރެފިއުޖީންގެ ގޮތުގައި އުޅޭ އެތައް މިލިއަން މީހުންގެ އިތުރުން، މެދުއިރުމަތީގެ އެހެން ގައުމުތަކުގައި އުޅޭ ފަލަސްތީނު ރެފިއުޖީންވެސް ބަލަހައްޓަނީ ޔޫއެންއާރްޑަބްލިޔޫއޭއިން ކަމަށްވާއިރު، މުވައްޒަފުންގެ މުސާރަ ކުޑަކުރަން ޖެހުމަކީ މުޅި ސަރަހައްދަށް އެކަމުގެ އަސަރު ކުރާނެ ކަމެއް ކަމަށް ޔޫއެންއާރްޑަބްލިޔޫއޭއިން ބުނެއެވެ.
ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯރކްސް އޭޖެންސީ އުފެއްދީ، 1948 ވަނަ އަހަރު ފަލަސްތީނުގެ ބިމުގައި އިސްރާއީލޭ ކިޔުނު ދައުލަތް އުފެއްދުމުގެ ސަބަބުން ގަދަބާރުން އުފަން ފަސްގަނޑުން ބޭރުކޮށްލެވުނު މީހުންނާއި، ރެފިއުޖީންގެ ގޮތުގައި ފަލަސްތީނުން ބޭރުވެގެންދިޔަ މީހުންނަށް އެހީވުމަށެވެ.
މި އޭޖެންސީން ގެންދަނީ، ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި، ޣައްޒާގެ އިތުރުން، އުރުދުން، ސޫރިޔާ އަދި ލުބުނާނުގައި، ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅޭ 5.5 މިލިއަން ފަލަސްތީނު ރެފިއުޖީންނަށް ތައުލީމާއި، ސިއްހީ ޚިދުމަތާއި، ކާނާ ފޯރުކޮށްދެމުންނެވެ.
ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯރކްސް އޭޖެންސީއަށް މިފަހުން މާލީގޮތުން ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގެން އެ އޭޖެންސީއަށް އެމެރިކާއިން ދެމުން އައި މާލީ އެހީގެ ބޮޑުބައެއް ކަނޑާލުމާ ގުޅިގެންނެވެ.
ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯރކްސް އޭޖެންސީއާ އިސްރާއީލު އަބަދުވެސް ދެކޮޅެވެ. އަދި ރުޅިވެސް އާދެއެވެ.
އިސްރާއީލުން އަބަދުވެސް ބުނަމުން އަންނަނީ، ދުނިޔޭގެ އެތައް ގައުމެއްގައި ރެފިއުޖީން ދިރިއުޅޭ ކަމަށާއި، ނަމަވެސް، ފަލަސްތީނު ރެފިއުޖީންނަށް އެހީވާން އދގެ ވަކި ޚާއްސަ އޭޖެންސީއެއް ހަދަން ނުޖެހޭ ކަމަށެވެ. އެމެރިކާގެ ރައީސް ޓްރަމްޕްވެސް ފަހުން ގަބޫލުކުރެއްވީ އިސްރާއީލުގެ ބަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ