އީސީސީގެ ކަރަންޓް ބިލްތަކަށް 7.9 މިލިޔަން ރުފިޔާ އަރައިފި

ސާކް ސަމިޓް ބޭއްވުމަށް އައްޑޫގައި އެޅި އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ)ގެ ކަރަންޓް ބިލްތަކަށް މިދިޔަ މަހުގެ ނިޔަލަށް 7.9 މިލިޔަން ރުފިޔާ އަރާފައިވާ ކަމަށް ފެނަކަ ކޯޕްރޭޝަން އިން ބުނެފި އެވެ.
ފެނަކަ ކޯޕްރޭޝަންގެ އައްޑޫ ސިޓީ ރީޖަނަލް ޑިރެކްޓަރު އަބްދުﷲ ޒުހައިރު މިއަދު "ސަން" އަށް ވިދާޅުވީ ސާކް ސަމިޓް ބޭއްވުމަށް ޓަކައި އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ އިސީސީގެ އެއްވެސް ކަރަންޓް ބިލެއް މިއަދާ ހަމައަށް ދައްކާފައި ނުވާ ކަމަށެވެ.
"ސާކް ސަމިޓް ބޭއްވުމަށް އައްޑޫ ސިޓީގައި އެޅި އީސީސީގެ އެއްވެސް ކަރަންޓް ބިލެއް މިއަދާ ހަމައަށް ދައްކާފައެއް ނުވޭ. އެތަން އެޅީއްސުރެން ނުވަތަ އެތަން ބޭނުން ކުރަން ފެށީއްސުރެ އެތަނުގެ އެއްވެސް ކަރަންޓް ބިލެއް ދައްކަފައެއް ނެތް. އެހެންވީމާ އީސީސީގެ ކަރްންޓް ބިލްތަކަށް މިދިޔަ މަހުގެ ނިޔަލަށް 7.9 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ އަރާފައި،" ޒުހައިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އީސީސީގެ ކަރަންޓް ބިލްތަކަށް ފައިސާ ހޯދުމަށްޓަކައި އެ ކޯޕްރޭޝަންގެ ފަރާތުން އެކި ފަހަރު މަތިން ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކާ އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް އެކަމަށް އެއްވެސް ހަލެއް ލިބިފައި ނުވާ ކަމަށް ޒުހައިރު ވިދާޅުވި އެވެ.
އީސީސީގެ ކަރަންޓް ބިލްތައް ދައްކަފައިނުވާ އިރު ވެސް އެތަނަށް ކަރަންޓް ދެމުންދާ ސަބަބާ ބެހޭ ގޮތުން "ސަން" އިން ސުވާލު ކުރުމުން ޒުހައިރު ވިދާޅުވީ އެތަނުގެ ކަރަންޓް ކަނޑާލާފައި ނުވަނީ އެތަނުން ކަރަންޓް ކަނޑާލައިފި ނަމަ ތަނަށް އިޔާދަ ނުކުރެވޭނެ ފަދަ ގެއްލުންތަކެއް ވެދާނެތީ ކަމަށެވެ. އެގޮތުން ޒުހައިރު ވިދާޅުވީ އެތަން އިމާރާތް ކޮށްފައިވާ ސަރަހައްދުގެ ގޮތުންނާއި އަދި އެ ނޫން ވެސް ސަބަބުތަކަށް ޓަކައި އެތަނުން ކަރަންޓް ކަނޑާލެވެން ނެތް ކަމަށެވެ.
އީސީސީގެ ކަންޓް ބިލްތައް ދައްކާފައި ނުވާ ސަބަބާ ބެހޭ ގޮތުން އައްޑޫ ސިޓީ މޭޔަރު އަބްދުﷲ ސޯދިގް މިއަދު ސަން އަށް ވިދާޅުވީ އީސީސީ އަކީ މިހާރު އެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަނެއް ނޫން ކަމަށާއި އެއީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ތަނެއް ކަމަށެވެ.
ސޯބެ ވިދާޅުވީ އީސީސީ އަށް ދިމާވެފައިވާ މައްސަލަ އަކީ ހަމައެކަނި ކަރަންޓް ބިލްތައް ނުދައްކާ ހުރި މައްސަލަ ނޫން ކަމަށާއި އެތަން ބަލަހައްޓާނެ ފަރާތެއް ނެތުމުން ތަން ވީރާނާ ވެގެންދާ މައްސަލަ ވެސް އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި ވިދާޅުވީ ސާކް ސަމިޓް ބޭއްވުމަށް ޓަކައި ތަނަށް ގެނައި އެއްވެސް އެއްޗެއް މިހާރު އެތަނުގައި ނެތް ކަމަށާއި މިހާރު އެތަނަށް ވަމުންދާ ގޮތުން ގިނަ ދުވަސްތަކެއް ނުވެ ތަން ވީރާނާ ވުމުގެ ބިރު އެބަ އޮތް ކަމަށެވެ.
"ސަމިޓް ނިންމާލި އިރު އީސީސީ އަކީ އޮފީހަށް އިދާރީ ގޮތުން ބޭނުންވާ ހުރިހާ ސާމާނެއް ފުރިހަމަ އަށް ހުރި ތަނެއް. އޭގެ ތެރޭގައި ކޮމްޕިއުޓަރު ސިސްޓަމްތަކާއި ޕްރިންޓަރާއި ފެކްސް މެޝިނާއި ގޮނޑި އާއި މޭޒު ފަދަ ތަކެތި ހިމެނޭ،" މޭޔަރު ވިދާޅުވި އެވެ. "އެކަމަކު މިހާތަނަށް އެތަނުގެ އެއްވެސް އިންވެންޓްރީއެއް ހެދިފައި ނެތުމުން، އެ ތަކެއްޗަށްވީ ގޮތެއް ނޭނގޭ. ހަމަ ގައިމު ވެސް އީސީސީތެރޭގައި އެއްވެސް އެއްޗެއް މިހާރަކު ނެތް. މިހާރު އެތަނުގެ ފެނާއި ނަރުދަމާ ފަދަ ވަސީލަތްތަކުގައި ވެސް ހުރީ މައްސަލަ ޖެހިފައި." މޭޔަރު ވިދާޅުވި އެވެ.
ސާކް ސަމިޓް ބޭއްވުމަށް އައްޑޫގައި އެޅި އީކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އިމާރާތްކުރަން 211.9 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ވަނީ ހަރަދުކޮށްފަ އެވެ.
ސާކް ސަމިޓްގެ ހަރަދުތަކާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް އެކުލަވާލެއްވި ހާއްސަ ރިޕޯޓްގައި ބުނެފައި ވަނީ ކޮންވެންޝަން ސެންޓަރު އެޅުމަށް އަމީން ކޮންސްޓްރަކްޝަނުން ހުށަހެޅި 210.4 މިލިއަން ރުފިޔާ ބޮޑު ކަމަށް ފެނިގެން އެ އަގު ކުޑަކުރަން އަމީންއާ އެކު މަޝްވަރާކުރުމަށް ފަހު މެޓީރިއަލް އާއި ޑިޒައިނަށް ބަދަލު ގެނެސްގެން އެ އަގު 150 މިލިއަން ރުފިޔާ އަށް ކުޑަކޮށް އެ ކުންފުންޏާ އެކު އެއްބަސްވެވުނު ކަމަށެވެ. ނަމަވެސް އެ މަސައްކަތްތައް ނިމުނު އިރު 211.9 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ. އޮޑިޓާ ޖެނެރަލް ވިދާޅުވެފައި ވަނީ މިއީ އެއްބަސްވި އަގަށް ވުރެ 41 ޕަސެންޓް ބޮޑު 61.9 މިލިއަން ރުފިޔާ ބޮޑު އަދަދެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ