ރައީސުލްޖުމްހޫރިއްޔާ މުލީއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިއަދު މެންދުރު މުލަކަތޮޅު މުއްޔަށް ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މުއްޔަށް ފައިބާވަޑައިގެންނެވުމާއެކު އެރަށު ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މުލަކަތޮޅު މުއްޔަށް ކުރައްވާ މިދަތުރުފުޅުގައި އެރަށު ބިންހިއްކުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މުލަކަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ އެއަތޮޅު ދިއްގަރަށް ވަޑައިގެން އެރަށު ނަރުދަމާ ނިޒާމްގެ ޚިދުމަތް ދިނުން ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.
މީގެއިތުރުން އެމަނިކުފާނުގެ މިދަތުރުފުޅުގައި އެއަތޮޅު މުލަކުގައި ޤާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ޚިދުމަތް ދިނުން ރަސްމީކޮށް ފައްޓަވާދެއްވާފައިވެއެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އެއަތޮޅު ކޮޅުފުއްޓަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރައީސް ޔާމީން ކުރައްވާ މި ދަތުރުފުޅުގައި ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި، ބައެއް އިސް ވެރިން ބައިވެރިވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ