ޝަހީބުގެ އަގު "ހަވީރު" ން ވަޒަންކޮށްފި

ހަވީރު ސްޕޯޓްސް އެވޯޑްސްގެ ތަރައްގީ އަށް މުހައްމަދު ޝަހީބު ކޮށްދެއްވި ޚިދުމަތްތަކުގެ އަގު "ހަވީރު"ން ރޭ ވަޒަންކޮށްފި އެވެ.
ދަރުބާރުގޭގައި އޮތް ހަވީރު ސްޕޯޓްސް އެވޯޑްސް ހަފުލާގައި ޝަހީބަށް ވަނީ އެ އެވޯޑްސްގެ ފުރަތަމަ 15 އަހަރު އޭނާ ކޮށްދެއްވި މަސައްކަތަށް ހަނދާނީ ފިލާ އަރުވާފަ އެވެ. އެފިލާ ޝަހީބާ ހަވާލުކޮށްދެއްވީ ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިން އެވެ.
ޝަހީބަކީ ހަވީރު ސްޕޯޓްސް އެވޯޑްސްގެ ފެށުން ކަމަށްވާ ހަވީރު ރަން ބޫޓު 1994 ގައި ދޭން ފެށީއްސުރެ 2008 ގެ ނިޔަލަށް އެކަމުގައި އެންމެ އިސްކޮށް އުޅުއްވި ހަވީރުގެ ނޫސްވެރިޔާ އެވެ. އެވޯޑްގެ ވަރަށް ގިނަ ކަންކަން އިންތިޒާމްކޮށް، ރޭވުމުގައި ޝަހީބުގެ ދައުރު ވަރަށް ބޮޑެވެ. އަދި ބޭރުގައި މިފަދަ އެވޯޑްތަކަށް އިންސާފުކުރާ ގޮތް ދެނެގަތުމަށާއި އެފަދަ އޮނިގަނޑެއް ގާއިމްކުރައްވަން ވެސް ޝަހީބު ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. އެގޮތުން ފީފާގެ އޮނިގަނޑު ހޯއްދެވީ ވެސް، ސްޕޯޓްސް އެވޯޑްސްގައި އިންސާފުކުރުމަށް އެންމެ ރަނގަޅު އުސޫލުތަކެއް ހަމަޖެއްސެވުމުގެ ގޮތުންނެވެ.
"ހަވީރު" ގެ ކުޅިވަރުގެ ރިޕޯޓަރެއްގެ ގޮތުން ނޫސްވެރިކަމުގެ މަސައްކަތަށް ވެންނެވި ޝަހީބު ވަނީ ނޫހުގައި މަތީ މަގާމުތައް ފުރުއްވައިފަ އެވެ. އެގޮތުން އެކްޓިން އެޑިޓަރުކަން ވެސް ކުރެއްވި އެވެ.
"ހަވީރު" ން އޭނާ ވަކިވެވަޑައިގަތީ ހަވީރު ސްޕޯޓްސް އެވޯޑްސްގެ 15 ވަނަ ހަފުލާ ހުށަހަޅުއްވާދެއްވާފައި 2009 ގަ އެވެ. މިހާރު ޝަހީބު ހުންނެވީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ