ރައްޔިތުންގެ މަޖިލީހަށް ކުރީގެ ރައީސް އައްޔަން ކުރައްވާފައިވާ އަށް މެންބަރުން މިހާރުގެ ރައީސް ވަކި ކުރައްވައި، އާ މެންބަރުން އައްޔަން ކުރައްވާފައި ވަނީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށް މަދަނީ ކޯޓުން ހުކުމްކުރީ، ގާނޫނީ ހަމަތަކުގެ މަތިން ކަމަށް ކަނޑައަޅައި އެ ހުކުމަށް ތާއީދުކޮށް ހައި ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ.
އެ މައްސަލައިގައި ދައުވާ ކުރައްވާފައި ވަނީ ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ރައްޔިތުންގެ މަޖިލީހަށް އައްޔަން ކުރެއްވި ދެ މެންބަރުން ކަމަށްވާ އަހުމަދު މަހްލޫފާއި ރޮޒެއިނާ އާދަމެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވިދާޅުވީ ގާނޫނު އަސާސީގެ 294 ވަނަ މާއްދާގެ ހ. އަށް ބަލާއިރު އެ އަކުރުގައި ބުނަނީ އިންތިގާލީ މަރުހަލާގައި ރައްޔިތުންގެ މަޖިލީސް ދެމިއޮންނާނީ އެ މުއައްސަސާގެ ވަކިވަކި މެންބަރުންނާއެކު ނޫން ކަމަށް އެނގޭ ކަމަށެވެ. އަދި 294 ވަނަ މާއްދާގެ ށ. ގައި މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ ހުސްވާ ތާރީހާއި އާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވާ ތާރީހާ ދެމެދު ހަ މަސް ދުވަސް އޮންނަ ނަމަ އެ ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކުރަންވާނެ ކަމަށް ބުނެފައި އޮތުމުން ވެސް އިންތިގާލީ މަރުހަލާގައި މެންބަރުން ތަޅުލެވިފައި ނުވާ ކަން އެނގެން އޮންނަ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ 294 ވަނަ މާއްދާގައިވާ ގޮތަށް މަޖިލީސް ދެމިއޮންނާނީ ކުރީގެ މަޖިލީހުގެ ސިފަތަކާއެކު ކަމަށް ރަނގަޅަށް އެނގެން އޮންނަ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި އިންތިހާބު ކުރާ މެންބަރުންނާއި ރައީސް އައްޔަން ކުރައްވާފައިވާ މެންބަރުން އެ ސިފަތަކުގެ ތެރޭގައި ހާއްސަކޮށް ހިމެނޭ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
މައްސަލައިގެ ފާހަގަ ކުރެވުނު ނުކުތާތައް ވިދާޅުވުމަށްފަހު ހުކުމް ކުރައްވަމުން ފަނޑިޔާރު ވިދާޅުވީ އެ މައްސަލަ ނިންމަވާފައި ވަނީ އެމަނިކުފާނުގެ އިތުރުން އެ މައްސަލަ ބެއްލެވި އަނެއް ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަހުމަދު ޝަރީފްގެ އިއްތިފާގުން ކަމަށެވެ.
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މަގާމުން ވަކިވުމުން އެމަނިކުފާނު އައްޔަން ކުރައްވާފައިވާ މެންބަރުންގެ މެންޑޭޓް ގެއްލޭ ކަމަށާއި އެ މެންބަރުން މަޖިލީހުގައި ތިބުމުގެ ގާނޫނީ ހައިސިއްޔަތު ވެސް އެ ހިސާބުން ނެތުނީ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ ވާޖިބު އަދާކުރުން މަތީ ދެމިއޮންނާނީ އާ މެންބަރުން އައްޔަން ކޮށްގެން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ކުރީގެ ރައީސް އައްޔަން ކުރައްވާފައިވާ މެންބަރުން ވަކިކޮށް އާ މެންބަރުން މިހާރުގެ ރައީސް އައްޔަން ކުރައްވާފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބެލޭނެ ތަނެއް ނެތް ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
އެ މައްސަލަ އެންމެ ފުރަތަމަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އިޖްރާއީ ގޮތުން ނިންމާފައިވާ ނިންމުން ދައުވާ ކުރައްވާ ފަރާތުން މަދަނީ ކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. ނަމަވެސް އެ ނިންމުމުގައި މެންބަރުން އައްޔަން ކުރުމާމެދު ގޮތެއް ނިންމާފައި ނުވާ ކަމަށާއި އެ ލިޔުމަކީ މައްސަލަ ސާބިތު ކުރުމަށް ދެއްކޭނެ އުޒުރެއް ނޫން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހަށްފަހު ދައުވާ ކުރެއްވި ދެ މެންބަރުންގެ ފަރާތުން މަހްލުފް ވިދާޅުވީ ހައި ކޯޓުން ވެސް އެ މައްސަލަ ނިންމި ގޮތާއި މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށާއި ސުޕްރީމް ކޯޓަށް މައްސަލަ އިލްތިމާސް ކުރުމަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި އޭގެ އިތުރުން އޭނާ ވިދާޅުވީ މިހާރުގެ ރައީސް ގައުމުގެ ހުރިހާ ދާއިރާއަކަށް ވެސް ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށާއި އެއިގެ ސަބަބުން އިންސާފުން ޝަރުއީ މައްސަލަތައް ނިންމުމަށް ފަނޑިޔާރުން ޖެހިލުންވާ ކަމަށެވެ.
އަށް މެންބަރުންގެ މައްސަލައިގެ ޝަރީއަތް: މެމްބަރުން ވަކިކުރައްވާފައި ވަނީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށް ހައި ކޯޓުން ވެސް ހުކުމްކޮށ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ