ހަވީރު ސްޕޯޓްސް އެވޯޑްސްގައި ހިމެނޭ މަގާމުތަކަށް ހޮވޭ ކުޅުންތެރިންނަށް ދިނުމަށް ފަރުމާކުރި އައު އެވޯޑް މިރޭ އިފްތިތާހުކޮށްފި އެވެ.
ނަސަންދުރަ ޕެލެސް ހޮޓަލުގައި މިރޭ ބޭއްވި ހަފުލާގައި މި އެވޯޑް އިފްތިތާހުކޮށްދެއްވީ ހަވީރުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިން އެވެ.
މި އެވޯޑަކީ ހަވީރު ސްޕޯޓްސް އެވޯޑުގައި ހިމެނޭ މަގާމުތަކަށް ދިނުމަށް ހަ މަސް ދުވަހުގެ މަސައްކަތުން ހަވީރު ސްޕޯޓްސް އެވޯޑްސްގެ މާކެޓިން ޕާޓްނަރު ތިންކް އެޑްވަޓައިޒިންގެ ފަރާތުން ތައްޔާރުކުރި އެވޯޑެކެވެ. މި އެވޯޑް ތިންކް އިން ފަރުމާކޮށްފައިވަނީ ހަވީރު ސްޕޯޓްސް އެވޯޑުގެ ފަނޑިޔާރުންގެ ހިޔާލާއެކުގަ އެވެ.
މިރޭގެ ހަފުލާގައި ވާހަކަދައްކަމުން ހަވީރުގެ އެޑިޓަރު މޫސާ ލަތީފް ވިދާޅުވީ ހަވީރު ސްޕޯޓްސް އެވޯޑަށް މުޅިން އަލަށް އެވޯޑެއް ތައާރަފްކުރުމަކީ އެވޯޑުގެ ތާރީހުގައި ވަރަށް ފާހަގަކޮށްލެވޭ ކަމެއް ކަމަށެވެ. އަދި ހަވީރު ސްޕޯޓްސް އެވޯޑްސް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވެނީ އެވޯޑުގެ ސްޕޮންސަރުންގެ ދެއްވާ އެހީތެރިކަމުގެ ސަބަބުން ކަމަށާއި އެވޯޑުގެ ހުރިހާ ސްޕޮންސަރުންނަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މި އެވޯޑް ފަރުމާކުރި ތިންކް އަށް ވެސް ޝުކުރު އަދާކުރި އެވެ. 
އެވޯޑް ފަރުމާކުރި ތިންކް އެޑްވަޓައިޒިން އާއި "ހަވީރު" ން ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ތަނުގައި ހަމައެކަނި މި އެވޯޑުން ހަވީރުގެ ސްޕޯޓްސް އެވޯޑްސް ރަމަޒުކޮށްދޭނެ އެވެ.
ފުޓްބޯޅަ މޫސުމުގައި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިއަކަށް  1994 ވަނަ އަހަރު ހަވީރުން ދޭން ފެށި ރަން ބޫޓާ އެކު މި އަހަރުން ފެށިގެން ޖުމްލަ  23 އެވޯޑް ދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. މީގެ ތެރޭގައި ހަތަރު ކުޅިވަރަކުން އަލަށް ހޮވާ ޒުވާން ކުޅުންތެރިޔާގެ މަގާމު ހިމެނެ އެވެ. އަލަށް އިތުރުކުރި އެވޯޑްތަކާ އެކު މި އަހަރު ދޭ ފައިސާގެ އިނާމް ވަނީ  250،000ރ އަށް ބޮޑު ވެސް ކޮށްފަ އެވެ. މިދިޔަ އަހަރުގެ  11 އެވޯޑާ އެކު ދިން ޖުމްލަ ފައިސާގެ އަދަދަކީ  .142،000ރ އަށް އެވެ. މި ފަހަރު އިތުރުކުރި  13 އެވޯޑުގެ ތެރޭގައި ވޮލީބޯޅަ އާއި ބާސްކެޓްބޯޅައިގެ އަންހެން ފިރިހެން ދެ ވަނަ އަދި ތިން ވަނަ ކުޅުންތެރިޔާ ހިމެނެ އެވެ. ކުރިން އެއް ވަނަ އާއި ދެ ވަނަ ހޮވަމުން އައީ ހަމައެކަނި ފުޓްބޯޅަ އިންނެވެ. ޒުވާން ކުޅުންތެރިޔާ ހޮވަނީ ފުޓްބޯޅަ އިން ފިރިހެން ކުޅުންތެރިޔާ އަދި ވޮލީ އާއި ބާސްކެޓްބޯޅައިގެ ފިރިހެން އަދި އަންހެން ވަކިންނެވެ.
ހަވީރު ސްޕޯޓްސް އެވޯޑްސް  2010 ގެ އޮފިޝަލް ޕާޓްނަރުންނަކީ ދިރާގާއި ސިމްޑީ އަދި މޯލްޑިވިއަން އެވެ. އެސޯސިއޭޓް ސްޕޮންސަރުންނަށް ހެޕީ މާކެޓާއި ސޮނީ ސްޕޯޓްސް އަދި އެލައިޑް އިންޝުއަރެންސެވެ. މާކެޓިން ޕާޓްނަރަކީ ތިންކް އެސޯސިއޭޓްސް އެޑްވަޓައިޒިން އެވެ.
    
    ހަވީރު ސްޕޯޓްސް އެވޯޑްސް: އައު އެވޯޑް އިފްތިތާހުކޮށްފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ