މި މަހުގެ 28 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މިނިވަން، އިންސާފުވެރި އިންތިހާބަކަށް ހެދުމަށްޓަކައި ފުރަތަމަ ބުރުގައި ދިމާވި މައްސަލަތައް ހައްލުކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށް އެމްޑީޕީ ގުޅުމުން ބުނެފި އެވެ.
އެމްޑީޕީ ގުޅުމުގެ ފަރާތުން ކެމްޕޭން ކުރުމަށް އައްޑު އަތޮޅުގައި ހިންގާ ހަރަކާތްތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ހިތަދޫގައި ހުންނަ އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ބައްދަލުވުމުގައި އެމްޑީޕީ ގުޅުމުގެ ފަރާތުން ބުނެފައި އިންތިހާބުގެ ފުރަތަމަ ބުރުގައި ވަރަށް ގިނަ މައްސަލަތައް ފާހަގަކުރެވުނު ކަމަށެވެ. އެހެންވެ އިންތިހާބުގެ މިނިވަންކަމާއި އިންސާފުވެރިކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އެހެން ނަމަވެސް ދެވަނަ ބުރަށް ދާއިރު ކުރިން ދިމާވެފައި ހުރި ރަޖިސްޓްރޭޝަން ލިސްޓްގެ މައްސަލަތަކާއި އައީޑާ ކާޑުތަކުގެ މައްސަލަ ހައްލުކުރުމަށް ހުރިހާ ޕާޓީތައް ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.
"ކުރިން ކުރިމަތިވި ހުރިހާ މައްސަލަތަކެއް ހައްލު ކުރުމަށް އަޅުގަނޑުމެން ޕާޓީތައް ގުޅިގެން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރާނަން،" ރޭގެ ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި ޑރ. އިބްރާހިމް ދީދީ (ޑީޑީ) ވިދާޅުވި އެވެ. "އެގޮތުން ކަމާ ބެހޭ ހުރިހާ ފަރާތްތަކާ މަޝްވަރާކޮށް އަޅުގަނޑުމެން މިކަން ކުރިއަށް ގެންދާނީ."
އެމްޑީޕީ ގުޅުމުން ބުނީ ރައީސް މައުމޫނާ ދެކޮޅަށް ވަރަށް ވަރުގަދަ ކެމްޕޭން ހަރަކާތްތަކެއް މިފަހަރު ރާވައިފައިވާ ކަމަށާއި ދެވަނަ ބުރުގައި "މައުމޫނު ބޮޑު ބަލިކުރުމަކުން ބަލިކުރާނެ" ކަމަށް ވެސް ވިދާޅުވި އެވެ.
އިދިކޮޅު ޕާޓީތައް އެކުވެގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކޮށް، ކެމްޕޭން ކުރުމަށް ރާވައިފައިވާ ހަރަކާތްތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ރޭ ބޭއްވި ބައްދަލުވުމުގައި އަދާލަތު ޕާޓީގެ ރައީސް ހުސެއިން ރަޝީދާއި ގައުމީ އިއްތިހާދުގެ ފަރާތުން ޑރ. މުސްތަފާ ލުތުފީ އާއި އެމްޑީޕީގެ ފަރާތުން ޑރ. އިބްރާހީމްދީދީ (ޑީޑީ) ބައިވެރިވެ ވަޑައިގެންނެވި އެވެ. މީގެ އިތުރުން ދެން މި ބައްދަލުވުމުގައި ބައިވެރިވީ ރިޔާސީ ކެންޑިޑޭޓުންގެ ކޯޑިނޭޓަރުންގެ ގޮތުގައި އައްޑު އަތޮޅުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކެވެ. އެގޮތުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި މޯލްޑިވްސް ނެޝަނަލް ކޮންގްރެސް(އެމްއެންސީ) އާއި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުން ވާދަކުރެއްވި ޑރ. ހަސަން ސައީދުގެ ކެމްޕޭން ކޯޑިނޭޓަރު ވެސް ބައިވެރިވި އެވެ. އަދި އިންތިހާބާ ދޭތެރޭ މިއޮތް މުއްދަތުގެ ތެރޭގައި ކޮންމެ ރެއަކު ސިލްސިލާ ޕްރެސް ކޮންފަރެސްތަކެއް ބާއްވައި ނޫސްވެރިންނަށް މައުލޫމާތު ދޭ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
"އަޅުގަނޑުމެން މިހާރު ރާވައިފައި މިއޮތީ ކެމްޕޭން ހަރަކާތްތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށްޓަކައި ކޮންމެ ރެއަކު ސިލްސިލާ ޕްރެސް ކޮންފަރެސްތަކެއް ބާއްވަން،" ޑރ. މުސްތަފާ ލުތުފީ ވިދާޅުވި އެވެ. "އިންތިހާބާ މިދޭތެރޭ އޮތް މުއްދަތުގެ ތެރޭގައި މިކަން ކޮންމެ ރެއަކު ވެސް އޮންނާނެ. މި ތަނުގައި ކޮންމެ ރެއަކު ވެސް ޕާޓީގެ ކޯޑިނޭޓަރުން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދޭނެ."
އެމްޑީޕީ ގުޅުމުން ބުނީ ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައި ވެސް މިހާރު ގުޅިގެން ކެމްޕޭން ކުރަމުން ގެންދާ ކަމަށާއި އެހެން ނަމަވެސް އައްޑު އަތޮޅަށް ހާއްސަކޮށްގެން މިކަން ކުރިއަށް ގެންދާ ސަބަބަކީ މި އަތޮޅަކީ މާލެ ފިޔަވައި އެންމެ ގިނަ އަދަދަކަށް ނޫސްވެރިން ހަރަކާތްތެރިވަމުން އަންނަ އަތޮޅަށް ވާތީ އެވެ.
ރިޔާސީ އިންތިހާބު 2008: ފުރަތަމަ ބުރުގައި ދިމާވި މައްސަލަތައް ހައްލުކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރާނަން: އެމްޑީޕީ ގުޅުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ