އާންމު އިންތިޚާބު 2009: ވަގުތީ ނަތީޖާ ދައްކާ ގޮތުން ޑީއާރްޕީ އާއި ޕީއޭގެ ކޯލިޝަނަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބުމުގެ ފުރުސަތު ބޮޑު

މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގައި ބޭއްވި އާންމު އިންތިޚާބުގެ، މިހާތަނަށް އާންމުކޮށްފައިވާ ވަގުތީ ނަތީޖާ އަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބުމުގެ ފުރުސަތު ބޮޑީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އާއި ޕީޕަލްސް އެލަޔަންސް (ޕީއޭ) ގުޅިގެން އުފައްދާފައިވާ ކޯލިޝަނަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި މިއަދު މެންދުރު ފަހު ދޭއް ޖެހުމާ ހަމަ އަށް ޝާއިއުކޮށްފައިވާ ވަގުތީ ނަތީޖާ އަށް ބަލާއިރު، ޑީއާރްޕީ އާއި ޕީއޭގެ ކޯލިޝަނަށް 36 ގޮނޑި ލިބޭނެ ކަމަށް ދައްކަ އެވެ. އެއީ ޑީއާރްޕީން މިހާރު ވެސް ކުރި ހޯދާފައިވާ 28 ދާއިރާ އާއި ޕީއޭ އިން ކުރި ހޯދާފައިވާ 8 ދާއިރާގެ 36 ގޮނޑި އެވެ.
ހަތްދިހަ ހަތް ގޮނޑި ހިމެނޭ ގޮތުން އަލަށް އިންތިޚާބުކުރެވޭ މަޖިލީހުގެ އަޣުލަބިއްޔަތަކީ 39 ގޮނޑިކަމަށްވާ އިރު، އެ އަދަދަށް ގޮނޑި ހޯދުމަށްޓަކައި، ޕާޓީތަކާ ނުގުޅި ތިބި ކެންޑިޑޭޓުން ހޯދަން ކޮންމެ ޕާޓީއަކަށް ވެސް މަޖުބޫރުވާނެ އެވެ. މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރި ޑީއާރްޕީގެ ހައެއްކަ މެންބަރުން އިންތިޚާބު ކާމިޔާބުކޮށްފައިވާ ކަމަށް ވަގުތީ ނަތީޖާ އިން ދައްކާތީ، އެފަދަ މެންބަރުންނާ އެކު މަޖިލީހުގެ އަޣުލަބިއްޔަތު ލިބުމުގެ ފުރުސަތު ބޮޑީ ޑީއާރްޕީ އަށެވެ.
ވެރިކަންކުރާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ލިބޭނެ ކަމަށް މިހާރުގެ ވަގުތީ ނަތީޖާ އިން ދައްކަނީ، 26 ގޮނޑި އެވެ. ނަމަވެސް ޑީއާރްޕީ އާއި އެމްޑީޕީއާ ދެމެދު ކުޑަ ތަފާތަކުން ވާދަކުރާ ބައެއް ދާއިރާތައް ހުރުމާ އެކު އެ ނަތީޖާ އަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.
އެންމެ ގިނަ އިންތިޚާބީ ދާއިރާތައް ހިމެނޭ މާލޭގެ 11 ގޮނޑީގެ ތެރެއިން އަށް ގޮނޑި އެމްޑީޕީ އަށް ލިބޭނެ ކަމަށް، މިއަދު މެންދުރު ފަހާ ހަމައަށް އާންމުކޮށްފައިވާ ވަގުތީ ނަތީޖާ އިން ދައްކަ އެވެ. އަނެއް ތިން ގޮނޑި ލިބެނީ ޑީއާރްޕީ އަށެވެ.
މާލެ އަށް ފަހު އިދާރީ ދާއިރާތައް ހިމެނޭ އައްޑޫގެ ހަ ގޮނޑީގެ ތެރެއިން ޑީއާރްޕީ އަށް ދެ ގޮނޑި އަދި އެމްޑީޕީ އަށް ވެސް ދެ ގޮނޑި ލިބެ އެވެ. އަދި ޕީއޭ އަށް އެއް ގޮނޑި ލިބޭ އިރު، ގައުމީ ޕާޓީ އަށް ވެސް ގޮނޑިއެއް ލިބެ އެވެ.
މާލެ ފިޔަވައި އެމްޑީޕީން އެންމެ ގިނަ ގޮނޑި ނަގާފައިވަނީ ހއ. އަތޮޅުންނެވެ. އެ އަތޮޅުގައި އިންތިޚާބީ ފަސް ދާއިރާ ހިމެނޭ އިރު އޭގެ ތެރެއިން ހަތަރު ދާއިރާއެއްގައި ކުރި ހޯދާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. އަދި އެ އަތޮޅުން ޑީއާރްޕީ އަށް ލިބޭނެ ކަމަށް ބެލެވެނީ އެއް ގޮނޑި އެވެ.
ވަކިވަކި އަތޮޅުތަކަށް ބަލާއިރު، ރ. އަތޮޅުގެ ހަތަރު ގޮނޑި އެކުގައިހެން ނަގާނެ ކަމަށް ވަގުތީ ނަތީޖާ އިން ދައްކަނީ، ޑީއާރްޕީ އެވެ. އަދި އއ. އަތޮޅުގެ ދެ ގޮނޑި އާއި ވ. އަތޮޅުގެ ދެ ގޮނޑި ވެސް ލިބިފައިވާ ކަމަށް ދައްކަނީ ޑީއާރްޕީ އަށެވެ.
ލ. އަތޮޅުގެ ހަތަރު ގޮނޑި ވެސް ޕީއޭ އަށް ލިބިފައިވާ ކަމަށް ވަގުތީ ނަތީޖާ އިން ދައްކާ އިރު، އެ އަތޮޅު ގަމު ދާއިރާގެ ކެންޑިޑޭޓުންގެ މެދުގައި ނޫނީ ވާދަވެރި ތަފާތެއް ނެތެވެ. އަދި މ. އަތޮޅުގެ ދެ ދާއިރާގައި ވެސް މާ ބޮޑު ވާދަވެރިކަމެއް ނެތި ކުރި ހޯދާފައިވަނީ ޕީއޭ އެވެ.
އަތޮޅުތަކުގެ ތެރެއިން ދ. އަތޮޅުގެ އެންމެ ގޮނޑިއެއް ވެސް ޕާޓީއަކަށް ލިބޭނެ ކަމަކަށް ވަގުތީ ނަތީޖާ އިން ނުދައްކަ އެވެ. އެ އަތޮޅުގެ ދެ ދާއިރާގައި ވެސް ކުރީގައި އުޅެނީ މިނިވަން ކެންޑިޑޭޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ