ކ. މާފުށީ ޖަލުން ބޭސް ފަރުވާ އަށް މާލެ ގެންނަ ގައިދީން ވަގުތީ ގޮތުން ބައިތިއްބާ މާލޭ ޖަލުގެ ބައެއް ގޮޅިތަކުގައި ޖާގަ ނެތް ވަރަށް ގައިދީން ބައިތިއްބައިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެފި އެވެ.
ބަންދުގައި ތިބި މީހުންގެ އިންސާނީ ހައްގުތަކަށް އުނިކަމެއް އައިސްފައި ނުވަތަ ގެނެސްފައިވޭތޯ ދިރާސާކޮށް، ކަމާ ބެހޭ ފަރާތްތަކަށް ހުށެހެޅުމަށްޓަކައި މިދިޔަ މަހުގެ ތެރޭގައި ކުރި ޒިޔާރަތަށް ފަހު މިދިޔަ ހަފުތާގައި ނެރުނު ރިޕޯޓްގައިވާ ގޮތުން މާލޭ ޖަލުގައި އެންމެ ގިނަވެގެން ބޭއްތިއްބޭނީ ގިނަވެގެން 100 ގައިދީންނެވެ. އެހެން ނަމަވެސް އެ ކޮމިޝަނުން ބެލިއިރު މާލޭ ޖަލުގެ ގޮޅިތަކުގައި 148 ގައިދީން ބަންދުކޮށްފައި ތިބި ކަމަށް އެ ކޮމިޝަނުގެ ރިޕޯޓުގައި ވެ އެވެ.
"ގޮޅިތަކުގައި ބައިތިއްބަން ޖެހޭ ވަރަށް ވުރެ އިތުރަށް ގައިދީން ބޭތިއްބުމުގެ ސަބަބުން ނިދާނެ އެނދު ނެތި ބައެއް ގައިދީން ތަށިމުށިމަތީގައި ނިދަން ޖެހި އެކަމުގެ ސަބަބުން ގޮޅީގެ ތެރޭގައި ހިނގައި ހަދާނެ އިތުރު ޖާގަ ނޯންނަކަން،" އެ ރިޕޯޓްގައި ފާހަގަކޮށްފައި ވެ އެވެ. "ހަތަރު މީހުންގެ ޖާގައިގެ ގޮޅިތަކުގައި ހަތް މީހުންނާއި ނުވަ މީހުންނާ ދެމެދުގެ އަދަދަކަށް ގައިދީން ތިބިކަން. އަދި 24 މީހުންގެ ދެ ގޮޅީގެ ތެރެއިން އެއް ގޮޅީގައި 26 މީހުން ތިބި އިރު އަނެއް ގޮޅީގައި 27 މީހުން ތިބިކަން."
އެ ރިޕޯޓުގައިވާ ގޮތުން މާފުށީ ޖަލުން ޑޮކްޓަރަށް ދެއްކުމަށް ގެންނަ މީހުންނާއި ވަގުތީ ގޮތުން ބަންދުކުރާ މީހުން ވަގުތީ ގޮތުން ބޭތިއްބުމަށް ހާއްސަކޮށްފައިވާ އެއް ނަމްބަރު ގޮޅީގައި ބޯފެނާއި ގޮދަޑި އާއި ފާހާނާއެއް ވެސް ނެތެވެ.
މީގެ އިތުރުން ވެސް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ ޖަލުގެ މުވައްޒަފުންގެ ފަރާތުން އެނގުނު ގޮތުގައި އަރުވާލުމަށް ހުކުމްކޮށްފައި ތިބި ތިން މީހަކު ވެސް އެ ޖަލުގައި އެބަތިއްބެވެ. އަދި އެކި ބާވަތްތަކުގެ ކުށްކުރާ މީހުން މަސްހުނިކޮށް ގޮޅިތަކުގައި ބައިތިއްބައިފައި ތިބިކަން ވެސް އެ ކޮމިޝަނުގެ ރިޕޯޓްގައި ފާހަގަކޮށްފައި ވެ އެވެ.
"ޖަލު ގަވާއިދު"ގައިވާ ގޮތަށް ގަވާއިދުން ބޭސް ފަރުވާ ނުކުރެވޭ ކަމަށާއި ގަޑިން ގަޑިއަށް ބޭސް ކާން ނުލިބުމުގެ އިތުރުން ބައެއް ފަހަރު އެކެއްގެ ބޭސް އޮޅިގެން އަނެކަކަށް ދިނުން ފަދަ ކަންތައް ހިނގަމުން އަންނަ ކަމަށް ވެސް އެ ކޮމިޝަނުގެ ރިޕޯޓްގައިވެ އެވެ. އެ ކޮމިޝަނުން ބުނީ "ޖަލު ގަވާއިދު"ގައިވާ ގޮތުގެ މަތިން ގޮޅިން ބޭރަށް ނެރެ ހިނގަން ފުރުސަތު ދޭން ޖެހޭނެ ކަމުގައި ވީ ނަމަވެސް ޖަލު ހުޅުވުނީއްސުރެ އެ ފުރުސަތު ގައިދީންނަށް ދީފައި ނުވާ ކަމަށެވެ.
"...ގައިދީންނަށް ލިބެން ޖެހޭ ފޯނުކޯލު ނުލިބޭކަން. ޖަލު ހެދިފައި ހުރި ގޮތުން ވާރޭ ވެހޭ ވަގުތު ކޮރިޑޯތެރެއަށް އެޅޭފެން ޖަލުގެ ގޮޅިތަކުގެ ތެރެއަށް ވަންނަ ކަމާއި އަދި ވާރޭ ވެހޭ ވަގުތު ގޮޅިތަކުގެ ތެރެއަށް ފެން ވިއްސާކަން. ގޮޅިތަކުގެ ފާހާނާ ހާމައަށް ހުރުމުގެ ސަބަބުން ބޮޑުކަމުދާ ވަގުތުތަކުގައި ގޮޅިތެރޭގެ ވަސް ނުބައިވެ، ކައިބޮއި ހެދުމަށް ދަތިވާކަން،" ހިއުމަން ރައިޓްސް ކޮމިޝަނުގެ ރިޕޯޓްގައި ފާހަކޮށްފައިވެ އެވެ.
އެ ކޮމިޝަނުގެ ރައީސްގެ އިތުރުން އިސްވެރިން ބައިވެރިވެވަޑައިގަތް އެ ޒިޔާރަތަށް ފަހު، ޖަލުގެ މުވައްޒަފުންނާއި ގައިދީންގެ އިތުރުން އެ ކޮމިޝަނަށް ފާހަގަ ކުރެވުނު ކަންތައް އިސްލާހު ކުރުމަށް ހުށަހަޅައިފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
އިސްލާހުކުރަން ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އަށް ހުށަހަޅައިފައިވާ ކަންތައްތަކުގެ ތެރޭގައި ޖަލުގެ ސަލާމަތީ ކަންތައް ބެލެހެއްޓުމަށް ބޭނުންވާ މިންވަރަށް މުވައްޒަފުން އިތުރު ކުރުމާއި ތަފާތު މައްސަލަތަކުގައި ހުކުމްކޮށްފައި ތިބި ގައިދީންގެ ކުށުގެ ބާވަތްތަކަށް ބަލައި ގައިދީން ފަންތިކޮށް ގޮޅިތަކުގައި ބޭތިއްބުން ހިމެނޭ ކަމަށް އެ ރިޕޯޓުގައި ވެ އެވެ. މީގެ އިތުރުން ވެސް ގިނަ ކަންތައް އިސްލާހު ކުރުމަށް އަންގައިފައިވާނެ ކަމަށް އެ ކޮމިޝަނުގެ ރިޕޯޓުގައި ވެ އެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން ބުނި ގޮތުގައި މާލޭ ޖަލަށް ޒިޔާރަތްކޮށް ހުށަހަޅައިފައިވާ ކަންތައްތަަކަކީ ޖަލުގެ ކަންތައް ހަރުދަނާ ކުރުމުގެ ގޮތުން އިސްލާހު ކުރަން ޖެހޭ ކަމަށް އެ ކޮމިޝަނަށް ފެންނަ ކަންކަމެވެ.
މީގެ އިތުރުން ބުނީ ގައިދީންގެ ކެއުމާއި ޖަލުގެ އިދާރީ ދޮރާށީގެ ސަލާމަތީކަންކަން ހުރީ ރަނގަޅަށްކަން ފާހަގަ ކުރެވުނު ކަމަށެވެ. އަދި ޖަލުގެ ސާފުތާހިރުކަން އެކަށީގެންވާ ފެންވަރެއްގައި ހުރިކަން ވެސް އެ ރިޕޯޓުގައި ހިއުމަން ރައިޓްސް ކޮމިޝަނުން ފާހަގަކޮށްފައި ވެ އެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން މާލޭ ޖަލަށް ކުރި ޒިޔާރަތް: "ބައެއް ގޮޅިތަކުގައި ޖާގަ ނެތް ވަރަށް ގައިދީން ބައިތިއްބާފައިވޭ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ