ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ނުދޭ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
ގާސިމް އިބްރާހީމްގެ ގާނޫނީ ވަކީލުން ޓީމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނަނީ މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރެއްހާއިރު ދިމާވި ކުއްލި އާލާސްކަންފުޅާ ގުޅިގެން އޭޑީކޭގެ އައިސީޔޫގައި މިވަގުތު ފަރުވާދެމުންދާ ގާސިމް އިބްރާހީމްގެ ހާލުކޮޅު ދުވަހަކަށްވުރެ ދުވަހެއް ދަށްވެ، އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާވެފައިވާ ކަމަށެވެ. ނަމަވެސް ކަމާބެހޭ ފަރާތްތަކުގައި ތަކުރާރުކޮށް ދަންނަވައި، އެމަނިކުފާނަށް ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ މިއަދާ ހަަމައަށްވެސް ލިބިވަޑައިގެންފައި ނުވާތީ، އެމައްސަލަ މިހާރު ވަނީ އެމަނިކުފާނުގެ ވަކީލުންގެ ފަރާތުން ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައި ކަމަށެވެ. އެކޮމިޝަނަށް ލިބޭ ގާނުނީ ބާރުގެ ދަށުން އެމައްސަލައާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް ވެސް ގާސިމްގެ ވަކީލުން ވަނީ އެކޮމިޝަނުގައި ވަނީ އެދިފައެވެ.
އެމަނިކުފާނުގެ ވަކީލުންގެ ބަޔާނުގައި ވަނީ ގާނޫނުއަސާސީގެ 21 ވަނަ މާއްދާގެ ނައްސުގައި ހަމަކޮންމެ މީހަކަށްމެ ދިރިހުރުމުގެ ހައްގާއި، އަމިއްލަ މިނިވަންކަމާއި، ނަފުސު ރައްކާތެރިކުރުމުގެ ހައްގު ލިބިގންވާ ކަމަށް ބަޔާންކޮށްފައިވާއިރު، އެހައްގަކީ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ގާސިމް އިބްރާހީމަށް ވެސް އެއްވެސް ތަފާތުކުރުމެއް ނެތި ހަމަހަކަމާއެކު ލިބެންޖެހޭ ހައްގެއް ކަމަށެވެ.
"ނަފުސު ރައްކާތެރިކުރުމުގެ ހައްގުން ގާސިމް އިބްރާހީމް މަހުރޫމް ކުރެވިފައިވާއިރު، އެމަނިކުފާނުގެ ފުރާނަފުޅާމެދު ނަގަންޖެހިދާނެ ޒިންމާއަކަށް ޖެހިލުންވުމެއްނެތި، ދުސްތޫރީ ހައްގުތައް ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދިނުމާއި އިންސާނީ ކަރާމާތާއި ހަމަހަމަކަން ނެގެހެއްޓުމަށް ގާނޫނުއަސާސީން އެބަޔަކާ މަތިކޮށްފައިވާ ފަރާތްތައް ޒިންމާދާރުކަމާއެކު އެވާޖިބު އަދާކުރުމަށް ގޮވާލަމެވެ" ގާސިމް އިބްރާހީމްގެ ވަކީލުންގެ ބަޔާނުގައި ވެއެވެ.
ހަމައެއާއެކު، ގާސިމް އިބްރާހީމާއިމެދު އިންސާފުވެރިކަމާއި އިންސާނިއްޔަތުކަމާއެކު މުއާމަލާތުކުރުމަށާއި، ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ކަށަވަރުކޮށްދޭންޖެހޭ ހައްގުތައް އެމަނިކުފާނަށް ތަނަވަސްކޮށްދިނުމަށާއި، ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، އެމަނިކުފާނާމެދު ކަންތައްތައް ކުރުމަށާއި، އެމަނިކުފާނުގެ ބޭސްފަރުވާ ފުރިހަމަ ކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އެމަނިކުފާނުގެ ޕާސްޕޯޓު ދޫކޮށްދިނުމަށް ވެސް ވަކީލުންގެ ޓީމުން ވަނީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް އިލްތިމާސްކޮށްފައެވެ. އަދި މިކަމުގައި ގާނޫނީގޮތުން ގާސިމް އިބްރާހީމާއި އެމަނިކުފާނުގެ އާއިލާއަށް ފުރިހަމައަށް އެއްބާރުލުންދީ، އެމަނިކުފާނުގެ ހައްގުތައް ކަށަވަރުކޮށްދިނުން އެދި އިންސާނީ ހައްގުތައް ކުރިއެރުވުމަށް ގާނޫނުއަސާސީން އެކަށައަޅާފައިވާ މިނިވަން މުސްތަގިއްލު ހިއުމަން ރައިޓްސް ކޮމިޝަނަށް ގޮވާލާފައި ވެއެވެ.
ގާސިމް އިބްރާހީމް ބޭސްފަރުވާއިން މަހުރޫމްކުރާ މައްސަލަ އެޗުއާރުސީއެމަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ