ގާސިމް ބޭރަށް ފޮނުވޭނީ އިޖުރާއަތުތައް ފުރިހަމަ ކޮށްގެން: ކަރެކްޝަންސް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވުމަށް ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ. ގާސިމް އިބްރާހިމްގެ މައްޗަށް ކްރިމިނަލް ކޯޓުން ރޭ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކުރީ އެމަނިކުފާނުގެ ޣައިރު ހާޒިރުގަ އެވެ. އެއީ ރިޝްވަތު ދިނުމަށް ހުށަހެޅިކަމަށް ބުނެ ދައުލަތުން ކުރި ދައުވާ ސާބިތުވުމުންނެވެ. އެކަމާ ގުޅިގެން ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގުމާން 'ސަން' އަށް ވިދާޅުވީ ގާސިމް ރާއްޖޭން ބޭރަށް ފޮނުވުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަ ކުރަމުންދާ ކަމަށެވެ. އިތުރު މައުލޫމާތެއް ލުުގުމާން ނުދެއްވަ އެވެ. ގާސިމް މިހާރުވެސް އޮންނެވީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓް ކުރައްވާފަ އެވެ. ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު މިރޭ 'ސަން' އަށް ވިދާޅުވީ ގާސިމް ރާއްޖޭން ބޭރަށް ފޮނުވުމަށް ބޭނުންވާ ލިޔުންތައް މިރޭ ހަތެއް ޖެހުމުުގެ ކުރިން ކަރެކްޝަންސްއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ ލިޔުތަކުގެ ތެރޭގައި ގާސިމް މީގެ ކުރިން ބޭސަފަރުވާ ހޯއްދަވާފައިވާ ގައުމުތަކާއި އެ ހޮސްޕިޓަލު ތަކުގެ ލިޔުންތައް ހިމެނޭނެ ކަމަށް ސަމީރު ވިދާޅުވި އެވެ. އަދި ޑޮކްޓަރު ރާއްޖޭން ބޭރަށް ފުރުމަށް ލަފާ ދެއްވައި ދީފައިވާ ލިޔުންތައްވެސް ހުށަހަޅާފައިވާ ކަމަށް ސަމީރު ވިދާޅުވި އެވެ. ރޭ ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ގާސިމް ރާއްޖޭން ބޭރަށް ފޮނުވުމަށް ކަމާ ބެހޭ ފަރާތްތަކުގެ މައްޗަށް ވަނީ އަމުރު ކޮށްފަ އެވެ. އަދި ކްރިމިނަލް ކޯޓުން މިހާރު ވަނީ ގާސިމްގެ ޕާސްޕޯޓު ދޫކުރުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އަމުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ