ސުޕްރީމް ކޯޓަށް ބޮޑެތި ބަދަލުތަކެއް ގެނެސް އުއްތަމަ ފަނޑިޔާރަކަށް އާޒިމާ!

އުއްތަމަ ފަނޑިޔާރުގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އަލްއުސްތާޒާ އާއިޝަތު އާޒިމާ ޝަކޫރު ގެންނަން އުޅޭކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައިވެސް މިވާހަކަ ވަރަށް ބޮޑަށް ފެތުރެމުންދާއިރު، ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ބައެއް މެމްބަރުން ވެސް ވަނީ މިފަދަ މައުލޫމާތެއް ލިބިވަޑައިގެންފައިވާ ކަަމަށް ވިދާޅުވެފައެވެ. އެގޮތުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރު ނުވަތަ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އެހެން ބޭފުޅަކު ވަޑައިގަންނަވަން އުޅުއްވާކަމުގެ ޚަބަރު ވަރަށް ބާރަށް ފެތުރެމުންދާ ކަމަށާއި ސުޕްރީމް ކޯޓު ބޮޑު ބަދަލާ ދިމާއަށް ދާން އުޅޭކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީގެ ޓުވީޓެއްގައި ވިދާޅުވީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ އުއްތަމަ ފަނޑިޔާރުގެ މަގާމާ ހަވާލުވެވަޑައިގަންނަވަން ލިބާސްކޮޅު ފައްސަވައި، ދުންފޮއްޓަށް ލިބާސް ލައްވާ ކަމުގެ ވާހަކަ އިވިވަޑައިގެންފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ ޓުވީޓެއްގައި ވިދާޅުވީ އާޒިމާ ސުޕްރީމް ކޯޓަށް އައްޔަންކުރައްވަން ރައީސް ޔާމީން ބޭނުންފުޅުވާ އެންމެ ބޮޑު ސަބަބަކީ މިހާރު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަލްއުސްތާޒު އަބްދުﷲ ސައީދު އެމަގާމުން ވަކިކުރެއްވުން ކަމަށެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް އާޒިމާ ގެންނަން އުޅޭކަމުގެ ވާހަކަތަކެއް ފެތުރެން ފަށާފައިމިވަނީ ރާއްޖޭގެ ދުސްތޫރީ އޮނިގަނޑުގައި ވަރަށް ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށް ވިދާޅުވެ ރައީސް ޔާމީން ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ. މިނިވަންދުވަހުގެ ޚިތާބުގައި ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ފަރުމާކުރެވިފައިވަނީ ޑެޑްލޮކަކަށް ދާގޮތަށް ކަމަށާއި ދިވެހިރާއްޖޭގެ ދުސްތޫރީ އޮނިގަނޑު އެކުލަވައިލެވިފައި އޮތީ ދިވެހި ގައުމުގެ ރައީސަކަށް ހުންނަ މީހާ، އެއްއަތް ފަހަތަށް ބަނދެގެން ރައްޔިތުންގެ ކުރިމައްޗަށް ނެރެވޭ ގޮތަށް ކަމަށެވެ.
ރައީސްގެ މިވާހަކަފުޅާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ބޮޑެތި ފާޑުކިޔުންތަކެއް އެމަނިކުފާނަށް އަމާޒުވެފައިވާއިރު، ރައީސްގެ ވާހަކަފުޅު ދިފާއުކުރައްވައި އެންމެ ބޮޑަށް ވާހަކަފުޅު ދައްކަވަނީ ގާނޫނުއަސާސީ ތަސްދީގުކުރެވުނުއިރު ބަންޑާރަ ނާއިބުގެ މަގާމުގައި ހުންނެވި އާޒިމާ ޝަކޫރެވެ. ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު އޮތީ ގައުމީ މަސްލަހަތަށްވުރެ ބޮޑަށް ސިޔާސީ މަސްލަހަތަށް ޖާގަދީފައި ކަމަށް އެކަމަނާ ވަނީ ދައުލަތުގެ ޓީވީގައި ވިދާޅުވެފައެވެ.
ސުޕްރީމް ކޯޓަށް ބޮޑެތި ބަދަލުތަކެއް އަންނަން އުޅޭކަމުގެ އަޑުތައް ފެތުރިފައިވާއިރު، އެކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް ކުއްލިގޮތަކަށް ފަސް ފަނޑިޔާރުންނަށް ބަދަލުކުރީ މިސަރުކާރުންނެވެ. މިއަންނަ ބަދަލުތަކުގެ ތެރެއިން އަނެއްކާވެސް ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރަން އުޅޭ ކަމަށް ވެސް އަޑުއިވެއެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް އާޒިމާ ގެނެސް، ސުޕްރީމް ކޯޓު ބޮޑު ބަދަލަކާ ދިމާއަށް ދާން އުޅޭކަމުގެ ވާހަކަތައް މިދެކެވެނީ ދައުލަތުގެ ފަރާތުން ހުށަހަޅައިގެން ސުޕްރީމް ކޯޓުން ދާދި ފަހުން ބޮޑެތި ނިންމުންތަކެއް ވެސް ނިންމާފައި ވަނިކޮށެވެ. އޭގެ ތެރޭގައި ވަޒީރެއްގެ އިތުބާރުނެތްކަމަށް މަޖިލީހުން ފާސްކުރިޔަސް ފަހުބަސް ބުނާނީ ސުޕްރީމް ކޯޓުން ކަމަށް ނިންމި ނިންމުމާއި، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ ނުވަތަ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ މަޖިލީހުގެ މެމްބަރުކަން ގެއްލޭނެ ކަމަށް ނިންމި ނިންމުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ