ސަވާހިލި ތަރައްގީ ނުކޮށްފި ނަމަ ފޭދޫ ޓޫރިޒަމް ޒޯނަށް ގެއްލުން ވާނެ: މޭޔަރު

އައްޑޫ ފޭދޫ ޓޫރިޒަމް ޒޯން ކައިރީގައި އޮންނަ ފަޅުރަށް ކަމަށްވާ ސަވާހިލި އައްޑޫ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ސަރުކާރުން ނަގާފައިވާއިރު، އެ ރަށް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ނުކޮށްފި ނަމަ ނަމަ އޭގެ ވަރަށް ބޮޑު ގެއްލުމެއް ފޭދޫ ޓޫރިޒަމް ޒޯނަށް ކުރާނެ ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ. 
ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ނިޒާރު އިއްޔެ ވިދާޅުވީ، އައްޑޫ ސިޓީގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ސަވާހިލި ރަށް ޓޫރިޒަމް މަސައްކަތަށް ދޫނުކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރުމުން، އެ ކަން ކުރެވޭނެ ހާއްސަ ހުއްދައަކަށް ރައީސް އޮފީހަށް މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.
ނަމަވެސް، އެ ސިޓީއަށް އެއްވެސް ޖަވާބެއް ނުދެއްވައި ބާއްވާފައިވާތީ، އެ ރަށުގައި ރެކްރިއޭޝަނަލް ފެސިލިޓީތައް ގާއިމުކުރަން ކައުންސިލުން މި މަހުގެ 19 ވަނަ ދުވަހު ބީލަމަށް ހުޅުވައިލި ފަހުން، ސަވާހިލި ކައުންސިލްގެ އިހުތިސާސުން ސަރުކާރުން މިދިޔަ ބުދަ ދުވަހު ވަކިކޮށްފައިވާ ވަކިކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މޭޔަރު ވިދާޅުވި އެވެ. 
The most trusted news source in the Maldives
"އަޅުގަނޑުމެންނަށް ސަރުކާރުގެ ތެރެއިން މައުލޫމާތު ލިބުނު. ލިބުނު މައުލޫމާތަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް އެދިގެން ކަމަށް ރައީސް މިކަން ކުރެއްވީ،" ނިޒާރު ތުހުމަތު ކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ފޭދޫ ޓޫރިޒަމް ޒޯނާ ގުޅިފައިވާ ސަވާހިލީގައި ސަރުކާރުން ޓޫރިޒަމް ތަރައްގީކުރުމުގެ މަސައްކަތް ނުފަށައިފި ނަމަ ފޭދޫގައި ފަށަން ތައްޔާރުވަމުން އަންނަ ގެސްޓް ހައުސްތަކުގެ އޮޕަރޭޝަނަށް ބުރޫއަރާނެ އެވެ.
ނިޒާރު ދެކެވަޑައިގަންނަވާ ގޮތުގައި ފޭދޫ ޓޫރިޒަމް ޒޯނާއި ސަވާހިލި ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ވާނީ އެކުއެކީގައި އެއް މަސައްކަތެއްގެ ގޮތުގަ އެވެ. 
އޭނާ ވިދާޅުވީ، އެކަން އެ ގޮތަށް ނުކުރެވިއްޖެ ނަމަ އައްޑޫގެ ޓޫރިޒަމްގެ ހަރަކާތްތައް އަނެއްކާ ވެސް ދާނީ ފަހަތަށް ކަމަށެވެ.
ފޭދޫ ޒޯނުގައި މިހާރު ވެސް 400 އެއްހާ ކޮޓަރީގެ މަސައްކަތް ނިމެން ގާތްވެފައިވާއިރު، 2028 ވަނަ އަހަރާ ހަމައަށް 1،000 ކޮޓަރި ހަދާނެކަން ނިޒާރު ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ، އައްޑޫގެ ޓޫރިޒަމް ތަރައްގީކޮށް، އިގުތިސާދީ ހަރަކާތްތައް ފުޅާކުރުމަށް މި ސަރުކާރަށް މިވީ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްވެސް މަސައްކަތެއް ކޮށްދެވިފައި ނުވާއިރު، ސިޓީ ކައުންސިލުން ކުރާ މަސައްކަތްތަކަށް ވެސް ސަރުކާރުން ދަނީ ފާޅުގައި ހުރަސްއަޅަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ