ގޮނޑި ގެއްލޭ ހުކުމަކީ ސުޕްރީމް ކޯޓުގެ ޣައިރު ގާނޫނީ އަމަލެއް: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ގޮތްތަކެއް ކަނޑައަޅާ ސުޕްރީމް ކޯޓުން އިއްވާފައިވާ ހުކުމް ބަލައިނުގަންނަވާނެ ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިވަގުތު ލަންކާގައި ހުންނެވި ރައީސް ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު މިއަދު ކުރައްވާފައިވާ ހުކުމެއްގަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމަށް ފާޑު ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތް ގާނޫނު އަސާސީގައި ބަޔާންކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުން ގާނޫނު އަސާސީ އިސްލާހު ކުރުމަކީ ސުޕްރީމް ކޯޓުން ކުރަން ހުއްދަ އޮތް ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ގޮތްތަކެއް ކަނޑައަޅާ ސުޕްރީމް ކޯޓުން ހުކުމެއް ނެރުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށެވެ. އެހެންކަމުން ހުކުމް ބަލައިނުގަންނަވާނެ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
ސުޕްރީމް ކޯޓުގެ މިހުކުމާ ގުޅިގެން ރައީސް ނަޝީދު މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރެއްވުމުން ގޮނޑި ގެއްލިދާނެ ކަމަށް އެއްވެސް މެންބަރަކު ކަންބޮޑުވެވަޑައިނުގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ﷲގެ އިރާދަފުޅުން ގެއްލޭ ގޮނޑިތައް ނަގަައިދޭނެ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ގޮތްތަކެއް ކަނޑައަޅާ ސުޕްރީމް ކޯޓުން ހުކުމް ކުރީ މިމަހުގެ 13 ވަނަ ދުވަހު އެވެ. މިހުކުމާ ގުޅިގެން ސިޔާސީ ބޭފުޅުންނާއި ގާނޫނީ ބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުންވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ