ބަންގްލާދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ އަރިސް ބޭފުޅެއް ކަމަށްވާ، އެ ގައުމުގެ ރައީސް މުހައްމަދު ޝަހާބުއްދީން ސިއްހީ ހާލަތު ތަން ނުދޭ ކަމަށް ވިދާޅުވެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އޭނާގެ އިސްތިއުފާގެ ސިޓީ އޭއެފްޕީއަށް ފެނިފައި ވާއިރު އޭއެފްޕީއަށް ދެއްވި ފޯނު އިންޓަވިއުއެއްގައި ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
"އާދެ، އަޅުގަނޑު ވަނީ އިސްތިއުފާ ދީފައި،" 2028 ވަނަ އަހަރުގެ ނިޔަލަށް އޮތް ދައުރު ހަމަވުމުގެ ކުރިން އިސްތިއުފާ ދެއްވަން އުޅުއްވާ ކަމަށް ފެތުރެމުންދިޔަ އަޑުތަކާ ގުޅޭގޮތުން ސުވާލު ކުރުމުން ޝަހާބުއްދީން ވިދާޅުވި އެވެ.
ބަންގްލާދޭޝްގައި ރަމްޒީ މަގާމެއްގެ ގޮތުގައި އޮންނަ ރައީސްކަމުން އިސްތިއުފާ ދެއްވުމާ ބެހޭ ގޮތުން އޭނާ ތަފްސީލެއް ނުދެއްވި އެވެ.
ގާނޫނުހަދާ މަޖިލީހުގެ ރައީސަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި، މުހައްމަދު ޝަހާބުއްދީން ފާހަގަކުރައްވާފައިވަނީ ސިއްހީ ހާލަތު ގޯސްވެފައިވާ ކަމަށެވެ.
"ޖިސްމާނީ އަދި ނަފްސާނީ ގާބިލުކަން ކުޑަވުމުގެ ސަބަބުން... ރައީސްކަމުގެ މަގާމު ފަދަ ދުސްތޫރީ މުހިންމު މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރުމަކީ ދެން ކުރެވޭނެ ކަމެއް ނޫން،" އެ ސިޓީގައިވެ އެވެ.
"ޗުއްޕޫ" ގެ ނަމުން މަޝްހޫރުވެވަޑައިގެންފައިވާ އުމުރުން 76 އަހަރުގެ ޝަހާބުއްދީން، 2023 ވަނަ އަހަރު ރައީސްކަމުގެ މަގާމަށް އިންތިހާބުކުރީ ހަސީނާގެ އަވާމީ ލީގުގެ ތާއީދާ އެކު، މަޖިލީހުންނެވެ.
ދަރިވަރުން އިސްނަގައިގެން 2024 ވަނަ އަހަރު ކުރި މުޒާހަރާތަކުގައި ހަސީނާގެ ވެރިކަން ވައްޓާލުމާ ގުޅިގެން، ރައީސް ވެސް މަގާމުން ވަކިކުރުމަށް ގޮވާލާ އަޑުތައް ގަދަވި އެވެ.
މިދިޔަ މެއި މަހު ލަންޑަންގައި ސިއްހީ ފަރުވާ ހޯއްދަވަމުން ދެއްވި ދުވަސްވަރު ޝަހާބުއްދީން، ހަސީނާއާ ފޯނުން ވާހަކަދެއްކެވި ކަމަށް ތުހުމަތު ކުރެވުނު ނަމަވެސް، އޭނާ ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.
ވެރިކަންކުރާ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ ހޯމް މިނިސްޓަރު ސަލާހުއްދީން އަހުމަދު ބުރާސްފަތި ދުވަހު ވިދާޅުވީ، ރައީސްގެ އިސްތިއުފާގެ ސިޓީ ހުށަހެޅުއްވިކަން ސަރުކާރަށް އެނގިފައިނުވާ ކަމަށެވެ.
"އިސްތިއުފާ ދެއްވަން ބޭނުންފުޅުވާ ނަމަ، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން އިސްތިއުފާގެ ސިޓީ ހުށަހަޅުއްވަންޖެހޭނީ މަޖިލީހުގެ ރައީސަށް،" ނޫސްވެރިންނަށް މިނިސްޓަރު ވިދާޅުވި އެވެ.
ބަންގްލާދޭޝްގެ ރައީސް އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ