ގާސިމް ހާޒިރުކުރީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ތުހުމަތަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ ފަނޑިޔާރުންނާއި ފުލުހުން އަދި ސިފައިންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތާއި ގާނޫނީ ސަރުކާރެއް ވައްޓާލަން ރާވަމުންދާ ކަމުގެ ތުހުމަތަށް ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.
ގާސިމްގެ ވަކީލް ހިސާން ހުސެއިން ވިދާޅުވީ، ގާނޫނުލް އުގޫބާތުގެ ދަށުން ފުލުހުން ތުހުމަތުކުރާ އެ މައްސަލައަށް ވަރަށް ފުރިހަމައަށް ގާސިމް އިބްރާހިމް ޖަވާބުދާރީވެފައިވާ ކަމަށެވެ.
ފުލުހުންގެ އިދާރާއިން ނިކުމެވަޑައިގަތުމަށްފަހު ގާސިމް އިބްރާހިމް ވިދާޅުވީ، ފުލުހުން އެ ތުހުމަތު ކުރައްވަނީ މި މަހުގެ ފަސްވަނަ ދުވަހުގެ ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ދެއްކެވި ވާހަކަތަކާ ގުޅިގެން ކަމަށެވެ. އެ ރޭ ފަނޑިޔާރުންނާއި ފުލުހުންނާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައިވާތީ ކަމަށެވެ.
މި ތުހުމަތުތަކުގައި ފުލުހުން ވަނީ މިދިޔަ އާދިއްތަ ދުވަހު ގާސިމްގެ ގެކޮޅާއި ބައެއް އޮފީސްތައް ބަލާ ފާސްކޮށްފަ އެވެ. އަދި އެމަނިކުފާނުގެ ފޯނު ވެސް ހިފަހައްޓާފަ އެވެ.
އެ ދުވަހު ބަލާ ފާސްކުރުމަށް ނެރުނު އަމުރުގައި ވަކި ގޮތަކަށް ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓުތައް އަނބުރާލުމަށްޓަކައި މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުދީ ވޯޓަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. ނަމަވެސް އެ ތުހުމަތުގައި ގާސިމް ދައުވާކޮށް ޝަރީއަތް ފަށާފައިވާތީ ޝަރީއަތް ފެށި ފަހުން އެ މައްސަލާގެ ހެކި ހޯދަމުންދާ ކަމަށް ބުނެ ގާނޫނީ ޓީމުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ހިސާން ވިދާޅުވީ، މިއަދު ގާސިމް ހާޒިރުކުރުވި ތުހުމަތުތަކުގައި އެ ތުހުމަތު ނުހިމެނޭ ކަމަށެވެ.
މަޖިލީހުގެ ރައީސްގެ ވޯޓާ ގުޅިގެން ރިޝްވަތު ދެއްވަން އުޅުއްވި ކަމުގެ ތުހުމަތުގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދޭން އުޅުމުގެ ދައުވާ އާއި ރަސްމީ ގޮޮތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ