ގާސިމް ހައްޔަރުކުރީ ޖިސްމާނީ ގޮތުން އަނިޔާ ކުރަން: ޕާޓީތައް

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ހައްޔަރުކޮށް 15 ދުވަހަށް ދޫނިދޫގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ވަނީ އެ މަނިކުފާނަށް ޖިސްމާނީ ގޮތުން އަނިޔާކުރަން ކަމަށް، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ބުނެފި އެވެ.
ގާސިމް ހައްޔަރުކުރުމާ ގުޅިގެން ހުކުރު ދުވަހުގެ ހަވީރު ގުޅިފައިވާ ޕާޓީތަކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޤާނޫނީ ހަމަތަކުގެ ބޭރުން ގާސިމް ހައްޔަރުކުރުމަކީ ދިވެހިރާއްޖޭގެ ހުރިހާ ކަމެއް ފާލުން ނެއްޓިފައިވާ ކަމުގެ ހެއްކެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުﷲ މަސީޙްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ހުށަހެޅުމާއެކު ގަދަ ބާރުން ވެރިކަން ކުރުމުގެ ޢަމަލުތައް އިތުރުވެ، ޤަނޫނުގެ ވެރިކަން ނަގާލައި، މުވައްސަސާތައް ހިޞާރުކުރުމާއެކު ސަރުކާރުން އިސްވެ އޮވެ، ޤާސިމް ހައްޔަރުކުރުން ފަދަ ފާލުން ނެއްޓިފައިވާ ޣައިރު ޤާނޫނީ ޢަމަލުތައް ހިންގަމުން އަންނަކަމީ ކަންބޮޑުވާ ކަމެކަމަށް ބުޔާނުގައިވެ އެވެ.
ޤާސިމްގެ މައްޗަށް ކުރާ ތުހުމަތުތަކުގައި މައްސަލަ ތަޙްޤީޤްކޮށް ނިންމައި މައްސަލައިގެ ޝަރީޢަތް ފަށައި، ދައުލަތުން އެދުނު ގޮތުގެ މަތީން ޤާސިމް ބަންދުގައި ބަހައްޓައިގެން ޝަރީޢަތް ކުރުމުގެ އަމުރު ކުރިން ދީފައި ނުވާއިރު، އަނެއްކާވެސް ހެކި ހޯދުމަށްކަމަށް ބުނެ ފުރައްސާރަކުރުމުގެ ގޮތުން އެމަނިކުފާނު ދިރިއުޅުއްވާ ގެއާއި އޮފީސް ފާސްކޮށް އަދި މޮބައިލް ފޯނުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މީގެ އިތުރުން ފުލުސް އޮފީހަށް އެމަނިކުފާނު ހާޒިރުކޮށް ސުވާލުކޮށްފައިވާކަމަށް ވެސް ބަޔާނުގައިވެ އެވެ.
މިއިން އެއްވެސް ފަހަރަކު ގާސިމްގެ މައްޗަށް ކުރެވޭ ތުހުމުތަތުތަކުގެ ހެކި ފެނިފައިނުވާއިރު، ގުޅިފައިވާ ޕާޓީތަކުގެ ބަޔާނުގައި ބުނެފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ އަލުން އެސްއޯ ފުލުހުން ގާސިމްގެ ގެޔަށް ވަދެ އެ މަނިކުފާނު ހައްޔަރުކޮށްފައިވަނީ ޖިސްމާނީ ގޮތުން އަނިޔާ ކުރުމަށް ކަމަށެވެ.
ފާއިތުވީ ދުވަސްތަކުގެ ތެރޭގައި ސަރުކާރުން އިސްނަގައިގެން ސިޔާސީ ލީޑަރުންނަށް އެކި ގޮތްގޮތުން އަންނަނީ ފުރައްސާރަކުރުމާއި ބިރުދެއްކުންފަދަ ކަންކަން ކުރިމަތިކުރަމުން ކަމަށާއި ސަރުކާރު ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ އަސާސީ ޤާވާއިދާ ޚިލާފަށް ޕާޓީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމަށް މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅައި ޕީޕީއެމް ހިންގަމުން އަންނަނީ ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް ކަމަށް ބަޔާނުގައި ވެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ތާވަލުކޮށް ޤާނޫނާ ޚިލާފަށް އެ ވޯޓު ނެގިތާ މާ ގިނަ އިރެއް ނުވަނީސް ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އަނެއްކާވެސް ޓެރަރިޒަމްގެ ދައުވާކޮށް މިހާރު އެކި ފަހަރު މަތީން އެ މައްސަލަ ކޯޓުގައި ތާވަލްކޮށްފިއެވެ. އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲގެ މައްޗަށް 2016 ވަނަ އަހަރު އިއްވާފައިވާ ޓެރަރިޒަމްގެ ކުށުގެ ޙުކުމުގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތައް ތާވަލުކުރަމުންދާ ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޢަބްދުﷲ ރިޔާޒަށް ބިރުދެއްކުމުގެ ގޮތުންނާއި ސިޔާސީ ގޮތުން ފިއްތުމަށް ޖިނާޢީ ދައުވާ އުފުލައި އަވަސް އަރުވާލައިގެން މައްސަލައިގެ އަޑުއެހުން އޭޕްރީލް 20 ވަނަ ދުވަހު ވަނީ ބާއްވާފައި ކަމަށް ބަޔާނުގައި ބުނެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ޕީޕީއެމްއިން އިސްކޮށް މަސައްކަތްކުރައްވާ އެ ޕާޓީގެ މެމްބަރު ފާރިސް މައުމޫންގެ މައްޗަށް މީގެ 10 އަހަރު ކުރިން ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ސިޔާސީ މަޤްޞަދެއް ހާސިލްކުރުމަށް ޕްރޮސެކިއުޓާ ޖެނެރެލް ވަނީ 21 އޭޕްރިލް ގައި ދައުވާ އުފުލާފައެވެ.
ގިނަ ޕާޓީއެކުލެވޭ ސިޔާސީ ނިޒާމް ނެތިކޮށްލުމަށް ސިޔާސީ ގޮތުން ވާދަވެރި ހުރިހާ ފަރާތެއް ޖަލަށްލައި، އަދި ޤާނޫނުގައިވާ ގޮތުގެ މަތިން ކަންކަން އިސްލާޙްކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބާރުގެ ބޭނުންކޮށްގެން ހުރަސް އަޅަމުން އަންނަކަމީ ކަންބޮޑުވާ ކަމެއް ކަމަށާއި މިފަދަ ދަށު ދަރަޖައިގެ ޢަމަލުތައް ތަކުރާރުވަމުން ދިއުމުން ޤައުމުގެ ހަމަޖެހުމަށް އެކަމުގެ އަސަރު ކަމަށް ވެސް ބަޔާނުގައިވެ އެވެ.  
މުވައަސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލި ރައްޔިތުންނަށް ދެމެހެއްޓެނިވި ހަމަޖެހުން ހޯދައިދިނުމަށް ހުރަސްއެޅިފައިވާ ކަމަށް ޕާޓީތަކުން ފާހަގަކުރާއިރު، ހައްދުން ނެއްޓިފައިވާ ކަންކަމަށް ވާގިވެރިނުވެ، ޤާނޫނީ ހަމަތަކުގެ ތެރެއިން ޤައުމު އިސްލާޙްކުރުމަށް ކުރެވޭ ކަންކަމަށް ހުރަސް ނޭޅުމަށް ދައުލަތުގެ އެންމެހައި ފަރާތްތަކަށް ގުޅިފައިވާ ޕާޓީތަކުން ވަނީ ގޮވާލައިފަ އެވެ.  އަދި ޞުލްޙަވެރި ސިޔާސީ ޙަރަކާތްތަކަށް ޖާގަދީ ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ގޮވާލަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ