މުއައްސަސާތަކުން މެންބަރުންނަށް ބިރު ދައްކާ ކަމަށް މައުމޫން ތުހުމަތު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި އާއްމު ރައްޔިތުންނަށް ދައުލަތުގެ މުއައްސަސާތަކުން ބިރުދައްކާ ކަމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތުހުމަތުކުރައްވައިފި އެވެ. ޕީޕީއެމްގެ މެމްބަރު ކަމުން ވަކިކޮށްފައިވާ މައުމޫން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގެ މެމްބަރުންނަށާއި ކުށެއް ނެތް އާއްމު ރައްޔިތުންނަށް ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްގެން ބިރުދައްކާ ކަމަށާއި އެކަން ނުކުރުމަށް ގޮވާލައްވާ ކަމަށެވެ. މައުމޫން މިރޭ އެގޮތަށް ވިދާޅުވެ، ޓުވީޓެއް ކުރައްވާފައިވާ އިރު، ރިޝްވަތު ދިނުމާއި ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން އުޅޭ ކަމަށް ބުނާ މައްސަލައާ ގުޅޭ ހެކި ހޯދުމަށް، ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ އަމިއްލަ ގެކޮޅު، މާފަންނު ވިލާ އަށާއި ވިލާ ގްރޫޕުގެ އޮފީސްތައް ހިންގާ މ. ވިލާ ބިލްޑިން އަށް ފުލުހުން މިއަދު ވަދެ، އެތަންތަން ވަނީ ބަލައި ފާސްކޮށްފަ އެވެ. ނަމަވެސް، ފުލުހުން ތުހުމަތު ކުރާ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ގާސިމްގެ ގެކޮޅާއި އޮފީހުން ވެސް ފެނިފައެއްނުވެ އެވެ. އޭގެ އިތުރުން ރިޝްވަތު ދިނުމާއި ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތްކުރާ ކަމުގެ ތުހުމަތުގައި ރައީސް މައުމޫން ފެކްޝަނުގެ މީހެއްގެ ގެއެއް ފުލުހުން ކޯޓު އަމުރެއްގެ ދަށުން ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް އެގެއިން ވެސް ފުލުހުން ތުހުމަތު ކުރާ މައްސަލާގައި އެއްވެސް އެއްޗެއް ފެނިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ