މާލޭ ހެލްތު ކޯޕަރޭޝަނުން 31 މިލިއަން ރުފިޔާގެ ކަރަންޓް ބިލް ނުދައްކާ އެބަހުރި: ސްޓެލްކޯ

މާލޭ ސިޓީ ކައުންސިލާއި ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމްގެ އިތުރުން އައިޖީއެމްއެޗު ހިންގާ މާލޭ ހެލްތު ސާވިސަސް ކޯޕަރޭޝަން )އެމްއެޗްއެސްސީ( އިން ވެސް ގިނަ އަދަދެއްގެ ކަރަންޓް ބިލަށް ފައިސާ ނުދައްކާ އެބަހުރި ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
އެމްއެޗްއެސްސީން ނުދައްކާ ހުރީ ކިތައް މަހުގެ ބިލްކަމެއް އަދި ބިލްތަކުގެ ޖުމުލަ ފައިސާގެ އަދަދެއް ވެސް ސްޓެލްކޯއިން ނޫހަށް ހާމައެއް ނުކުރެއެވެ. ހަވީރަށް އެނގިފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެޗްއެމްއެސްސީން ސްޓެލްކޯ އަށް 31 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ.
ގިނަ އަދަދެއްގެ ކަރަންޓް ބިލް ނުދައްކާ ހުރެގެން އެ ކޯޕަރޭޝަންގެ ތަންތަނުގެ ކަރަންޓް ކަނޑާލުމުގެ އިންޒާރު ވެސް ސްޓެލްކޯއިން ވަނީ ދީފަ އެވެ. ނަމަވެސް އެ ތަންތަނުން މިއަދު ކަރަންޓެއް ނުކަނޑައެއްނުލަ އެވެ.
އެމްއެޗްއެސްސީން ހިންގާ ތަންތަނަކީ އައިޖީއެމްއެޗްގެ އިތުރުން ވިލިމާލޭ ސިއްހީ މަރުކަޒާއި މާލޭ ސިއްހީ މަރުކަޒު އަދި ހުޅުމާލޭ ހޮސްޕިޓަލެވެ.
މިކަމާ ގުޅޭ ގޮތުން އެމްއެޗްއެސްސީގެ ބަހެއް އަދި ނުލިބެ އެވެ.
ސްޓެލްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ބައެއް އިދާރާތަކުން ނުލިބިހުރި ފައިސާ މަހުންމަހަށް އިތުރުވާތީ، ފައިސާ ނުދައްކާ ދައުލަތުގެ އޮފީސްތަކުގެ ކަރަންޓް ވެސް، އާންމު ތަންތަނެކޭ އެއްގޮތަށް ކަނޑާލަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރު ކަރަންޓް ކަނޑާލާނީ ބިލް ނުދައްކާތާ 90 ދުވަހަށް ވުރެ އިތުރުވެފައިވާ ތަންތަނުގެ ތެރެއިން ބިލްތަކުގެ ޖުމުލަ އަދަދު ގިނަ ތަންތަނުން ކަމަށެވެ.
ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް ހިންގާ އެމްބީސީން ފަސް މަހުގެ ކަރަންޓް ބިލަށް ޖުމުލަ 7.1 މިލިއަން ރުފިޔާ ދައްކަންޖެހެ އެވެ. މާލޭ ސިޓީ ކައުންސިލުން ކަރަންޓް ބިލްތަކަށް ދައްކަން ހުރީ 6.04 މިލިއަން ރުފިޔާ ކަމަށް ހަވީރަށް ވަނީ އެނގިފަ އެވެ. އެތަންތަނުގެ ތެރެއިން އެމްބީސީން ކަރަންޓް ކަނޑާލަން ސްޓެލްކޯއިން މިއަދު އެތަނަށް ދިޔަ ނަމަވެސް، އެކަން ކާމިޔާބެއް ނުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ