ރިޔާސީ އިންތިހާބުގެ ނަތީޖާ ބަލައިގަތީ ކޯޓުން ނެރުނު ނަތީޖާއެއްކަން އެނގި ތިބެ: ނަޝީދު

ރިޔާސީ އިންތިހާބުގެ ނަތީޖާ އެމްޑީޕީން ބަލައިގަތީ އެއީ ކޯޓުން ނެރުނު ނަތީޖާއެއްކަށް ވަރަށް ރަނގަޅަށް އެނގި ތިބެ ކަމަށާއި އެ ދުވަހު ފަހަތަށް ޖެހުނީ ސިޔާސީ މަސައްކަތް ކުޑަތަންކޮޅެއް ވެސް ފަހަތަށް ޖައްސައިލަން ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
"ގާނޫނީ ބާރު ރަށަށް"ގެ ނަމުގައި ކުރިއަށް އޮތް ލޯކަލް އިންތިހާބުގެ ކެމްޕޭން ފެށުމަށް ކާނިވާ ސަރަހައްދުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވަނީ ރައީސް އަބްދުﷲ ޔާމީންގެ ކޯލިޝަން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
އެމަނިކުފާނު ވިދާޅުވީ ރިޔާސީ ނިޒާމެއްގައި ކޯލިޝަނަކުން ވެރިކަން ނުކުރެވޭނެ ކަމަށް އެމްޑީޕީން ބުނަމުން އައި ވާހަކަތައް މިހާރުގެ ސަރުކާރުން ތެދުކޮށްދެމުން ގެންދާ ކަމަށާއި މިހާރު ފެންނަނީ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވެސް "ބޮޑު ފަޅި" ރޫޅެމުންދާ މަންޒަރު ކަމަށެވެ.
"ދިވެހި ދައުލަތުގެ ވަޒީރުންގެ މަޖިލީހަކީ އޭގެން ބައިކުޅަ ބައެއް މާލޭގެ ފިހާރައެއްގެ ސޭޓަކަށް ދީގެން އަޅުގަނޑުމެން ހިންގަން އޮތް ވަޒީރުންގެ މަޖިލީހެއް ނޫން. ދިވެހި ރާއްޖޭގެ ވަޒީރުންގެ މަޖިލީހަކީ ދިވެހި ދައުލަތުގެ ވަޒީރުންގެ މަޖިލީސް. އެ ރައީސުލް ޖުމްހޫރިއްޔާގެ ވަޒީރުންގެ މަޖިލީސް ބައިބައިކޮށް ފަޅިފަޅިކޮށް ސޭޓުންނަށް ބަހާ. ދެން ވެސް ތިބި އެހެން ވިޔަފާރީގެ މުދަލަކަށް ވަޒީރުންގެ މަޖިލީހުގެ ގޮނޑިތައް ހަދައިގެން ދޫކޮށްލަން އޮތް ވަޒީރުންގެ މަޖިލީހެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން ކޮންމެ އިންތިހާބެއްގައި ވެސް އެމްޑީޕީ އަށް ލިބޭ ވޯޓުގެ އަދަދު އިތުރުވަމުން އަންނަ ކަމަށެވެ. އަދި މިދިއަ ރިޔާސީ އިންތިހާބުގައި ހޯދި 105،000 ވޯޓަށް ވުރެ ގިނަ ވޯޓު އަންނަ މަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަދި އަހަރުގެ މެދުތެރެއިން އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ހޯދާނެ ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް ބާރުވެރިކުރުވައި ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށްގެން ނޫން ތަރައްގީއެއް ހޯދެން ނެތް ކަމަށެވެ. މާލޭން އައްޔަންކުރާ ކަތީބެއް ބަހައްޓައިގެން ރަށުގެ ވެރިކަން ހިންގަން ރައްޔިތުން ބޭނުން ނުވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ގާނޫނު، އެ ނިޒާމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި. އެ ބިލްގައި ވާނީ މޮހޮނަށް އޮޑިދޭ ގޮތަށް ލާމަރުކަޒީ ބާރު ރާއްޖޭގެ ކައުންސިލްތަކަށް ދިނުމަކަށެއް ނޫން. ބިލްގައި ވާނީ ހަގީގީ ބާރު ރާއްޖޭގެ ރަށްތަކަށް ފޯރުކޮށްދިނުމުގެ އުސޫލްތައް. އެހެން ނަމަވެސް އަޅުގަނޑުމެންގެ ވާދަވެރިން އެ ބޭފުޅުންގެ އަމިއްލަ ސިޔާސީ ފައިދާއަށްޓަކައި އަދި އެ ބޭފުޅުން ގަބޫލުކުރާ ފަލްސަފާއަށްޓަކައި ލާމަރުކާޒީ ބިލް ރޫޅައިލި،" އެމްޑީޕީގެ ސަރުކާރުގައި ލާމަރުކަޒީ ބިލް ފާސްކުރި އިރު މަޖިލީހުން ކުރިމަތިކުރި ހުސްތަކާ ބެހޭ ގޮތުން ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން މިއަދު ބޭނުން ވަނީ ކައުންސިލްތަކުގެ ބާރުކަނޑުވާލައި އަދަދު މަދުކޮށް ކުޑަކުރުމަށް ނޫން ކަމަށާއި ލާމަރުކަޒީ އުސޫލުން ބިންތައް ބޭނުންކުރެވޭނެ ބާރު ކައުންސިލްތަކަށް ދިނުމަށް ކަމަށެވެ. އަދި ބިން ބޭނުންކޮށްގެން އާމްދަނީ ހޯދޭނެ ފުރިހަމަ ބާރު ކައުންސިލްތަކަށް ދޭން ޖެހޭ ކަމަށާއި ކޮންމެ ރަށަކަށް އާމްދަނީ ހޯދުމަށް ފަޅު ރަށެއް ދޭން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މަޖިލީސް އިންތިހާބު ކާމިޔާބުކުރުމަށް ފަހު އެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ރިޔާސީ އިންތިހާބެކޭ އެއްގޮތަށް ލޯކަލް ކައުންސިލްތަކާއި މަޖިލީސް އިންތިހާބަށް ކުރާ ކެމްޕެއިންގައި ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މާލޭގެ ދާއިރާތަކަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުން ތައާރަފްކުރުމަށް ބޭއްވި މި ޖަލްސާގައި އެ ޕާޓީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވީ ފޯރިގަދަ ޕްރައިމަރީއަކަށް ފަހު ވެސް ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި ޕްރައިމަރީގައި ބަލިވުމުން އަމިއްލަ ގޮތުން އިންތިހާބަށް ކުރިމަތިލުމުން ޕާޓީ އަށް ނިކަމެތިކަން ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއްވެސް ބޭފުޅަކަށް ކިތަންމެ ރީތި އެއްޗެއް ޓްވީޓްކުރަން އެނގުނަސް، ފޭސްބުކްގައި ކޮތަންމެ ރީތި ވާހަކައެއް ލިޔަން އެނގުނަސް، އަޅުގަނޑުމެންގެ ސިޔާސީ ވާހަކަތަކުގެ ތެރޭގައި ހިމެނޭ ބައުންޑަރީ ލައިނުން ބޭރަށް ހިނގައްޖެއްޔާ އޭގެން އަންނަ ނަތީޖާ ވަރަށް ބޮޑު ތަނުން ގޯސްވެގެން ދާނެ. މިއީ އަޅުގަނޑުމެން މާ ބޮޑު ޑިމޮކްރަސީ ޕާޓީއެއް އޮވެގެން އެތެރޭގެ ތަޅާފޮޅުން ނުވަތަ އެތެރޭގައި ކަމެއް ހިނގައިފާނެ ކަމަށްޓަކައި ނުދައްކައި ތިބެންވީ ވާހަކައެއް ނޫން،" މޫސަ ވިދާޅުވި އެވެ.
އެމްޑީޕީން ބުނީ މާލެއެކޭ އެއްގޮތަށް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް ކުރިމަތިލާ ކެންޑިޑޭޓުން އެ ރަށްރަށުގައި ތައާރަފްކުރަން ވެސް މިފަދަ ޖަލްސާތައް ބާއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ