ބޮޑުތަކުރުފާނުމަގު: އަލަށް ތަރައްޤީކުރި ސަރަޙައްދު ހުޅުވާލައިފި

ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 5 ސެގްމެންޓުގެ މަސައްކަތް ނިންމައި، އާންމުންނަށް ހުޅުވާލައިފިއެވެ.
މާލޭ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 5 ސެގްމެންޓުގެ ތެރެއިން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް 700 މީޓަރުގެ ސަރަޙައްދެއް ތާރުއަޅައިގެން ތަރައްޤީ ކޮށްފައިވެއެވެ.
މި މަޝްރޫޢުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވީ، މަގު ހުޅުވާލި ނަމަވެސް، ބައެއް ކުދިކުދި މަސައްކަތްތައް އަދިވެސް ކުރިއަށްދާނެކަމަށެވެ. އެގޮތުން އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިންގ ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި ސިޑިތައް ފާހަގަކުރުމުގެ ގޮތުން ރަތްކުލައިގެ ދަވާދުލާފައިވާ ކާބް ސްޓޯން ސިޑިކައިރީގައި ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނު މަގު ފެހިކުރުމަށް ޚާއްސަ އިސްކަމެއް ވަނީ ދީފައެވެ. ބައެއް ވުޒާރާތަކާއި ދައުލަތުގެ ކުންފުނިތައް ގުޅިގެން އެ ސަރަހައްދުގައި ގަސް އިންދުމުގެ ހަރަކާތަކެއްވެސް މީގެ ކުރިން ވަނީ ކުރިއަށްގެންގޮސްފައެވެ. މި ހަރަކާތުގެ ތެރެއިން އެންމެ ފާހަގަކުރެވެނީ މަގުގެ އެއްގަމު ތޮށި ކައިރީގައި ދިވެހި ރުށް އިންދާފައިވުމެވެ.
އެމްޓީސީސީން ވިދާޅުވި ގޮތުގައި، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މާލެ ނޯތު ހާބަރާ ހަމައަށް މިހާތަނަށް 3,100 އަށްވުރެ ގިނަ ގަސް އިންދާފައިވާކަމަށެވެ.
ބޮޑުތަކުރުފާނުމަގު ތަރައްޤީކޮށްފައިވަނީ، ފަޅުތެރެއިން ބައެއް ހިއްކައިގެން މަގު ފުޅާކުރުމަށްފަހު ތާރު އަޅައިގެންނެވެ. މި މަސައްކަތް ފެށީ މީގެ ތިން މަހެއްހާ ދުވަސް ކުރިންނެވެ.
ބޮޑުތަކުރުފާނުމަގުގެ އަލަށް ތަރައްޤީކުރި ސަރަހައްދުގައި ޕާކްކުރުން ވަނީ މަނާކޮށްފައެވެ. މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި 500 ސައިކަލުގެ ޖާގައިގެ ޕާކިންގ ޒޯނެއްވަނީ ތަރައްޤީކޮށްފައެވެ.
މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދަނީ، އެކި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ރަސްމީ ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް މަގު ތަރައްޤީކޮށް، ވަނީ އާންމުންނަށް ހުޅުވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ