ކަރަންޓު އަގު ބޮޑުވާ މައްސަލަ މަސްއޫލިއްޔަތު ކޮމެޓީން ބޭރުކޮށްލައިފި
އައްޑޫގެ ވިޔަފާރި ކުރާ ތަންތަނުން ކަރަންޓު ބިލު ބޮޑުވުމާ ގުޅިގެން އެމްޑީޕީގެ ތިން މެންބަރުން ސޮއި ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި އެވެ. އެ މައްސަލަ ކޮމެޓީން ބޭރުކޮށްލާފައި ވަނީ ހާޒިރުވި ސަރުކާރަށް ތާއިދު ކުރާ ފަސް މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ މައްސަލަ ކުރިއަށް ގެންދިއުމަށް އެމްޑީޕީގެ ތިން މެމްބަރުންނާއި ޖޭޕީގެ މެމްބަރަކު ވޯޓު ދެއްވި އެވެ. ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީއޭ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ އެ މައްސަލަ ކޮމެޓީން ނުބަލަން ނިންމީ، މާލިއްޔަތު ކޮމެޓީން ވެސް އެ މައްސަލަ ބަލަމުންދާތީ ކަމަށެވެ. އަދި އެއްފަހަރު ދެ ކޮމެޓީއަކުން އެއް މަސައްކަތެއްކޮށްފިނަމަ މަޖިލީހުގެ މަސައްކަތަށް ބުރޫއަރާނެ ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ. ސަރުކާރު މައްސޫލިއްޔަތު އަދާކުރާ ކޮމިޓީއަށް އެ މައްސަލަ ހުށަހެޅުއްވި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، އެ މައްސަލަ އަކީ ސަރުކާރުގެ މައްސޫލިއްޔަތާ ގުޅުން ހުރި ވަރަށް ގިނަ ކަންކަން އެކުލެވޭ މައްސަލައެއް ކަމަށެވެ. ސަރުކާރު ޖަވާބުދާރީ ކުރުވޭނީ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއަށް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކޮމެޓީއެއްގައި ވާހަކަފުޅު ދައްކަވަނީ-- ސަން ފޮޓޯ/ އަލީ ނަސީރު އައްޑޫގެ ވިޔަފާރި ކުރާތަންތަނުން ކަރަންޓު ބިލު ބޮޑުވުމާއި ގުޅިގެން އެމްޑީޕީގެ ފަރާތުން ސަރުކާރު މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް އެ މައްސަލަ ހުށަހަޅުއްވާފައިވާއިރު ކަރަންޓު ބިލު ބޮޑުވުމާއި ގުޅިގެން އައްޑޫ ސިޓީގެ ވިޔަފާރިވެރިން ދަނީ އިހުތިޖާޖު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ