ރައީސް ރަށްރަށަށް ވަޑައިގަންނަވަނީ ”ބަރިބަރިއަށް“ ތަރައްޤީއާއި ޕްރޮޖެކްޓް ހިފައިގެން: މެމްބަރު ދީދީ

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ރަށްރަށަށް ވަޑައިގަންނަވަނީ ”ބަރިބަރިއަށް“ ތަރައްޤީއާއި ޕްރޮޖެކްޓް ހިފައިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.
އައްޑޫގައި އޮތް ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މެމްބަރު ދީދީ ވިދާޅުވީ، މީގެ ކުރިންވެސް ރާއްޖޭގައި އެކިއެކި ވެރިން ވެރިކަން ކުރައްވާފައިވާ ކަމަށާއި، ނަމަވެސް ރައީސް ޑރ މުޙައްމަދު މުއިއްޒު ވަޑައިގަންނަވާ މިންވަރަށް ރައްޔިތުންގެ ގާތަށް އެބޭފުޅުން ވަޑައިނުގަންނަވާ ކަމަށެވެ. އަދި ރައީސް މުއިއްޒު އެހާ ގިނައިން ރަށްރަށަށް ވަޑައިގަންނަވާތީވެސް މިއަދު ބައެއް ސިޔާސީ ފަރާތްތަކުން ކަންބޮޑުވާކަމަށް މެމްބަރު ވިދާޅުވިއެވެ.
އެހެންނަމަވެސް ރައީސްގެ ކިބައިން އެދިވަޑައިގަންނަވަން ބޭނުންވަނީ ގިނަގިނައިން ރަށްރަށަށް ވަޑައިގެންނެވުމަށާއި، ތަރައްޤީގެ މަޝްރޫއުތައް ހިންގެވުމަށްކަމަށް މެމްބަރު ދީދީ ވިދާޅުވިއެވެ.
އަޅުގަނޑު ދަންނަވާނީ ރައީސުލްޖުމްހޫރިއްޔާއޭ ވަޑައިގަންނަވާށޭ ގިނަގިނައިން ރައްޔިތުންގެ ގާތަށް، ބަރިބަރިއަށް ތަރައްޤީއާއި ޕްރޮޖެކްޓް ހިފައިގެން، އަޅުގަނޑުމެން އެކަމަށް ގޮވަމުން މިދަނީ
މެމްބަރު ދީދީ ވިދާޅުވީ، މުޅި އައްޑޫގައިވެސް މުޅިން އައު ގިނަ މަޝްރޫއުތަކެއްގައި ސޮއިކުރެވިގެން ގޮސްފައިވާ ކަމަށާއި، ރައްޔިތުން އެދޭގޮތަކީވެސް އެއީ ކަމަށެވެ. އެހެންކަމުން އެކަންކަމަށްޓަކައި ރައީސަށް ޝުކުރު ދަންނަވާކަންވެސް މެމްބަރު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، ފޭދޫގައި ހުރި ތަރައްޤީގެ ދާއިރާތަކާއި އެކަމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައްވެސް މެމްބަރުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ. ވަކިން ޚާއްސަކޮށް ޒުވާނުންނަށްވެސް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ މަޝްރޫއުތަކެއް ސަރުކާރުން ހިންގަން ނިންމާފައިވާކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު އިތުރަށް ވިދާޅުވީ، ކުރީ ސަރުކާރުގައި ރާއްޖެ ބޮޑު އަދަދުތަކުން ދަރަނިވެރިވެގެން ދިޔައިރު ފެނާއި ނަރުދަމާ ފަދަ އަސާސީ ކަންކަންވެސް ބައެއް ރަށްރަށުގައި ޤާއިމުވެފައި ނެތް ކަމަށެވެ. އެހެންކަމުން މިއަދު ރައީސަށް ޝުކުރު ޙައްޤުކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.
ހަމައެއާއެކު، ވަކި ރަށެއް އިސްތިސްނާ ކުރުމެއް ނެތި ރައީސް ރަށްރަށަށް ވަޑައިގެން މުހިއްމު ގިނަ މަޝްރޫއުތަކެއްގައި ސޮއިކުރައްވަމުން ގެންދަވަނީ އެއްވެސް ވަރުބަލިކަމެއް ނެތިކަމަށްވެސް މެމްބަރު ދީދީ ވިދާޅުވިއެވެ. އަދި ވިދާޅުވީ، ރައީސް ޑރ މުއިއްޒާއެކު ސާބިތުކަމާއެކު ދެމިހުންނަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ