ހާމަކުރަން ޖެހޭ މައުލޫމާތުގެ ތެރެއިން ރައީސް އޮފީހުން ހާމަކުރީ އެންމެ 38 ޕަސެންޓު މައުލޫމާތު!

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމަށް ކޮންމެ އަހަރަކު އެއް ފަހަރު ހާމަކުރަން ޖެހޭ މައުލޫމާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވަނީ އެންމެ 38 ޕަސެންޓު މައުލޫމާތު ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވެއްޖެ އެވެ. 
އެ ގާނޫނުގެ ދަށުން ހާމަކުރުން މަޖުބޫރު މައުލޫމާތުތައް ސަރުކާރުގެ މިނިސްޓްރީތަކުން ހާމަނުކުރާތީ މި މަހުގެ ހަތެއްގައި އާހިދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެއާއެކު ސަރުކާރުގެ ވުޒާރާތަކުން ގެންދަނީ ވެބްސައިޓުތައް އަޕްޑޭޓު ކުރަމުންނެވެ.
މިއަދު އާހިދު ކުރެއްވި ޕޯސްޓެއްގައި ހިއްސާކޮށްފައިވާ ތަފާސްހިސާބުން އެނގޭ ގޮތުގައި އިދާރާތަކުން ވަނީ އެވްރެޖުކޮށް 34 ޕަސެންޓު މައުލޫމާތު ހާމަކޮށްފަ އެވެ. އެ އިދާރާތަކުގެ ތެރެއިން ރައީސް އޮފީހަށް ހާމަކުރެވިފައިވަނީ ގާނޫނުގައި ބަޔާންކުރާ މިންގަނޑަުގެ 38 ޕަސެންޓު މައުލޫމާތެވެ. 
އެންމެ ކުރީގައި އުޅެނީ ފިނޭންސް މިނިސްޓްރީ، އިސްލާމިކް މިނިސްޓްރީ އަދި ޑިފެންސް މިނިސްޓްރީ އެވެ. 50 ޕަސެންޓަށް ވުރެ މަތިން ލިބުނީ އެ ތިން މިނިސްޓްރީއަށެވެ. 
އެންމެ ދަށުގައި އުޅެނީ ފިޝަރީޒް މިނިސްޓްރީ، ޔޫތު މިނިސްޓްރީ އަދި އާޓްސް މިނިސްޓްރީ އެވެ. އާޓްސް މިނިސްޓްރީން ހާމަކުރަން ޖެހޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައި ނުވެ އެވެ. 
ގާނޫނުގެ ދަށުން ރައްޔިތުންގެ މަސްލަހަތަށްޓަކައި ހާމަކުރަން ޖެހޭ މައުލޫމާތުގެ ތެރޭގައި މުވައްޒަފުންނަށް ވަކިވަކިން ދެވޭ އުޖޫރަ އާއި އިނާޔަތާއި، އިދާރާއަށް ކަނޑައެޅިފައިވާ ބަޖެޓާއި، ކުރަން ރާވާފައިވާ މަސައްކަތްތަކާއި، ކުރަން ރާވާފައިވާ ހަރަދާއި ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލާއި، އިދާރާގެ އިސްވެރިންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި، އެމީހުންނަށް ލިބިދޭ ބާރާއި އިހުތިޔާރުގެ ދާއިރާ ހިމެނެ އެވެ. މީގެ އިތުރުން ވެސް ބައިވަރު މައުލޫމާތު ހާމަކުރަން ޖެހޭ ކަމަށް ގާނޫނު ބަޔާންކުރެ އެވެ. 
އާހިދު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މައުލޫމާތު ނުލިބިގެން ޝަކުވާ ހުށަހަޅާ މައްސަލަތަކުގައި، ގިނައީ ސަރުކާރުން އެއްވެސް ޖަވާބެއް ނުދީގެން ހުށަހަޅާ މައްސަލަތަކެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ އޮފީހަށް ހުށަހެޅި 712 ޝަކުވާގެ ތެރޭގައި ގިނައީ އެއްވެސް ޖަވާބެއް ނުލިބިގެން ހުށަހަޅާފައިވާ ޝަކުވާ (487) އެވެ. 
އެންމެ ގިނަ މައްސަލަތައް ރައްދުވާ އެއް އިދާރާއަކީ ރައީސް އޮފީހެވެ. އެ އޮފީހަށް ހުށަހެޅި ގިނަ ހުށަހެޅުންތަކަށް އެއްވެސް ޖަވާބެއް ނުލިބޭ ތަނުގައި، ބައެއް މައްސަލަތަކުގައި އައިކޮމް އިން އެންގުމުން ވެސް އެ މައުލޫމާތު ނުދީ ގިނަ ދުވަސްތަކެއް ކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ