އުމުރުން 15 އަހަރުގެ ސޫރިޔަވަންޝީގެ މޮޅު ކުޅުމާއެކު ރާޖަސްތާނަށް ބޮޑު އުންމީދެއް
އިންޑިއާގެ އުމުރުން 15 އަހަރުގެ ހުނަރުވެރި ބެޓްސްމަން ވައިބަވް ސޫރިޔަވަންޝީ، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގެ ޕްލޭއޮފްއިން ޖާގައެއް ހޯދުމަށް ރާޖަސްތާން ރޮޔަލްސް ކުރަމުންދާ އުންމީދުތައް އައުކޮށްދީފިއެވެ. އޭނާ މި އުންމީދުތައް އައުކޮށްދިނީ 38 ބޯޅައިން 93 ލަނޑު ހަދައިގެންނެވެ. ލަކްނޯ ސުޕަ ޖަޔަންޓްސްއާ ދެކޮޅަށް ކުޅުނު މި މެޗުގައި ސޫރިޔަވަންޝީ ވަނީ 10 ފަހަރު ބޯޅަ ހަަޔަކަށް ފޮނުވާލާ، މުބާރާތުގައި އެންމެ ގިނަ ރަންސް ހެދި ކުޅުންތެރިންގެ ލިސްޓުގެ ކުރިއަށް އަލުން ޖެހިލާފައެވެ. އޭނާ ހެދި 93 ލަނޑުގެ ތެރެއިން 88 ލަނޑު ހޯދާފައިވަނީ ހަތަރަކާއި ހަޔަކުންނެވެ. މި ސީޒަނުގައި އޭނާގެ ދެވަނަ ސެންޗަރީ ފުރިހަމަކުރަން ކައިރިވެފައި ވަނިކޮށް، މުހްސިން ޚާން ފޮނުވާލި ބޯޅައެއްގައި ޖެހި ''ބެޓް ކަޓް ޝޮޓް'' އިން އޭނާ ނުބައިވީ ދުރުގައި ހުރި އަބްދުއްސަމަދު އަތަށް ކެޗެއް ދީގެންނެވެ. ބެޓް ކަޓަކީ ކްރިކެޓުގައި ބެޓްސްމަނުން ބެޓުކުރުމަށް ބޭނުންކުރާ އުކުޅެކެވެ. މެޗުގެ ކުރިން، އިންޑިއާގެ އަޖިތު އަގަރްކަރު ވަނީ އަންނަ މަހު އަފްޣާނިސްތާނާ ދެކޮޅަށް ކުޅޭ ވަންޑޭ ސީރީޒްގެ ގައުމީ ސްކޮޑުން ސޫރިޔަވަންޝީއަށް ޖާގަ ނުލިބުނު ސަބަބާ ބެހޭގޮތުން ވާހަކަދައްކާފައެވެ. ޒުވާން ސޫރިޔަވަންޝީ ގައުމީ ޓީމަށް ނެގުމަށް ގިނަ ބަޔަކު ގޮވާލަމުންދިޔަ ނަމަވެސް، އައިޕީއެލްއަށް ފަހު ސްްރީލަންކާއަށް ދަތުރުކުރާ އިންޑިއާގެ އޭ ޓީމުން އޭނާއަށް ވަނީ ޖާގަ ދީފައެވެ. "ބޭނުމަކީ މިފަދަ ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގުވާމީ ތަޖުރިބާ ހޯދައިދިނުން. ޔަޝަސްވީ ޖައިސްވާލް އަކީ ވެސް މިހާރު ވަންޑޭ ޓީމުގެ މުހިންމު ބައެއް. ސޫރިޔަވަންޝީގެ ކުޅުން ކިތަންމެ މޮޅަސް، އެހެން ކުޅުންތެރިން ވެސް އެބަތިބި ވަރަށް ރަނގަޅަށް ކުޅެފައި." އަޖިތު ބުންޏެވެ. ސޫރިޔަވަންޝީ ނުބައިވުމުން ރާޖަސްތާންގެ ރަން ހަދާ ރޭޓް ދަށްވި ނަމަވެސް، ދްރޫވް ޖުރެލްގެ އެހީތެރިކަމާއެކު ރާޖަސްތާނުން ވަނީ މެޗުން މޮޅުވެ ތާވަލުގެ ހަތަރުވަނަ މަގާމަށް ޖެހިލާފައެވެ. މިއާއެކު ލީގުގެ ފަހު މެޗުގައި މުމްބާއީ އިންޑިއަންސް ބަލިކޮށްގެން އެ ޓީމަށް މުބާރާތުގެ ނޮކްއައުޓް ބުރުން ޖާގައެއް ކަށަވަރުވާނެއެވެ. މެޗުގެ ފުރަތަމަ އިނިންގްސްގައި ލަކްނޯ ސުޕަ ޖަޔަންޓްސްއިން ކުޅެން އަރައި، އޮސްޓްރޭލިއާގެ މިޗެލް މާޝް ވަނީ 57 ބޯޅައިން 96 ލަނޑު ހަދާފައެވެ. އަދި އޭނާއާއެކު ކުޅެން އެރި ޖޯޝް އިންގްލިސް ވަނީ 29 ބޯޅައިން 60 ލަނޑު ހަދައި، ފުރަތަމަ ވިކެޓުގެ ކުރިން 109 ލަނޑުގެ މުހިންމު ޕާޓްނަޝިޕެއް ހަދާފައެވެ. ރާޖަސްތާންގެ އުކުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނީ 39 ލަނޑަށް އެއް ވިކެޓް ނެގި އިންގްލަންޑްގެ ޖޮފްރާ އާޗާ އެވެ. މީގެ އިތުރުން އޭނާ ވަނީ ރިޝަބް ޕާންޓް ރަންއައުޓް ވެސް ކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ