މި ސަރުކާރު ބަލިކުރަން ބޭނުންވާ ނަމަ، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީން ކުރާ މަސައްކަތްތައް ވަރުގަދަކޮށް މުޅި ޕާޓީ ހަރުދަނާވާން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ޔާމީން މިގޮތަށް ގޮވާލެއްވީ ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގަ އެވެ. އެ ޖަލްސާގައި ޔާމީން ވަނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ) ކާމިޔާބުކުރައްވާފައިވާތީ އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ.
ބުނީ ކީކޭ؟ - ޔާމީން ވިދާޅުވީ، އެމްޑީޕީ ބަދަހިކަމާ އެކު ރަނގަޅު މަސައްކަތްތަކެއް ކުރި ނަމަ، ވޯޓުގެ ފަރަގު ކުޑަކުރެވި އެއަށް ވުރެ ރަނގަޅު ނަތީޖާއެއް ލިބުނީސް ކަމަށެވެ.
ޔާމީން ވިދާޅުވީ، މި ސަރުކާރަށް އިންތިހާބުތަކުން ނާކާމިޔާބުވުމުގައި ކުޑަކުޑަ ޕާޓީއެއްގެ ގޮތުގައި އޮވެ، ޕީއެންއެފުން ކުރާ މަސައްކަތް ފާހަގަކުރެވޭ ކަމަށެވެ. މިވަގުތު އިދިކޮޅު އެންމެ ބޮޑު ޕާޓީއަކަށް އޮތީ އެމްޑީޕީ ކަމަށް ވާއިރު، ޕީއެންއެފުން ކުރާ ވަރުގެ މަސައްކަތްތަކެއް އެމްޑީޕީން ވެސް ކުރަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މުއިއްަޒު އެ ވިދާޅުވީ، އިދިކޮޅެއް ނެތޭ. ރާއްޖޭގައި ރަސްމީކޮށް މިއޮތް އިދިކޮޅަކީ އެމްޑީޕީ. ދެން ކީއްވެގެންތޯ އެމްޑީޕީން މި މަސައްކަތް ނުކުރަނީ؟ އެބޭފުޅުން އިންތިޒާމުވާންޖެހޭ. އެ ޕާޓީއަކީ ބައިބޯ، ހަމަ އިލްމީ މީހުންތަކެއް ތިބި ތަނެއް،" ޔާމީން ވިދާޅުވި އެވެ.
"މިހާރު މިފެންނަނީ ރައީސް މުހައްމަދު މުއިއްޒަށް މިހާރު މި ނޭވާ ލެވެނީ ހަމަ އެމްޑީޕީގެ ވެސް ލެކް ކަމުން. އެބޭފުޅުންގެ ފަރާތުން މަސައްކަތްތަކެއް ނުކުރެވޭތީ. އަޅުގަނޑުމެން މިއޮތް ކުޑަކުޑަ ޕާޓީން އަޅުގަނޑުމެން މިކުރާ މަސައްކަތް މިކުރަނީ. އެމްޑީޕީއަށް މިރޭ ވެސް އަޅުގަނޑު ގޮވާލަން އެ ޕާޓީގެ މަސައްކަތްތައް ހަރުދަނާކުރައްވާފައި މިއަށް ވުރެ ވަރުގަދަކުރައްވާށޭ. ކޮށިއަރާ މީހަކު ކޮށިއަރަންޖެހޭ. ފަޔަށް ރަތްހިނި އަރާ ކަމަށް ވަންޏާ ރަތްހިނި އަރައިގެން ހިރެން ވެސް ޖެހޭނެ އިނގޭތޯ."
ޔާމީން އިތުރަށް ވިދާޅުވީ:
ސަރުކާރުގެ ބޮޑުން ބަޑަހަޖަހައިގެން ތިއްބައި މި އިންތިހާބު ކާމިޔާބުކުރަން ސޯދިގު ކުރެއްވި މަސައްކަތް ރަނގަޅު އަދި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި
އެމްޑީޕީން ރަނގަޅު މަސައްކަތްތަކެއް ކޮށްލައިގެން ވޯޓުލާ މީހުންގެ އަދަދު ގިނަކުރެވުނު ނަމަ ސޯދިގަށް މިއަށް ވުރެ ބޮޑު އަގުލަބިއްޔަތެއް ލިބުނީސް
އެކަމަކު މޮޅެއް ވާނީ މޮޅަކަށް؛ މި އިންތިހާބުން ލިބުނީ ކާމިޔާބީއެއް ކަމަށް ސަރުކާރުން ދައްކާ ވާހަކަތަކަކީ ލަތުވެތި ވާހަކަަތަކެއް
ކުރީގެ ތިން ރައީސުން އެއް ފަޅީގައި ތިއްބެވިއިރު ބޮޑު އަގުލަބިއްޔަތެއް ނުލިބުނުކަމަށް ސަރުކާރުން ބުނާއިރު ހުރިހާ ބާރުވެރިކަމެއް އޮތީ ސަރުކާރުގައި؛ އެ ހުރިހާ ބާރުވެރިކަމެއް ދައްކައިގެން ވެސް ސަރުކާރުވީ ބަލި
"އެހެންވީމާ އެމްޑީޕީން މިޔަށް ވުރެ ވަރުގަދައަށް [ވޯޓުލާން] މީހުން ނެރުމުގެ މަސައްކަތެއް ކޮށްލި ނަމަ މިއަށް ވުރެ ތަފާތު ހަމަ މާ ބޮޑަށް ބޮޑުވެގެންދިޔައީސް،" ޔާމީން ވިދާޅުވި އެވެ.
އެނގުން މުހިންމު - އައްޑޫގެ ކުރީގެ މޭޔަރުކަން ވެސް ކުރައްވާފައިވާ ސޯދިގު އެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު އަދި ކުރީގެ ކައުންސިލަރު އަހްމަދު ސައީދު (ސޮޑާ)އާ ވާދަކުރައްވައިގެންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި:
ސޯދިގަށް ލިބިވަޑައިގަތީ: 1375
ސައީދަށް ލިބިވަޑައިގަތީ: 1313
ވެރިކަންކުރާ ޕީއެންސީން ބުނަނީ، ކުރީގެ ތިން ރައީސުން ކަމަށްވާ ޔާމީން، މުހައްމަދު ނަޝީދު އަދި އިބްރާހިމް މުހައްމަދު ސޯލިހު އެކީގައި އިދިކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައި، އިތުރު ޕާޓީއެއްގެ ވާގިވެރިކަމެއް ނެތި، ފަރަގު ކުޑަކޮށް އެ އިންތިހާބުން ބަލިވުމަކީ ހޯދުނު ކާމިޔާބެއް ކަމަށެވެ.
ސަރުކާރު ބަލިކުރަން އެމްޑީޕީ ހަރުދަނާކޮށް ވަރުގަދަކުރަން ޔާމީން ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ