"މިހާރު" ގެ ވޯލްޑް ކަޕް ފޮތާއި، ވެބްސައިޓް މިއަދު ލޯންޗުކުރަނީ

މި އަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް
"މިހާރު" އިން ތައްޔާރުކުރި ފޮތާއި، ސްކޯޗާޓް، އަދި ވެބްސައިޓް މިއަދު
ހަވީރު ލޯންޗުކުރާނެ އެވެ.
އާޓިފިޝަލް ބީޗުގައި މިއަދު ހަވީރު 4:30 ގައި
ބާއްވާ ރަސްމިއްޔާތަށް ފަހު، އެތަނުން ފޮތާއި، ސްކޯޗާޓް ލިބެން ހުންނާނެ އެވެ.
އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ގުޅިގެން
ބާއްވާ ވޯލްޑް ކަޕް ފަށާނީ އަންނަ ބުރާސްފަތި ދުވަހުގެރޭ ރާއްޖެ ގަޑިން މެންދަމު 12
ޖަހާއިރު ކުޅޭ މެކްސިކޯ އާއި ސައުތު އެފްރިކާގެ މެޗުންނެވެ. މި މުބާރާތުގެ
ފައިނަލް މެޗު އޮންނާނީ ޖުލައި 19 ވަނަ ދުވަހުގެރެ އެވެ.
ވޯލްޑް ކަޕުގެ ކުރިން މުބާރާތަށް ހާއްސަ ފޮތެއް
ނެރުމަކީ "މިހާރު" ގެ ސަގާފަތެކެވެ. އެ ސިލްސިލާގެ ތެރެއިން މި ފަހަރު
ނެރޭ މި ފޮތުގައި ވެސް ވަރަށް ގިނަ މައުލޫމާތު އެކުލެވޭނެ އެވެ. ޓީމުތަކާއި،
ކުޅުންތެރިންނާއި ކޯޗުންގެ ޕްރޮފައިލްތަކުގެ އިތުރުން މުބާރާތުގެ ތާރީހާއި
ގުޅިފައިވާ ޝައުގުވެރި ވާހަކަތައް ވެސް ހުންނާނެ އެވެ. އޭގެ އިތުރަށް މުބާރާތުގެ
ވަށައިގެން ހިނގާ ކަންކަމާއި، ރާއްޖެއާ ގުޅުން ހުރި ވޯލްޑް ކަޕުގެ ޝައުގުވެރި
ލިޔުންތައް ވެސް ހިމެނޭނެ އެވެ.
ވޯލްޑް ކަޕަށް "މިހާރު" އިން ލޯންޗުކުރާ
ވެބްސައިޓުގައި ވެސް މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތާއި، ލިޔުންތަކުގެ އިތުރުން
ޓީމުތަކާއި، ކުޅުންތެރިންގެ ޕްރޮފައިލްތައް އަދި، މެޗު ޝެޑިއުލް އާއި ލައިވް ސްކޯ
ފެންނަން ހުންނާނެ އެވެ.
މިއީ ވަރަށް ގިނަ ގޮތްގޮތުން ހާއްސަ ވޯލްޑް
ކަޕެކެވެ. ތިން ގައުމެއް ގުޅިގެން ބާއްވާ ފުރަތަމަ މުބާރާތުގެ އިތުރުން މިއީ 48
ޓީމަށް ޖާގަ ދީގެން ފީފާ އިން ބާއްވާ ފުރަތަމަ ވޯލްޑް ކަޕް ވެސް މެ އެވެ. އެހެންވެ
ކުރިން މުބާރާތުން ފެނިފައިވާ ނުވާ ބައެއް ގައުމުތަކަށް ވެސް މި ފަހަރު ވަނީ
ފުރުސަތު ލިބިފަ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕަކީ ދިވެހީންގެ ގިނަ
ބަޔަކު ތާއީދުކުރާ އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ
ރޮނާލްޑޯ ފެންނާނެ ފަހު ބޮޑު މުބާރާތެވެ. ހަމައެއާ އެކު ވަރަށް ގިނަ އާ ހުނަރުވެރި
ކުޅުންތެރިންގެ ފުރަތަމަ ވޯލްޑް ކަޕް ވެސް މެ އެވެ. ސްޕެއިނުގެ ލަމީން ޔަމާލް ފަދަ
ކުޅުންތެރިންނެވެ. އޭގެ އިތުރަށް މިހާރު ވެސް ދުނިޔޭގެ ފެންވަރުގައި ވިދަމުން
އަންނަ ފްރާންސްގެ ކީލިއަން އެމްބާޕޭ އާއި އިންގްލެންޑުގެ ހެރީ ކޭން ފަދަ
ކުޅުންތެރިންގެ ހުނަރު ފެނިގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ