ޓޫރިސްޓުންގެ އަދަދު ފަސް ޕަސެންޓް ދަށް

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ފަސް ޕަސެންޓް ދަށް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ މިހަތަނަށް ރާއްޖެއަށް އައިސްފައިވަނީ 970،000 ޓޫރިސްޓުންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 1 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. 
މިމަހު ރާއްޖެއަށް އައި ޓޫރިސްޓުން ވަނީ 26 ޕަސެންޓް ދަށްވެފަ އެވެ. ޖޫން މަހު 30،000 ޓޫރިސްޓުން އައި އިރު  މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖެއަށް ވަނީ 40،000 ޓޫރިސްޓުން އައިސްފަ އެވެ.
މިދިޔަ މަހު ރާއްޖެއަށް އައި ޓޫރިސްޓުން ދެ ޕަސެންޓަށް ދަށްވި އިރު އޭގެ ކުރީ އޭޕްރީލް މަހު ރާއްޖެއަށް ޓޫރިސްޓުންގެ އަދަދު 24 ޕަސެންޓަށް ދަށްވެފައިވެ އެވެ. 
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މާޗް މަހުން ފެށިގެން ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ވަނީ ދަށްވެފަ އެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން ގަތްގަނޑަކަށް 150،000 ޓޫރިސްޓުން އައި އިރު ރަޝިއާއިން 130،000 ޓޫރިސްޓުން އައިސްފައިވެ އެވެ.
މިދިޔަ އަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. މިއަހަރު ރާއްޖެއަށް 2.2 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ