ރާއްޖޭގެ އޭވިއޭޝަން ސެކިއުރިޓީ ދިރާސާ ކުރަން ކަމަށް ބުނެ އިނގިރޭސި އޮފިޝަލުން އަގުބޮޑު ދަތުރުތަކެއް ކުރުމުން ކަންބޮޑުވުން

އޭވިއޭޝަން ސެކިއުރިޓީ ދިރާސާ ކުރަން ކަމަށް ބުނެ އިނގިރޭސި ޓްރާންސްޕޯޓް ޑިޕާޓްމަންޓުން މިދިޔަ އަހަރު ރާއްޖެއަށް ކުރި ދަތުރުތަކަށް 41،000 ޕައުންޑް ހޭދަކޮށްފައި ވާތީ ކަންބޮޑުވުން އުފެދިއްޖެ އެވެ.
ކަންބޮޑުވުންފާޅުކުރި ފަރާތްތަކުން ބުނީ ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ބެލެވޭ ރާއްޖެއަށް ކުރި ދަތުރުތަކަށް ޓެކްސް ފައިސާއިން މިހާ ބޮޑު ހޭދައެއް ކުރުމަކީ "އާދަޔާ ހިލާފު" ކަމެއް ކަމަށެވެ. 
މިއީ ހަމައެކަނި ބޭކާރު، "އަގުބޮޑު ދަތުރުތަކެއް" ނޫންކަން ސާބިތުކޮށްދިނުމަށް އެ ފަރާތްތަކުން ވަނީ އިނގިރޭސި ސަރުކާރަށް ގޮވާލާފަ އެވެ. 
ނަމަވެސް، ޓްރާންސްޕޯޓް ޑިޕާޓްމަންޓުން ބުނީ "އޭވިއޭޝަން ސެކިއުރިޓީ" ނުވަތަ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ މަސައްކަތްތަކަށް ބައެއް ފަހަރު މިފަދަ ދަތުރުތައް ކުރަން މަޖުބޫރުވާ ކަމަށެވެ.
ރާއްޖެއަކީ ޗުއްޓީ ހޭދަކުރާ މީހުންގެ މެދުގައި މަގުބޫލު މަންޒިލެއް ނަމަވެސް، އިނގިރޭސި ފޮރިން އޮފީހުގެ ޓްރެވަލް އެޑްވައިޒަރީގައި ޓެރަރިޒަމްގެ ނުރައްކާ އޮތް ކަމަށް ވަނީ އިންޒާރު ދީފަ އެވެ.
އެގޮތުން ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ފުރުސަތު އޮތް ކަމަށާއި، ބޭރު ގައުމުތަކުގެ މީހުން ޒިޔާރަތްކުރާ ތަންތަން ހިމެނޭހެން ކޮންމެ ތަނަކަށް ވެސް ހަމަލާއެއް އަމާޒުވެދާނެ ކަމަށް އެ އެޑްވައިޒަރީގައި ބުނެފައިވެ އެވެ.
އިނގިރޭސި ޓްރާންސްޕޯޓް ޑިޕާޓްމަންޓުން ރާއްޖެއަށް ކުރި ދަތުރުތަކުގެ ތަފްސީލް
އިނގިރޭސި ޝެޑޯ ޓްރާންސްޕޯޓް މިނިސްޓަރު ގްރެގް ސްމިތު ވިދާޅުވީ، 2025 ވަނަ އަހަރުގެ ތެރޭގައި ރާއްޖެއަށް ކުރި ދަތުރުތަކަށް ގާތްގަނޑަކަށް 41،000 ޕައުންޑް ހޭދަކުރުމަކީ ވަރަށް އާދަޔާ ހިލާފު ކަމެއް ކަމަށެވެ. އަދި މި ދަތުރުތަކަކީ ކޮންމެހެން ކުރަން ޖެހޭ ދަތުރުތަކެއްތޯ ވެސް ސުވާލުއުފެއްދެވި އެވެ.
އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު ސައިމަން ލައިޓްވުޑް ވިދާޅުވީ، މި މަސައްކަތްތައް ރޭވިއިރު އޮންލައިންކޮށް ނުވަތަ އެހެން ރަސްމީ ދަތުރުތަކާ ގުޅުވައިގެން ކުރެވޭނެތޯ ބެލި ކަމަށެވެ. ބައެއް ތައްޔާރީތަކާއި ފޮލޯ-އަޕް މަސައްކަތްތައް އޮންލައިންކޮށް ކުރި ނަމަވެސް، އެއާޕޯޓްތަކުގެ އަމަލީ މަސައްކަތްތައް ހިނގާ ގޮތް ބެލުމަށް އެ ތަންތަނަށް ހާޒިރުވާން ޖެހޭތީ، މުޅި މަސައްކަތް އޮންލައިންކޮށް ނިންމާނުލެވުނީ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓެކްސްޕޭޔާސް އެލަޔަންސްގެ ކެލަމް މެކްގޯލްޑްރިކް ވިދާޅުވީ، އެއް އަހަރު ތެރޭގައި ފަސް ފަހަރަށް ރާއްޖެއަށް އޮފިޝަލުން ފޮނުވުމަށް 40،000 ޕައުންޑަށް ވުރެ ގިނަ ފައިސާ ހޭދަކުރީ ކީއްވެގެންކަން އެނގެން ރައްޔިތުން ބޭނުންވާނެ ކަމަށެވެ. ސަލާމަތީ މަސައްކަތްތަކަށް ގައުމުން ބޭރަށް ދަތުރުކުރަން ޖެހިދާނެ ކަމަށާއި، ނަމަވެސް އެއް މަންޒިލަކަށް ތަކުރާރުކޮށް ކުރާ ދަތުރުތަކުގެ ހަރަދު ކުޑަކުރިކަމުގެ ހެކި ދައްކަންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޑީއެފްޓީގެ އިސްވެރިން މި މަސައްކަތުގެ ނަތީޖާ ހާމަކުރަންޖެހޭ. އަދި މިއީ ހަމައެކަނި އަގުބޮޑު ދަތުރުތަކެއް ނޫންކަން ރައްޔިތުންނަށް ސާބިތުކޮށްދޭންޖެހޭ،" މެކްގޯލްޑްރިކް ވިދާޅުވި އެވެ.
ޓްރާންސްޕޯޓް ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ވިދާޅުވީ، އިންޑޯ-ޕެސިފިކް ސަރަހައްދުގައި އިނގިރޭސިވިލާތުގެ ސަލާމަތީ މުހިންމު ބައިވެރިއެއް ކަމަށްވާ ރާއްޖެއަށް ކުރި މި ދަތުރުތަކަކީ، އިނގިރޭސިވިލާތަށް ދަތުރުކުރާ ފްލައިޓްތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ކުރާ ބައިނަލްއަގުވާމީ މުހިންމު މަސައްކަތެއް ކަމަށެވެ. ގިނަ މަސައްކަތްތައް އޮންލައިންކޮށް ކުރެވުނު ނަމަވެސް، އެއާޕޯޓްތަކާއި ބަނދަރުތަކުގެ ސަލާމަތީ ކަންކަން ހުރިގޮތް ބެލޭނީ އަމަލީ ގޮތުން އެ ތަންތަނަށް ގޮސްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ޑިޕާޓްމަންޓުގެ މާހިރުން ދަނީ "ނުރައްކާ ބޮޑު" ކަމަށް ފާހަގަކުރެވޭ ބޭރު ގައުމުތަކުގެ އެއާޕޯޓްތަކުގެ ސަލާމަތީ ކަންކަން ބަލައި، އެ ތަންތަނުގައި ހުންނަ ބަލިކަށި ކަންކަން ރަނގަޅުކުރުމަށް ތަމްރީނުތައް ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ