ގުނަވަން ޓްރާންސްޕްލާންޓް ކުރުމާގުޅޭ ބިލު އަނބުރާ މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނުމަށް އެދި، "އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލު" ރައީސް ޑރ. މުހައްމަދު މުއިއްޒު އަނބުރާ މަޖިލީހަށް ފޮނުއްވައިފި އެވެ.މި ބިލަކީ، މި މަހުގެ 14 ވަނަ ދުވަހު އޮތް، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކޮށް، މި މަހުގެ 19 ގައި ރައީސް ތަޞްދީގުކުރެއްވުމަށް ފޮނުއްވާފައިވާ ބިލެކެވެ.ރައީސް އޮފީހުން ބުނިގޮތުގައި ރައީސް މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެވީ، ބިލު ފާސްވެގެން އައިއިރު ރައްޔިތުންގެ މަޖިލީހުން ބިލަށް ގެންނެވި ބަދަލުތަކާއެކު، މިބިލުގައި ހުރި ކަންކަން ތަންފީޒުކުރުމުގައި ދިމާވެދާނެ ދަތިތަކަށް ރިއާޔަތްކުރައްވުމަށްފަހު ކަމަށެވެ.އެގޮތުން ބިލު މިހާރު އޮތް ގޮތް މުރާޖައާކުރައްވައި އިސްލާހުތަކެއް ގެންނަވަންޖެހޭކަމަށް ފެނިވަޑައިގަންނަވާކަމަށް ރައީސް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.އެހެން ކަމުން ގާނޫނު އަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓްކުރުމުގެ ބިލާ މެދު ރައްޔިތުންގެ މަޖިލީހުން އަލުން ވިސްނާވަޑައިގަތުމަށްޓަކައި ރައީސުލްޖުމުހޫރިއްޔާ ވަނީ އެ ބިލު ރައްޔިތުންގެ މަޖިލީހަށް ރޭ އަނބުރާ ފޮނުއްވާފަ އެވެ.ސަރުކާރު ފަރާތުން މިދިޔަ އޮކްޓޯބަރު މަހުގެ 12ވަނަ ދުވަހު މަޖިލީހަށް ހުށަހެޅި ބިލުގެ ބޭނުމެއް ކަމަށް ބުނެފައިވަނީ، މީހުންގެ ގުނަވަނާއި ގުނަވަނުގެ ބައިތައް ޓްރާންސްޕްލާންޓު ކުރުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށްޓަކައި ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވައިލުން ކަމަށެވެ.އެ ބިލުގައި އޭޖީ އޮފީހުން ވަނީ، ކުށުގެ ގޮތުގައި ކަންކަން ހިމަނައި، އަދަބު ކަނޑައަޅައިފައެވެ. އެގޮތުން:މީހެއްގެ ރުހުމެއް ނެތި ޓްރާންސްޕްލާންޓު ކުރުމަށް އެމީހެއްގެ ގުނަވަން ނެގުން ނުވަތަ އެފަދައިން ނަގާ ގުނަވަނެއް ޓްރާންސްޕްލާންޓު ކުރުންޓްރާންސްޕްލާންޓު ކުރުމަށް ޓަކައި މީހެއްގެ ގުނަވަނެއް ނުވަތަ ގުނަވަނުން ބައެއް ވިއްކުން ނުވަތަ ގަތުންޓްރާންސްޕްލާންޓު ކުރުމުގެ ލައިސަންސް ނެތި ޚިދުމަތް ދިނުމާއި ސައްހަ ނޫން މައުލޫމާތު ހުށަހެޅުމާއި އެނޫން ކަންކަން ކުރުން މަނާވާއިރު، ކޮށްފިނަމަ އަދަބު ދޭނެބިލުގައިވާ ގޮތުން، ޓްރާންސްޕްލާންޓު ކުރުމުގެ ހުއްދަ ދިނުމަށް ފަހު މިންގަނޑާ އެއްގޮތަށް އެ ތަންތަން ހުރިތޯ ބަލާނީ ސިއްހީ ޚިދުމަތުގެ ގާނޫނުގެ ދަށުން ކޮލިޓީ ކޮންޓްރޯލާ ކަމަށެވެ.އެގޮތުން، ބިލުން ހުއްދަ ދެނީ ހަމައެކަނި ލައިވް-ޑޯނާ ގުނަވަން ޓްރާންސްޕްލާންޓު ކުރުމަށެވެ.ގުނަވަން ހަދިޔާ ކުރާ މީހާގެ ހުންނަން ޖެހޭ ޝަރުތުތައް ވެސް ވަނީ ބަޔާންކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ، 18 އަހަރު ވެފައިވުމާއި އަމިއްލަ އިހުތިޔާރުގައި ރުހިގެން ގުނަވަން ހަދިޔާކުރުމުގެ އިތުރަށް އެ މީހެއްގެ ބުއްދި ސަލާމަތުން ހުރުމެވެ.އޭގެއިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ހުކުމެއްގައި ތިބޭ މީހުންނަށް ގުނަވަން ހަދިޔާއެއް ނުކުރެވޭނެ ކަމަށްވެއެވެ.މި ބިލު ތަންފީޒުކުރުމަށް ނުވަ މެންބަރުންގެ "ގުނަވަން ޓްރާންސްޕްލާންޓު ކައުންސިލް" އަކާއި ފަސް މެންބަރުންގެ "ގުނަވަން ޓްރާސްޕްލާންޓު އޮތޮރައިޒޭޝަން ކޮމިޓީ"އެއް އުފައްދާނެއެވެ.މި ބިލަށް އަމަލުކުރަން ފަށާނީ ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރައްވާތާ 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެން ކަމަށް އޭޖީ އޮފީހުން ބުނެއެވެ.ގުނަވަން ޓްރާންސްޕްލާންޓު ބިލު މަޖިލީހަށް ހުށަހެޅިއިރު، މިދިޔަ ޖޫން މަހު ފަހުކޮޅު ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވަނީ، ކިޑްނީ ޓްރާންސްޕްލާންޓް ކުރުމާއި އެ ނޫންވެސް ގުނަވަންތައް ބަދަލުކުރުމަށް އެކުލަވާލަންޖެހޭ ގާނޫނުގެ ފުރަތަމަ ޑްރާފްޓް އެއިރު ނިމިފައި ވާކަމަށް ވިދާޅުވެފައެވެ.ކިޑްނީ ނުވަތަ އެ ނޫންވެސް ގުނަވަންތައް ބަދަލުކުރުމުގެ ހުއްދަ ރާއްޖޭގެ އެއްވެސް ހޮސްޕިޓަލަކަށް މިހާތަނަށް ދީފައެއް ނުވެއެވެ. ނަމަވެސް ރާއްޖޭގައި ސިއްހީ ފަރުވާ ދެމުންގެންދާ ބައެއް އަމިއްލަ ހޮސްޕިޓަލުތަކުގައި ކިޑްނީގެ އިތުރުން އެ ނޫންވެސް ގުނަވަންތައް ބަދަލުކުރެވޭނޭ ފަދަ ވަސީލަތްތައް ގާއިމްކޮށްފައި އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ