މިއަދު ހުސްވި މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގެ ރޭހުގައި ޕީއެންސީ ތެރެއިން އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)ގެ ޑެޕިއުޓީ ލީޑަރު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދުއާއެކު ތިން ނަމެއް އެބަ އޮތްކަން 'ދައުރު'އަށް އެނގިއްޖެ އެވެ.
ވީ ކިިހިނެއް؟ - މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރަން ޕީއެންސީން މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް އޭނާ އަމިއްލައަށް މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ނާޒިމް ވަކިކުރަން ހުށަހެޅުމާ އެކު، ޕީއެންސީ ތެރޭގައި އެ މަގާމަށް ގެންނާނެ ބޭފުޅަކާ މެދު މެންބަރުންގެ ތެރޭގައި ދިޔައީ ކޮންމެވެސް ވަރަށް މަޝްވަރާ ކުރަމުންނެވެ.
ތަފްސީލު - ރެއާ ހަމައަށް މި މަގާމަށް އަންނާނެ ކަމަށް ބެލެވިފައި އޮތީ މިހާރު ތިބި އެންމެ ސީނިއާ ހަތަރު ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އެއީ:
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު
މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް)
ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު
އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް)
މީގެ ތެރެއިން ފަލާހު މިހާރު ވަނީ ރޭހުން އަމިއްލައަށް ބޭރުވެވަޑައިގެން އެ މަގާމަށް ވާދަ ނުކުރައްވާނެކަން މިއަދު ހާމަ ކުރައްވާފަ އެވެ. އަދި ސަލީމް ވެސް ވަނީ، އޭނާ އެ މަގާމު ބޭނުން ނުވާކަން ޕީއެންސީގެ ލީޑާޝިޕަށް މިހާރު ދަންނަވާފަ އެވެ.
އެ ހަތަރު ބޭފުޅުންގެ ތެރެއިން މިވަގުތު ޝައުގުވެރިން އޮތީ 'ދައުރު'އަށް އެނގިފައިވާ ގޮތުގައި ޝުޖާއު އާއި ތޯރިގް އެވެ. ދެން މި ލިސްޓަށް އިތުރުވި ބޭފުޅަކީ، ޝާހިދެވެ.
މިއީ، ޝާހިދު މަޖިލީހުގެ މެންބަރުކަން ކުރައްވާ ދެވަނަ ދައުރެވެ. އޭނާ ވަނީ 18 ވަނަ މަޖިލީހުގައި 2014 އިން 2019އަށް ވެސް ހުޅުދޫ ދާއިރާގެ މެންބަރުކަން ކުރައްވާފަ އެވެ.
"މިވަގުތު މި ތިބީ އެ ތިން މީހުން ޓޮމް، ޝުޖާއު އަދި ޝާޑް. އެހެން ނަމަވެސް އަދިވެސް ގޮތެއް ނިންމަވާ ލީޑާޝީޕުން ކާކުތޯ ލަނީ. ރައީސް [ރައީސް މުހައްމަދު މުއިއްޒު] އަދި ވަކި ގޮތެއް ނިންމަވާ،" ޕީއެންސީގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.
"މި ތިން ބޭފުޅުންގެ ބޭރުންވެސް ނަމެއް އައިސް ދާނެ ހަމަ. ރައީސް ނިންމަވާ ގޮތެއް އޮންނާނީ."
މެންބަރުން ތިބީ ރައީސް ގޮތެއް ނިންމުމުން އެގޮތަށް ކުރިއަށް ދިޔުމަށެވެ. އެހެންވެ ޕާޓީ ތެރޭގައި މި މަގާމަށް މާ ބޮޑު ކެމްޕެއިނެއް ވެސް ކުރިއަށް ނުދެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މަޖިލީހުގެ ނައިބު ރައީސް އިންތިހާބު ކުރާ ޖަލްސާ އެންމެ ފުރަތަމަ ތާވަލް ކުރީ މިއަދު މެންދުރު 1 ޖަހާއިރު ބޭއްވުމަށެވެ. ނަމަވެސް ޕީއެންސީ ތެރެއިން އެ މަގާމަށް ވާދަ ކުރާނެ ބޭފުޅަކު ލީޑާޝިޕަށް ނުނިންމި، އެންމެ ފަހުން މާދަމާއަށް ޖަލްސާ ވަނީ ފަސްކޮށްފަ އެވެ.
ނައިބު ރައީސްގެ ރޭުހުގައި މިހާރު ޝާހިދުއާއެކު ތިން ނަމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ