ގުޖުރާތު ބަލިކޮށް ބެންގަލޫރުން އައިޕީއެލް ތަށި ދިފާއުކޮށްފި

އަހުމަދުއާބާދު (މެއި 31) - ފައިނަލުގައި ފަސް ވިކެޓުން ގުޖުރާތު ޓައިޓަންސް ބަލިކޮށް، ދުނިޔޭގެ އެންމެ ބޮޑު ފްރެންޗައިސް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ ތަށި ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރްސީބީ) އިން ދިފާއުކޮށްފި އެވެ. 
ސަތާރަ އަހަރަށް ފަހު ފުރަތަމަ އައިޕީއެލް ހޯދި ބެންގަލޫރަކީ، އައިޕީއެލް ތާރީހުގައި ވެސް ތަށި ދިފާއުކުރި ތިން ވަނަ ޓީމެވެ. މީގެ ކުރިން، އައިޕީއެލްގެ ތަށި ދިފާއުކުރި ދެ ޓީމަކީ، ފަސް ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދެ ޓީމު ކަމަށްވާ ޗެންނާއި ސުޕަ ކިންގްސް (ސީއެސްކޭ) އާއި މުމްބައި އިންޑިއަަންސް (އެމްއައި) އެވެ. ސީއެސްކޭ އިން 2010 އާއި 2011 ވަނަ އަހަރު ހޯދިއިރު، އެމްއައި އިން ވަނީ 2019 އާއި 2020 ވަނަ އަހަރު ހޯދައިފަ އެވެ. 
މި ފަހަރުގެ އައިޕީއެލްގެ ލީގު ބުރުގެ އެއް ވަނަ ހޯދި ބެންގަލޫރުން ފައިނަލަށް ދަތުރުކުރީ، ކޮލިފަޔާ 1 ގައި ގުޖުރާތު ބަލިކޮށްފަ އެވެ. އަދި، ފައިނަލުގައި ވެސް މި ވަނީ ގުޖުރާތުގެ މައްޗަށް ކުރިހޯދައިފަ އެވެ. ފައިނަލް މެޗުގައި ބެންގަލޫރުގެ ތަރި އަކީ މެޗުގައި އެންމެ ގިނަ ލަނޑު ހެދި ވިރާތު ކޯލީ އެވެ. 
ދުނިޔޭގެ އެންމެ ބޮޑު އެއް ކްރިކެޓް ސްޓޭޑިއަމް، ނަރެންދުރަ މޯދީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ގުރުއަތު ދިމާވީ ބެންގަލޫރަށެވެ. އެ ޓީމުން ނިންމީ ހޮވާށެވެ. ފުރަތަމަ ކުޅެން އަރައި، ގުޖުރާތަށް 20 އޯވަރުގެ ތެރޭގައި، އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 155 ލަނޑެވެ. ގުޖުރާތަށް އެންމެ ބޮޑު މައްސަލައެއް ދިމާވީ އެ ޓީމުގެ އޯޕަނިން ބެޓްސްމަނުން ކަމަށްވާ ސައި ސުދަރްސަން އާއި ކެޕްޓަން، ޝުބްމަން ގިލް އަށް މާ ރަނގަޅު ސްކޯއެއް ނުހެދި ނުބައިވުމުންނެވެ. ސުދަރްސަން ނުބައިވީ 12 ބޯޅައިން 12 ލަނޑަށެވެ. އަދި، ގިލް ނުބައިވީ އަށް ބޯޅައިން 10 ލަނޑަށެވެ. ގުޖުރާތަށް މި އިނިންސްގައި އެންމެ ރަނގަޅު ކުޅުމެއް ދައްކައިދިނީ، ވޮޝިންޓަން ސުންދަރު އެވެ. އޭނާ ވަނީ، 37 ބޯޅައިން 50 ލަނޑު ހަދައިފަ އެވެ. 
މި އިނިންސްގައި ބެންގަލޫރުގެ ރަސިކް ދަރު، ތިން ވިކެޓް ނެގިއިރު، ބުވްނޭޝްވަރު ކުމާރު (ބޫވީ) އަދި ޖޯޝް ހޭޒަލްވުޑް، ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓް ނެގި އެވެ. 
ޖަވާބުގައި ކުޅެން އަރައި، ބެންގަލޫރުން 18 އޯވަރުގެ ތެރޭގައި، ފަސް ކުޅުންތެރިން ނުބައިވެގެން 161 ލަނޑު ހަދައި މެޗުން މޮޅުވި އެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ، 42 ބޯޅައިން 75 ލަނޑު ހެދި ވިރާތު އެވެ. އަނިޔާގައި ހުރެ މެޗުގެ ފަހު ބައި ފުރިހަމަކުރި ވިރާތު ވަނީ އޭނާގެ އައިޕީއެލްގެ ކެރިއަރުގައި އެންމެ މަދު ބޯޅައިން ހާފް ސެންޗަރީ (50 ލަނޑު) ހަދައިފަ އެވެ. އެއީ، 25 ބޯޅައިންނެވެ. 
ވިރާތާ އެކު، އޯޕަނިން ބެޓްސްމަނަކަށް އެރި، ވެންކަޓޭޝް އަޔަރު (ވެންކީ) ވެސް ވަނީ ކަކުލަށް އަނިޔާވެގެން ހުރެ ކުޅެން ޖެހުނު ނަމަވެސް ރަނގަޅު ސްކޯއެއް ހަދައިފަ އެވެ. އޭނާ ނުބައިވީ، 16 ބޯޅައިން 32 ލަނޑަށެވެ. އަދި، ޓިމް ޑޭވިޑް ވެސް ވަނީ ކުޅެން އަރައި، 17 ބޯޅައިން 24 ލަނޑު ހަދައިފަ އެވެ. 
އައިޕީއެލްގެ ތަށި 2022 ވަނަ އަހަރު ހޯދި ގުޖުރާތަށް މި އިނިންގްސްގައި، އެންމެ ރަނގަޅު ކުޅުމެއް ދައްކައިިދިނީ، ހަތަރު އޯވަރަށް ދެ ވިކެޓް ނެގި ރަޝިދު ހާން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ