ރިޔާސީ ރޭހަށް އުމަރު، ބަލަން ތިބެމާ

ރާއްޖޭގެ ރައީސްކަން ކުރެއްވުމަކީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އުއްމީދެކެވެ؛ އެކަމަކު ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ހޯމް މިނިސްޓަރަކަށް ހުންނެވި އިރު އޭނާ ވިދާޅުވަމުން ގެންދެވީ ވެރިކަމުގެ ދެ ދައުރު ރައީސް ޔާމީނަށް ފުރިހަމަކޮށްދޭން ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ. އަދި ރިޔާސީ ރޭހަށް ނުކުންނަވާނީ އޭގެ ފަހުން 2023 ގައި ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
ނަމަވެސް ހޯމް މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވިތާ ހަފުތާއެއް ނުވެ އެ ވިސްނުން ބަދަލުކުރައްވައި 2018 ގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނާ ދެކޮޅަށް ނިކުންނަވާނެ ކަން މިދިޔަ ބުރާސްފަތި ދުވަހު އުމަރު ވަނީ އިއުލާންކުރައްވައިފަ އެވެ. ޕްރައިމަރީގައި ރައީސް ޔާމީން ބަލިނުކުރެވިއްޖެ ނަމަ، އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވަން ވެސް ހުންނެވީ ތައްޔާރަށެވެ. އެވެ. އެކަމާ ބެހޭ ގޮތުން އުމަރު އަދި މާ ގިނަ ވާހަކަ ނުދެއްކެވި ނަމަވެސް އޭނާގެ ޕްލޭނަށް މިއައި ކުއްލި ބަދަލާ ދޭތެރޭ ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ދައްކަވަނީ: 2023 އަށް މަޑުނުކުރައްވާ ދެން އޮތީ 2018 --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
އުމަރުގެ މި ނިންމެވުމަކީ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމް ދެ ފަޅިވެ އުފެދިފައިވާ ނުތަނަވަސްކަމުގެ ނަތީޖާ ކަމަށް ގަބޫލުކުރާ މީހުން ވެސް މަދެއް ނޫނެވެ. މި ބަދަލާ އެކު ރައީސް ޔާމީނާއި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ކޯޅުންތައް އިތުރަށް އާއްމުވެ، ސިޔާސީ މަސްރަހުން ބޮޑެތި ބަދަލުތަކެއް ފެނުން އެކަށީގެންވެ އެވެ.
މައުމޫންގެ ތާއީދު އުމަރާއި ފާރިސް އަށް؟
ރައީސް ޔާމީނާއި މައުމޫން ކުރައްވާ ހަނގުރާމަ އިން އެއް ކަމެއް ވަރަށް ސާފެވެ؛ ރައީސް ޔާމީން ވެރިކަން ކުރައްވާ ގޮތާ މެދު މައުމޫން ހިތްޕުޅުހަމަޖެހިވަޑައެއް ނުގަންނަވަ އެވެ. އަދިި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ ނުފޫޒު ޕީޕީއެމް ތެރޭގައި ގަދަކޮށް، އެކަމަނާގެ އަމިއްލަ އޮފީހުގައި ޕާޓީ ހިންގެވުމާއި އަސާސީ ގަވާއިދާ ހިލާފަށް ޕާޓީގެ ކަންކަން ނިންމެވުމަކީ ވެސް މައުމޫން ނުރުހުންވެވަޑައިގަންނަވާ ކަމެކެވެ. އެކަންކަމާ ދެކޮޅަށް، މައުމޫން ވިދާޅުވި ގޮތުގައި، އެމަނިކުފާނު މިހާރު ހުންނެވީ ނުގުޑާ ފަދަ ވަރުގަދަ އަޒުމެއްގަ އެވެ.
ޔަގީންވާ އެއް ކަމަކީ 2023 ގެ އިންތިހާބުގައި ރައީސް މައުމޫން ތާއީދު ނުކުރައްވާނެ ކަން ރައީސް ޔާމީނަށް.
ކައުންސިލް މެމްބަރުންތަކެއް އެދިވަޑައިގަތަސް ރިޔާސީ ޕްރައިމަރީގެ ޓިކެޓް "ތަބަކަކަށް ލާފައި" ޔާމީނަށް ދެއްވުން މައުމޫން ބޭނުންފުޅެއް ނުވެ އެވެ. ޕާޓީގެ އިސްލާހީ އެޖެންޑާ އިއުލާންކުރައްވަން ބޭއްވި ޕްރެސް ކޮންފަރެންސްގައި މައުމޫން ވިދާޅުވީ އެއީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފު ކަމެއް ކަމަށެވެ.
ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމަށް މައުމޫން ފައުންޑޭޝަނުން އިންތިޒާމް ކޮށްގެން އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި މައުމޫނާ އެކު އުމަރާއި ފާރިސް ބައިވެރިވެވަޑައިގަންނަވަނީ. -- މިހާރު ފޮޓޯ: މުހައްމަދު ޝަރުހާން
މައުމޫންގެ ވާހަކަފުޅުތަކާއި އަމަލުކުރައްވާ ގޮތުން، ރިޔާސީ ރޭހަށް އުމަރު ނުކުންނެވީ މައުމޫންގެ ފުރިހަމަ ތާއީދާ އެކު ކަމަށް ބުނެވޭނެ ޖާގަ އެބަ އޮތެވެ. ނުސީދާކޮށް އުމަރު ވެސް ވަނީ އެހެން ވިދާޅުވެފަ އެވެ.
"ގައުމުގެ އިސް ފަރާތްތަކުގެ ތާއީދު މިކަމުގައި އަޅުގަނޑަށް ލިބޭނެ،" އުމަރު ވިދާޅުވި އެވެ.
އުމަރު އެ އިޝާރާތް ކުރައްވާ "އިސް ފަރާތްތަކު"ގެ ތެރޭގައި މައުމޫން ހިމެނުން ވަރަށް އެކަށީގެންވެ އެވެ. ރައީސް ޔާމީނަށް ކުރައްވާ ތާއީދު އަނބުރާ ނަންގަވައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި މައުމޫން ދައްކަވާނެ ބޭފުޅަކީ އުމަރު ކަން، ރައީސް ޔާމީން އަރިހުގައި ތިއްބެވި ކައުންސިލް މެމްބަރުންނަށް ވެސް މިހާރު ޔަގީންވެ އެވެ.
ޕްރައިމަރީގައި ވާދަކުރާނެ ކަން އުމަރު މި އިއުލާން ކުރެއްވީ އެހެން ކެންޑިޑޭޓަކު ކުރިމަތިނުލައިފި ނަމަ ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ޓިކެޓް ލިބުމުގެ ފުރުސަތު އޮތުމުންނެވެ.
ރައީސް މައުމޫން ޕީޕީއެމް އޮފީހުން ނިކުމެވަޑައިގަންނަވަނީ: ރައީސް ޔާމީނަށް ވުރެ މައުމޫނާއި އުމަރުގެ ގުޅުން މިހާރު ބޮޑު. --ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
ޕީޕީއެމްގައި މައުމޫން ފަޅީގައި ތިއްބެވި ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި ނައިބު ރައީސަކަށް އުމަރާ އެކު ނެރުއްވަނީ މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނެވެ. އެކަމަކު ޕީޕީއެމްގެ އިސް ބޭފުޅަކު އިއްޔެ "މިހާރު" އަށް ވިދާޅުވީ ފާރިސް އެފަދަ ކަމަކާ ބެހޭ ގޮތުން އެއްވެސް މީހަކާ އަދި މަޝްވަރާ ވެސް ނުކުރައްވާ ކަމަށާއި އޭނާގެ މިވަގުތުގެ ވިސްނުން ހުރީ ޕީޕީއެމް އިސްލާހުކުރުމުގެ އެޖެންޑާ އަށް ކަމަށެވެ.
"ޔަގީންވާ އެއް ކަމަކީ 2023 ގެ އިންތިހާބުގައި ރައީސް މައުމޫން ތާއީދު ނުކުރައްވާނެ ކަން ރައީސް ޔާމީނަށް،" ޕީޕީއެމްގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.
ރައީސް ޔާމީނަށް އުމަރުގެ ގައިގައި އަތްލުން މަނާ؟!
ކެބިނެޓުގައި ހުންނެވިއިރު "ފިޔަކޮށާލައްވައި" އުމަރު ބެހެއްޓެވީ ރައީސް ޔާމީން ކުރެއްސެވި ވަށް ބުރު ތެރޭގަ އެވެ. އެ ބުރުން ބޭރަށް ނުކުމެވަޑައިގަތުމުގެ ފުރުސަތެއް ރައީސް ޔާމީން އުމަރަކަށް ނުދެއްވަ އެވެ. އިސްތިއުފާ ދެއްވަން ރައީސް ޔާމީން އެންގެވީ އެ ބުރުން ބޭރަށް އުމަރު ނިކުމެވަޑައިގެންނެވި ހިސާބުންނެވެ.
އިސްތިއުފާ ދެއްވި ސީދާ ސަބަބެއް އުމަރު މިހާތަނަށް ވިދާޅެއް ނުވެ އެވެ. އެކަމަކު އޭގެ ފަހަތުގައި ހިނގި އެއް ކަމަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭ އިން "ހިމާޔަތްކޮށްފައި" ހުރި ގޭންގު ލީޑަރެއްގެ ފައިގައި ޓެގު އެޅުވުމެވެ. އެ މައްސަލާގައި ރައީސް ޔާމީން ނުރުހުންވެވަޑައިގެން ކުރިއަށް ވުރެ ވެސް ބޮޑަށް އުމަރު ފިއްތާލެއްވި އެވެ.
އަނެއް ކަމަކީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލަ އިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބްގެ ޑީއެންއޭ ފެނުނުކަން އުމަރު ސާބިތުކޮށްދެއްވުމެވެ. އެ ރިޕޯޓް ނާޒިމްގެ ވަކީލުންނާ ހިސާބަށް ތިލަކުރެއްވުމާ އެކު، ރައީސް ޔާމީނާއި އުމަރާ ދޭތެރޭ އޮތް އިތުބާރު ހިމަ ވާފަށް ކަނޑައިގެން ދިޔައީ އެވެ.
ހޯރަފުށީގެ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމަށް ކުރީގެ މިނިސްޓަރު އުމަރު (މ) ހޯރަފުއްޓަށް ވަޑައިގަންނަވަނީ.--ފޮޓޯ:ޕޮލިސް
ސަރުކާރުން ދުރަށް ވަޑައިގަތުމަށް ރައީސް ޔާމީން އުމަރަށް އެއްގެވުމަކީ، އެއް ބަޔަކު ދެކޭ ގޮތުގައި، އުމަރަށް ލިބިވަޑައިގަތް ރަނުގެ ފުރުސަތެކެވެ. އޭގެ ކުރިން ވެސް އުމަރު އިންތިޒާރުކުރެއްވީ ރަނގަޅު ދަނޑިވަޅަކަށް ކަމަށް ވެދާނެ އެވެ.
އުމަރު ރިޔާސީ ރޭހުގެ ތެރެއަށް ވަންނަވައި އޭނާގެ ގައިގައި އަތްލުން ރައީސް ޔާމީނަށް އެ މަނާކުރީ --އުމަރުގެ ގާތް ބޭފުޅެއް
އުމަރު ގެންގުޅުއްވާ އުސޫލްތައް އެކަހެރިކުރައްވައި ރައީސް ޔާމީންގެ "މުށުތެރޭގައި" އިންނެވުމުގެ ފަހަތުގައި ސަބަބުތަކެއް ހުއްޓެވެ. އެއް ބަޔަކު ގަބޫކުރީ މަގާމު ދަހިވެތިކަން ކަމަށެވެ. އަނެއް ބަޔަކު ދުށް ގޮތުގައި ހުރިހާ ގޮންޖެހުންތަކާ އެކު ވެސް އުމަރު މަޑުކުރެއްވީ ރައީސް ޔާމީނާ ދެކޮޅަށް ބޭނުންކުރައްވާނެ "ހެކި ހޯއްދެވުމަ'ށެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު: ޕީޕީއެމްގެ ޕްރައިމަރީ އަށް ވަނީ ނުކުންނަވާފައި
އިސްތިއުފާ އަށް ފަހު ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވާނެ ކަން ކުއްލިއަކަށް އުމަރު އިއުލާންކުރެއްވީ ރައީސް ޔާމީނަށް އޭނާގެ ގައިގައި އަތްލުމުގެ ފުރުސަތު ނުދެއްވަން ވެގެން ކަމަށް ވެސް ވެދާނެ އެވެ.
"އުމަރު ރިޔާސީ ރޭހުގެ ތެރެއަށް ވަންނަވައި އޭނާގެ ގައިގައި އަތްލުން ރައީސް ޔާމީނަށް އެ މަނާކުރީ. އިންތިހާބުގައި ވާދަކުރަން ޝައުގުވެރިވާ އެންމެން ގޮޅިއަށް ވައްދާ ގޮތަށް އުމަރު ވެސް ވައްދަން އުޅެފި ނަމަ އިންޓަނޭޝަނަލް ޕްރެޝަރު އިންތިހާ އަށް ރައީސް ޔާމީނަށް ކުރިމަތިވާނެ،" އުމަރުގެ ގާތް ބޭފުޅަކު ވިދާޅުވި އެވެ.
ރައީސް ޔާމީނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފުލުހުންގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ:
ރާއްޖޭގެ ސިޔާސީ މަސްރަހާއި "އިންސާފުން ބޭރުން" ރައީސް ޔާމީން އަދަބު ދެއްވާ ކަމަށް ބުނެ ބައިނަލްއަގުވާމީ މުޖުތަަމައުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެ ލިސްޓަށް އުމަރުގެ ނަން ވެސް މިހާރު އެ ވަނީ އިތުރުވެފަ އެވެ.
އުމަރު ދައްކަވަނީ ކޮން ވާހަކައެއް؟
ރިޔާސީ އިންތިހާބުގެ ތަޅާފޮޅުންތައް މި ފެށީ މާ އަވަހަށެވެ. އޭގެ ކުރިން ގައުމުގައި ހައްލުކުރަން ޖެހޭ ސީރިއަސް މައްސަލަތައް ގިނަ އެވެ. ހިންގުމުގެ ދާއިރާގައި ކޮރަޕްޝަނާއި ނުފޫޒު އިންތިހާ އަށް އޮތްއިރު، ރައްޔިތުންނަށް އިތުބާރުކުރެވޭ މުއައްސަސާއެއް ވެސް މިހާރަކު ނެތެވެ.
މި ހުރިހާ މައްސަލަތަކަށް އުމަރަށް ހައްލު ހޯދައިދެއްވޭނެ ހެއްޔެވެ؟ ރައްޔިތުންގެ ނުވަތަ ޕީޕީއެމްގެ އާއްމު މެމްބަރުންގެ އިތުބާރު އުމަރަށް މިހާރު އެބަ އޮތް ހެއްޔެވެ؟
ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމަށް މައުމޫން ފައުންޑޭޝަނުން އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި މައުމޫނާ އެކު އުމަރު ބައިވެރިވެވަޑައިގަންނަވަނީ -- މިހާރު ފޮޓޯ: މުހައްމަދު ޝަރުހާން
ހޯމް މިނިސްޓަރަކަށް ވެވަޑައިގަތުމަށް ފަހު އުމަރުގެ ރޯލަކީ ރައީސް ޔާމީން ދިފާއުކުރެއްވުމެވެ. ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އޭރު ޔާމީންގެ އިސްތަށިފުޅުގައި އެޅުވި ތުހުމަތުތަކަކީ ސިޔާސީ ވާހަކައެއް ކަމަށް ހެއްދެވި އެވެ. އަދި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސްގެ ކޮރަޕްޝަންގައި ވެސް އެމަނިކުފާނުގެ ބައިވެރިވުން ނެތް ކަމަށް ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އުމަރު ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން ޔާމީނާ ދެކޮޅަށް އުމަރު ދެން ބޭނުންކުރައްވާނީ ކޮން ވާހަކައެއްކަން އަޑުއަހަން އާންމުން ތިބީ އިންތިޒާރުގަ އެވެ.
ދެން އޮތީ އުމަރުގެ އަމާނާތްތެރިކަމާއި ވަފާތެރިކަމާ ގުޅޭ ގޮތުން ރައީސް މައުމޫން ވިދާޅުވާނެ ވާހަކަފުޅެކެވެ. ޕީޕީއެމްގެ އާއްމު ގިނަ މެމްބަރުން ތިބީ އުމަރާ ބެހޭ ގޮތުން މައުމޫން ދައްކަވާނެ ވާހަކަފުޅަކަށް ވެސް ބަލަބަލަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ