އިސްލާމްދީނަށް ޖޯކުޖަހާ ލީޑަރުންނާއި ސަޕޯޓަރުން

މިބިންމަތީގައިވާ އެންމެ މާތް ފޮތަކީ ކީރިތި ޤުރުއާންކަން ނުދަންނަ މުސްލިމަކު ހުރެދާނެހެނެއް ހިއެއްނުވެއެވެ. ޝަރުޢީ ދަލީލުތަކުން އެކަން ނޭނގޭމީހާވެސް އެފޮތަށް އިހާނެތިވާފަދަ ކަންކަން ނުކުރުން އެއީ ޒަމާނުއްސުރެ ދިވެހީންގެމެދުގައި ކަންހިނގަމުން އައިގޮތެވެ. ނަމަވެސް މި މަތިވެރި ސިފަ މިއަދު މިވަނީ ދިވެހީންގެ ތެރެއިން ނެތިދާން ފަށާފައެވެ. މުސްލިމުންގެ ދުސްތޫރުކަމަށްވާ، ﷲ ގެ ކަލާމްފުޅަކީ ކުޅޭކުޅޭ އެއްޗެއްކަމުގައި ދެކޭމީހުން ގިނަވާން ފަށައިފިއެވެ. އެފޮތުގައިވާ އާޔަތްތަކަކީ ތިމަތިމާމެން މުނިފޫހި ފިލުވައިލުމަށްޓަކައި ބޭނުންކުރެވޭ އާދައިގެ "ވާހަކަތަކެއް" ކަމުގައި ބެލުން އާއްމުވެއްޖެއެވެ. ސިޔާސީ ޖަލްސާތައް ފެށުމުގެގޮތުން ކީރިތި ޤުރުއާން ކިޔެވުމަކީ އާއްމުކޮށް ކުރަމުންދާ ކަމެކެވެ. ހުރިހައި އެންމެން އެއްވެ، ޝަރަފުވެރި މެހުމާނުންވެސް ވަޑައިގެންނެވުމުން އެންމެ ފުރަތަމަ ކަމަކަށް ޤުރުއާން ކިޔަވައެވެ. އެއީ ކީއްކުރަން ކުރާ ކަމެއްކަން އެނގޭނީ އެކަން ކުރާ މީހުންގެ ގާތުގައި އަހައިލީމައެވެ. ގައިމުވެސް އެއީ ﷲ އާ ކުއްތަންވުމުގެގޮތުން ނުވަތަ ސަވާބު ހޯދުމުގެގޮތުން ނޫނީވިއްޔާ ބަރަކާތް ހާސިލުކުރުމުގެ ގޮތުން ކުރާ ކަމެއްނޫންކަން ކަށަވަރުން އެނގެއެވެ. ޤުރުއާން ކިޔަވާފައި ފައްޓާ ޖަލްސާ ކުރިއަށްދާގޮތާއި އެ ޖަލްސާގައި ދައްކާ ވާހަކަތަކާއި އެމީހުންގެ ހަރަކާތްތައް ހުންނަގޮތުން މިކަން ސާބިތުވެއެވެ. ﷲ ގެ ކަލާމްފުޅުކަމަށްވާ ކީރިތި ޤުރުއާނުގެ އާޔަތްތަކެއް ކިޔެވުމަށްފަހު ޖަލްސާ ފަށައި އޭގެ ފަހުގައި އަންނަ ވަގުތުތަކުގައި ހަމަ މުޅީންހެން އޮންނަނީ އެ ޤުރުއާނާ ދިމާ އިދިކޮޅު ކަންތައްތަކެއް ކުރުމެވެ. މިބައިމީހުން ﷲ އާ ޗެލެންޖު ކުރާ ފަދައެވެ. ދޮގު ހަދައި ޣީބަ ބުނަނީއެވެ. ދެބައޮޑުވައި މަލާމާތާއި ފުރައްސާރަކުރަނީއެވެ. ޤަޛުފުކޮށް އަވަގުރާނަ ގޮވަނީއެވެ. މީހުންގެ އަބުރާ ޢިއްޒަތް ވެއްޔާ މޮޑެލައި ޙަޤީޤަތް ނޭނގޭ ވާހަކަތައް ދައްކަނީއެވެ. ހީވާ ހީވުމުގެ މައްޗަށް ބިނާކޮށް ޙުކުމްކުރަނީއެވެ. ފިތުނަ ފަސާދަ އުފެދޭފަދަ ވާހަކަތައް ދައްކަނީއެވެ. ފޮރުވަންޖެހޭ ސިއްރުތައް ހާމަކޮށް ބޭޒާރުކުރަނީއެވެ. ތިމާމެންނަށް ނޭނގޭ ޙާލު، ދީނުގެ ޙުކުމްތަކާބެހޭ ވާހަކަތައްވެސް (ނުބައިކޮށް) ދައްކަނީއެވެ. މިހުރިހައި ކަމަކީވެސް ﷲ ނަހީކުރައްވާފައިވާ، ފާފަވެރި ޢަމަލުތަކެއްކަން ޝަރުޢުގެ ދަލީލުތަކުން އެނގެއެވެ. ޣީބަ އަކީ މީހަކު ނެތްތާނގައި އޭނާގެ ގޯސް ވާހަކައެއް ދެއްކުމެވެ. ޤުރުއާނާއި ސުންނަތުން އެނގޭގޮތުގައި މިއީ ޙަރާމްކަމެކެވެ.(ޙުޖުރާތު: 12) ޣީބަ ބުނުމާ ދާދި އެއްގޮތަކަށް އެހެންނަމަވެސް އެއާ ތަފާތުކޮށް ކުރާ އަނެއް ފާފައަކީ ދެބައޮޑުވުމެވެ. މިއަށް ޢަރަބި ބަހުގައި النَّمِيْمَة އެވެ ކިޔައެވެ. އައްނަމީމާ އަކީ ފަސާދަ އުފެއްދުމަށްޓަކައި، އެކަމަށް އޭނާ ނުރުހޭ ޙާލު، މީހެއްގެ ވާހަކަ އެހެން މީހަކަށް ފޯރުކޮށްދިނުމެވެ. އެއީ އޭނާއަށް އެނގިގެން ނުވަތަ ނޭނގިކަމުގައިވިޔަސްމެއެވެ. ޤުރުއާނާއި ސުންނަތުން އެނގޭގޮތުގައި މިއީ ކަނޑައެޅިގެން ޙަރާމް ކަމެކެވެ.(ޤަލަމް: 11-12) ދެބައޮޑުވާ މީހާ ސުވަރުގެއަށް ނުވަންނާނެކަމަށް ޙަދީޘްގައި އަންގަވާފައިވެއެވެ.(މުސްލިމް: 1/151) އެކަކު އަނެކަކާ ދިމާލަށް ނުރުހޭކަހަލަ ނަންނަމުން ގޮވުމާއި މަލާމާތާއި ފުރައްސާރަ ކުރުމަކީވެސް ޙަރާމްކުރައްވާފައިވާ ކަންކަމެވެ.(ޙުޖުރާތު: 11) ދޮގުހެދުމާބެހޭގޮތުން ﷲ އަންގަވާފައިވާ ބަސްފުޅުވެސް ބިރުވެރިއެވެ. އެކަލާނގެ ވަޙީކުރައްވާފައިވާގޮތުގައި ދޮގު ހަދާކަން ކަށަވަރީ އެކަލާނގެ އާޔަތްތަކަށް އީމާންނުވާ މީހުންނެވެ.(ނަޙްލު: 105) އަދި ދޮގުހަދާމީހުންނަށް ވޭންދެނިވި އަޒާބު ހުރިކަމަށްވެސް އަންގަވާފައިވެއެވެ.(ބަޤަރާ: 10) މީސްތަކުންގެ އަބުރާއި ޢިއްޒަތަކީ ޙުރުމަތްތެރި ކުރައްވާފައިވާ އެއްޗެއްކަން އޮޅުމެއްނެތި އެނގެއެވެ.(متفق عليه) އެހެންކަމުން މީހަކު ދެކެ އަންނަ ރުޅިއަކީ އޭނާގެ އަބުރާއި ޢިއްޒަތް ވެއްޔާ މޮޑެލުން ހުއްދަވާނޭ ސަބަބެއްނޫނެވެ. ހަމަމިއާއެކު، ބިމުގައި ފަސާދަ އުފެއްދުމަކީ ނުބައިކަމެއްކަމާއި އެއީ ﷲ ތަޢާލާ ލޯބިވެވޮޑިނުގަންނާވާނެކަމަށް އަންގަވާފައިވެއެވެ.(ޤަޞަޞް: 77) ޤަޛުފުކުރުމަކީވެސް ﷲ ޙަރާމް ކުރައްވާފައިވާ ކަމެކެވެ.(ނޫރު: 23-25) އަދި މިއީ ޙައްދުގެ ޢުޤޫބާތް ކަނޑައެޅިވާ ފާފައެކެވެ. ޢިލްމުނެތި ދީނުގެ ވާހަކަތައް (ނުބައިކޮށް) ދައްކާމީހުންނަކީ އަމިއްލައަށް މަގުފުރެދި އެހެންމީހުން މަގުފުރައްދާ ބައެއްކަމުގައި ޙަދީޘްގައިވެއެވެ.(ބުޚާރީ: 1/98) މީގެއިތުރުން، ތިމާއަށް އެކަމެއްގެ ޙަޤީޤަތް ނޭނގޭ ވާހަކަތައް ދެއްކުމަކީވެސް ޙަރާމްވެގެންވާ، ފާފަވެރި ޢަމަލެއްކަން ކީރިތި ޤުރުއާނުން އެނގެއެވެ.(އިސްރާ:36) ހަމަމިއާއެކު، މީސްތަކުންގެ ޢައިބުތައް ހޯދައި ސިއްރުތައް ބޭޒާރުކުރުމުގެ ނުބައިކަމާބެހޭގޮތުން އައިސްފައިވާ ދަލީލުތައް ގިނައެވެ. ކުރީންވެސް ބުނިފަދައިން، ކީރިތި ޤުރުއާނުގެ އާޔަތްތައް ކިޔަވާފައި ޖަލްސާ ފެށުމަށްފަހު، ބުނެވިދިޔަފަދަ ފާފަތަކަށް އަރައިގަތުމަކީ މިހާރު ވަރަށް ބޮޑަށް ޢާއްމު ކަމެކެވެ. މި ނުބައި ޢަމަލުތައް ކުރާއިރު "ކަނު ލޯބީގައި" އަވަދިވާ ސަޕޯޓަރުން ހީނހީނފައި އަތްޖަހާން ތިބެއެވެ. ތިމާ ބަލައި ބެލެހެއްޓުން ލާޒިމުވެފައިވާ ފަރާތްތައް ދޫކޮށްލުމަށްފަހު، ލޯބިވާ ލީޑަރުންގެ ރުހުން ހޯދުމަށްޓަކައި، އެމީހުންގެ ގޮވައިލުމަށް ހާޒިރުވެ އެތައް ގަޑިއިރެއް ހޭދަކޮށްލައެވެ. ހިލޭ ފިރިހެނުންނާއި އަންހެނުން މަސްހުނިވެ ބީހި، އެއްބަޔަކު އަނެއްބައެއްގެ ކުރިމަތީގައި ނަށައި ވަނިވަނިލައްވައި ވަޖިދުވާ ފަހަރުވެސް އާދެއެވެ. މިހުންނަނީ ސިޔާސީ ބޭނުމަކަށްވިޔަސް އަދި އެހެން ބޭނުމަކަށްވިޔަސް، ދީނީގޮތުން ބަލާއިރު ހުއްދަވާނޭ ކަންކަމެއްނޫނެވެ. ކިތަންމެ ބޮޑު ލީޑަރެއްގެ ގޮވައިލުމެއްކަމަށްވިޔަސް، މިފަދަ ނުބައި ޢަމަލުތައް ކުރެވޭ މަޖިލިސްތަކަށް ހާޒިރުވުން ހުއްދައެއްނުވާނެއެވެ. ވީއިރު، ޑިމޮކްރަސީގެ ނަމުގައި ހިންގަމުންގެންދާ "ޣައިރު އިސްލާމީ" އެންމެހައި ޢަމަލުތަކާ ދުރުހެލިވެ ﷲ ގެ މަގަށް ރުޖޫޢަވަމާ ހިނގާށެވެ. ދެދުނިޔޭގެ ސަލާމަތްކަން ލިބޭނީ އޭރުންނެވެ. ރައްޔިތުންގެ ދެކެ ލޯބިވާ، ރައްޔިތުންނަށް ހެޔޮއެދޭ، ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކޮށްދޭކަމަށް ކެނޑިނޭޅި ބުނަމުންގެންދާ ސިޔާސީ ލީޑަރުންވެސް، އެ ދަޢުވާގެ ތެދުކަން ޢަމަލުން ސާބިތުކޮށްދޭށެވެ. އެ ދަޢުވާތައް ތެދުކަމުގެ އެންމެ ބޮޑު ޢަލާމާތަކަށްވާނީ ރައްޔިތުންގެ ދީން ޙިމާޔަތްކޮށްދިނުމެވެ. މީސްތަކުން ދީނާ ފެއަށްޖެހިދާފަދަ ޢަމަލުތައް އެބައިމީހުން ލައްވައި ނުކުރުވުމެވެ. ތާއީދު ހޯދުމުގެ ޖަލްސާތައް ފަށާއިރު ޤުރުއާން ކިޔަވައި، އެއަށް ފަހުގައި ޙަރާމްވެގެންވާ އެތައްކަމެއްކޮށް، އެންމެފަހުން ޖަލްސާ ނިންމައިލަމުން ﷲ އަށް ދުޢާކުރުމަކީ އިސްލާމްދީނަށް ޖޯކު ޖެހުމެވެ! މުސްލިމު ރައްޔިތުންތަކެއް ދެކެ ލޯބިވާ ބަޔަކުނަމަ އެފަދައިން ކަންތަކެއް ނުކުރާނެއެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ